ލިވަޕޫލުން މޮޅުވެ، ބަލިވުމުގެ ސިލްސިލާއަށް ނިމުން ގެނެސްފި

ލިވަޕޫލުން މޮޅުވެ، ބަލިވުމުގެ ސިލްސިލާއަށް ނިމުން ގެނެސްފި

Author
މުޙައްމަދު ޝަޒައިމް
01 މާރޗް 2021 10:19
0

އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް އެންމެފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލްގެ ބަލިވުމުގެ ސިލްސިލާއަށް ނިމުން ގެނެސްފިއެވެ. ޝެފީލްޑްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޝެފީލްޑްގެ ކީޕަރު އާރޮން ރާމްސްޑޭލް ވަނީ ފުރަތަމަ ހާފުގައި ލިވަޕޫލުން ފޮނުވާލި ހުރިހާ ހަމަލާއެއް ހުއްޓުވައިފަ އެވެ. އެކަމަކު ދެ ވަނަ ހާފުގައި ލިވަޕޫލްގެ ޒުވާން މިޑްފީލްޑަރު ކާޓިސް ޖޯންސް ވަނީ ލިބުނު ފުރުސަތުގައި ލަނޑު ޖަހައިފަ އެވެ. ލިވަޕޫލުން ޖެހި ދެ ވަނަ ގޯލަކީ ރޮބާޓޯ ފިރްމީނޯ ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޝެފީލްޑްގެ ކީން ބްރަޔަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ލީގުގެ ތާރީހުގައި ލިވަޕޫލުން ޖެހި 7000 ވަނަ ގޯލެވެ.

މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ލިވަޕޫލްއެވެ. އަދި ގިނަ ހަމަލާތައްވެސް އުދައްދާފައިވަނީ ވެސް ލިވަޕޫލެވެ. މިއީ ކްލޮޕްގެ ކޯޗުކަމުގެ ދަށުން ލިވަޕޫލްގެ ފަރާތުން އެންމެ ދަށް ކުޅުން ފެންނަ ސީޒަނެވެ.

މި މޮޅާއެކު ލިވަޕޫލް އޮތީ ތާވަލުގެ ހަވަނައިގައި 43 ޕޮއިންޓާއެކު އެވެ. ފަސްވަނައިގައި ޗެލްސީ އޮތީ އެއް ޕޮއިންޓް އިތުރަށެވެ. މެޗުން ބަލިވި ޝެފީލްޑް އޮތީ ތާވަލުގެ ފުލުގައި ޖުމްލަ 11 ޕޮއިންޓާއެކު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.