ތިން ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މިމަޝްރޫޢުގެ ދަޑުން ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ނިންމަފައިވާ 3 ރަށަކީ ހއ.މޮޅަދޫ، މ.ވޭވަށް، ލ.މުންޑޫއެވެ. އެ ތިން ރަށުގައި ފެނާއި ނަރުދަމާ ޤާއިމްކުރުމަށް ހަވާލުކޮށްފައިވަނީ ފުލެކްސިންކް ޕްރައިވެޓް ލިމިޓެޑާއެވެ.
މަޝްރޫޢުގެ ތަފްސީލް:
1- ހއ.މޮޅަދޫގެ ފެނާ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވަނީ 35.8 މިލިއަން ރުފިޔާއަށް 2އަހަރާ 2މަހުން މަސައްކަތް ނިންމާގޮތަށެވެ.
2- މ.ވޭވަށުގެ ފެނާ ނަރުދަމާ ނިޒާމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 32.6 މިލިއަން ރުފިޔާއަށް 2އަހަރާ 2މަސް ދުވަހުން ނިންމާގޮތަށެވެ.
3- ލ.މުންޑޫގައި ފެނާ ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވަނީ 35.5 މިލިއަން ރުފިޔާއަށެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީވެސް 2އަހަރާ 2މަސް ދުވަހުންނެވެ.
މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. އޭގެތެރޭގައި ސަރވޭ ކުރުމާއި އީއައިއޭ ހެދުމާއި ފެނާ ނަރުދަމާ ނިޒާމު ޑިޒައިންކުރުންވެސް ހިމެނެއެވެ. ދެން ހިމެނެނީ އާރްއޯ ޕްލާންޓާ ސްޓޯރޭޖް ޓޭންކް ބެހެއްޓުމާ، ނަރުދަމާގެ ޕަމްޕް ސްޓޭޝަން ޤާއިމުކުރުމާ، ސީ އައުޓް ފޯލް އެޅުމުގެ މަސައްކަތެވެ. އަދި ޚިދުމަތް ދިނުމަށް ބޭނުންވާ އިދާރީ އޮފީސް ޢިމާރާތް ހެދުމާއި ގޭގެއަށް ފެނާ ނަރުދަމާގެ ވިއުގަ ގުޅައިދިނުން ހިމެނެއެވެ.
މި މަޝްރޫޢަކީ 18ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ފަށާފައިވާ މަސައްކަތުގެ ބައެކެވެ. މީގެތެރެއިން 15ރަށުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވަނީ މިމަހުގެ 25ވަނަ ދުވަހުއެވެ. މި 18 ރަށުގެ މަސައްކަތަށް ޖުމްލަ 407މިލިއަން ރުފިޔާ ހޭދަވެއެވެ. މިއީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ.
މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފަރޫޤްއެވެ. އަދި ފުލެކްސިންކްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑައިރެކްޓާރ ނަޖާޙް ޝަރީފްއެވެ.
ކޮމެންޓު ފޮނުވާ