ފުވައްމުލައް ސިޓީގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 2 ޒުވާނުންގެ ކުއްލި މަރާއިއެކު މުޅި ފުވައްމުލައް އޮތީ ހިތާމާގައެވެ.
މި އެކްސިޑެންޓުގައި މަރުވީ ފުވައްމުލަކު ކެޕްރީ، އަހުމަދު މުތީއު އަބްދުލްހަކީމް، 24އ އާއި ކޯން ސްލީޓް، އަލީ އާމިލް އަހުމަދު، 19 އެވެ. މިއަދުގެ އެކްސިޑެންޓު ހިނގާފައިވަނީ ހަވީރު 16:22 ހާއިރު ފުވައްމުލަކު ފުނާޑުގެ، ލެވިޝްގެ ކުރިމަތިން މުހައްމަދު ޖަމާލުއްދީން ނާއިބް ތުއްތު މަގުހުރި ކިނބި ގަހެއްގައި މި ދެޒުވާނުން ދުއްވަމުންދިޔަ ކާރު ކޮންޓްރޯލް ނުވެ ޖެހިންނެވެ. ފުލުހުން ބުނެފައިވަނީ މި ދެ ޒުވާނުން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައިކަމަށެވެ.

މި ދެޒުވާނުންވެސް ކާރުން ނެރެން ޖެހުނީ ގްރޭންޑަރުން ކާރުގެ ބައެއް ބައިތައް ކީހާލައިގެންނެވެ. ކާރަކީ މައްޗަށް ދޮރު ހުޅުވޭ ކާރަކަށްވުމުން ގަހުގައި ޖެހުނުގޮތަށް ކާރުގެ ދެ ދޮރުފަތްވެސް ބަނޑިވެ ހަލާކުވެފައިވާކަމަށް އެ ސަރަހައްދުގައި ހުރި މީހަކު ބުނެއެވެ.
މި ހިތާމަވެރި ހާދިސާއާއި ގުޅިގެން މުޅި ފުވައްމުލައް ސިޓީ އޮތީ ހިތާމައާއި ހިތްދަތިކަމުގައެވެ. ސިޓީގެ ގިނަ ރައްޔިތުން ތިބީ ހޮސްޕިޓަލު ކައިރިއަށް ޖަމާވެފައެވެ. އެސަރަހައްދުން ފެނިގެންދަނީ ރުއިމާއި ހިތްދަތިކަމުގެ މަންޒަރެވެ.
މިއަދު އެކްސިޑެންޓުގައި ނިޔާވި މުތީއު އަކީ އޮކްޓޫބަރު 2017 ގައި ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ވަރަށް ސީރިއަސް އަނިޔާތަކެއް ވެ، ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ކަނޑާލާފައި ވަނިކޮށް، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީ، ރަނގަޅުކުރި ޒުވާނެކެވެ. އޮކްޓޫބަރު ފަސް ވަނަ ދުވަހު ފުވައްމުލަކު ލިންކް ރޯޑްގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި މުތީއުގެ ފުއްޕާމެއަށް އަނިޔާވެ، ވާތު ކޮނޑު ކަށިގަނޑާއި ވާތު ފައި ބިނދުނުވެ ކަނާތު ކޮނޑު ހުޅަށް ވެސް އަނިޔާވެ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.
މިއަދުގެ ހިތާމަވެރި އެކްސިޑެންޓުގައި ދެ ޒުވާނުން ދުނިޔާއެއާއި ވަކިވެފައިވާއިރު، މީގެ 50 ދުވަސް ކުރިން ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިން ފެނިގެން، ފުވައްމުލަށް ސިޓީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނި ކޮށް ވަނީ މުޅި ރަށުގެ ލޯބި ހޯދި ޒުވާން އަޙްމަދު ފައުޒާން ޙަސަން ވެސް ނިޔާވެފައެވެ. ޒުވާން އުމުރުގައި ފުވައްމުލަކު ސިޓީގައި ނިޔާވާ އަދަދު އިތުރުވެ ސިޓީއަށް ލިބޭ ހިތާމަތައް މިވަނީ ބޮޑުވެފައެވެ.
ފައުޒާން ވަކިވެދިއުން، މުޅި ސިޓީއަށް ހަމަހިމޭންކަމާއި، ހިތްދަތިކަން
ޚަބަރު އޮންލައިންގެ ފަރާތުން މިއަދު ވަކިވެގެންދިޔަ ދެ ޒުވާނުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލެއްވުން އެދި ދުޢާކުރަމެވެ. އައި އާއިލާއަށް ކެތްތެރިކަން ދެއްވައި އިހުލާސްތެރި ތައުޒިޔާ ދަންނަވަމެވެ.
ކޮމެންޓު ފޮނުވާ