ފަޅޮލަކީ މޭވާގެ ތެރެއިން ރާއްޖޭގައި ވެސް އެންމެ އާންމު އެއް ބާވަތެވެ. ފަސޭހައިން ހެދޭ، ގިނަ ފައިދާތަކެއް ލިއްބައިދޭވެސް އެއްޗެކެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި ފަޅޯ އަޅުގަނޑުމެން ދިވެހިން ބޭނުންކުރަނީ ކެއުމަށެވެ.
ހާއްސަކޮށް ބަޑު ހިކި ބޮޑުކަމުދާން އުނދަގޫވާނަމަ އެންމެ ފުރަތަމަ ފަރުވާ އަކަަށް ވެފައި އޮންނަނީ ރަނގަޅަށް ދޮންވެފައި ހުންނަ ފަޅޮލެވެ.
ނަމަވެސް ފަޅޮލަކީ އޭގައި އެކުލެވޭ ގުދުރަތީ މާއްދާތަކުގެ ސަބަބުން މޫނުގެ އޮމާން ހަންގަނޑަކަށާއި ސިއްހަތު ރަނގަޅު އިސްތަށިގަނޑައް ހޯޯދުމަށްވެސް މުހިންމު އެއްޗެކެވެ. މިފަހަރު ފަޅޮލުން މޫނަށާއި އިސްތަށިގަނޑަށް ދެވޭނެ ފަރުވާއަކަށް ބަލާލާނަމެވެ.
ފަޅޮޅުން ފޭސް މާސްކެއް:
ފަޅޮލަކީ ޕޮޓޭޝިއަމް އެކުލެވޭ މޭވާއެކެވެ. މި މާއްދާގެ އެހީގައި ހަންގަނޑު ހިކުމާއި ކުރަކިވުމުން ދުރުކޮށްދީ ހަންގަނޑަށް އޮމާންކަމާއި އަލިކަން ގެނެސްދެއެވެ. އަދި މާމުޔާ އެކުވުމުން މިއީ ވަރަށްވެސް ފައިދާހުރި ގުދުރަތީ ކްލެންސަރ އެއް އަދި މޮއިސްޗަރައިސަރ އެކެވެ. ހަންގަޑުން އޮށާޅަފިލުވާލަ ދެއެވެ. އެހެންކަމުން ފަޅޮލާއި މާމުއި އެއްވުމުން ހަންގަޑަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެކުގައި ގާތްގަނޑަކަށް ލިބުނީއެވެ.
ފަޅޮލުން ފޭސް މާސްކް ހެދުމަށް ފަޅޮލެއްގެ ދެބައިކޮށް އެއްބައި ޗަސްކޮށްލައި، 2 ސަމުސާ މާމުއި އެއްކޮށް ރަނގަޅަށް އޮމާން ޕޭސްޓް ގަނޑަކަށް ވަންދެން އެއްކޮށްލާށެވެ. މޫނާއި ކަރުގައި މި ޕޭސްޓް އުނގުޅާލުމަށްފަހު 15 މިނިޓް ފަހުން ދޮވެލާށެވެ. އަދި މަޑުމަޑުން މޫނު ހިއްކާލާށެވެ.
ފަޅޮޅުން ހެއަރ މާސްކް:
ހިކިފައި އަދި ހަލާކުވެފައި ހުންނަ އިސްތަށްޓަށް ފަޅޮލަކީ ފަރުވާއެކެވެ. މީގެއިތުރަށް ފަޅޮލާއި ދޮންކެޔޮ އެއްވުމުން ދޮންކޭލުގައި ހުންނަ ޕޮޓޭޝިއަމާއި ވިޓަމިންގެ އެހީގައި އިސްތަށިގަނޑު ހައިޑްރޭޓްކޮށް ބާއްވައި ދެއެވެ. މީގެ ތެރެއަށް އޮލީވް އޮއިލް އެއް ވުމުން އޭގައި އެކުލެވޭ ފެޓްސްގެ އެހީގައި އިސްތަށިގަނޑު ދުޅަހެޔޮކޮށް ހެދިބޮޑުވެއެވެ.
ފަޅޮލުން އިސްތަށިގަނޑަށް މާސްކް ތައްޔާރުކުރުމަށް ފަޅޮލެއްގެ ދެބައިކޮށް އެއްބައި، 2 ވަށް ދޮންކޭލާއެކު ރަނގަޅަށް މިކްސަރުން ގިރާލާށެވެ. މީގެ ތެރެއަށް ބައިޖޯޑު އޮލީވް އޮއިލް އާއި ދެސަމުސާ މާމުއި އެއްކޮށްލުމުން ހެއަރ މާސްކް ތައްޔާރުވީއެވެ.
މި ތައްޔާރުކުރި ހެއަރ މާސްކް އިސްތަށިގަނޑުގައި އުނގުޅާލުމަށްފަހު 45 މިނިޓާއި 1 ގަޑީރާ ދެމެދުގެ ވަގުތަކަށް ބެހެއްޓުމަށްފަހު އެހާ ބާރުގަދަ ނޫން ޝޭމްޕޫއެއް ބޭނުންކޮށްގެން ދޮވެލާށެވެ. އިސްތަށިގަނޑުގައި ހެއަރ މާސްކް އުނގުޅާފައި ބާއްވާ ވަގުތު ހޫނު ތުވާއްޔަކުން ބޯ ނިވާކޮށްލާފައި ބޭއްވުމުން މީގެ އަސަރު ބޮޑަށް ކުރާނެއެވެ.