މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަންގައި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ގަން/ތުނޑި، ހަނދުވަރީހިޔާ، އަޙްމަދު ޝަމްޢޫން (30އ) އާއި ލ. ގަން/ތުނޑި، ރޯޝަންހިޔާ، އަޙްމަދު ޙުސާމް (26އ) އާއި ޏ. ފުވައްމުލައް/ދިނގުވާނޑު، ނައި، އިސްމާޢީލް އިފްހާމް މުޙައްމަދު (26އ) އާއި ލ. ގަން/ތުނޑި، އަބަދަށްއުފާ، މުޙައްމަދު ސުޢައިދު (23އ) އަދި ކ. މާލެ/މއ. މަލިކުރުވާގެ، ޢަބްދުﷲ ސާޖިޢު ޙަސަން (23އ) އެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތިވަނީ ހޯދާފައިވާކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ