އަރުމީނިއާގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދިނުމަށް އެގައުމުގެ ސިފައިންގެ އިސް ޖެނެރަލުން އޭނާއަށް ޕްރެޝަރ ކުރިމަތި ކުރުވަމުން ދާ ކަމަށާއި، އަދި އެއީ އެގައުމުގެ އަސްކަރިއްޔާއިން ގެނައުމަށް މަސައްކަތް ކުރަމުންދާ ބައާވާތެއް ކަމުގައި އަރުމީނިއާގެ ބޮޑުވަޒީރު ނިކޮލް ޕެޝިންޔަން ވިދާޅުވެއްޖެއެވެ.
ނަގޯނޯ ކަރުބާޚުގެ މައްސަލާގައި، އަރިމީނިއާއާއި އާޒަރުބައިޖާންއާ ދެމެދު ފާއިތުވެދިޔަ އަހަރު ހިގި ހަގުރާމައަށްފަހު، ހަގުރާމަ ހުއްޓާލުމުގެ ގޮތުން ވެވުނު ސުލްގައިގެ އެއްބަސްވުމުގެ ދަށުން، އެ ސަރަހައްދުގެ ބޮޑުބައެއް އަރުމީނިއާއިން އާޒަރުބައިޖާނަށް ދޫކޮށްލުމާ ގުޅިގެން، ބޮޑުވަޒީރު މަގާމުން ދުރަށް ދިއުމަށް ގޮވާލާ އެގައުމުގައި މުޒާހިރާތައްވެސް ހިގާފައިވެއެވެ. އަދި އެއަށްފަހު ސިޔާސީ ފަރާތްތަކުންނާ އަދި އިތުރު އެތައް ދިމާލަކުން، މަގާމުން އިސްތިއުފާ ދިނުމަށް އޭނާއަށް ޕްރެޝަރ ކުރިމަތި ވެފައި ވެއެވެ.
ހަ ހަފްތާ ވަންދެން ކުރިޔަށްދިޔަ ހަގުރާމަ ނިމިގެން ދިޔައީ ރަޝިއާ މެދިވެރިއެއްގެ ދައުރު އަދާކޮށްގެން، ފާއިތުވެދިޔަ ނޮވެމްބަރުމަހު ގާއިމް ކުރެވުނު ސުލްހައިގެ އެއްބަސްވުމަކަށް ފަހުއެވެ.
އަރުމީނިއާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބޮޑުވަޒީރުގެ ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލުމާ ގުޅިގެން، އޭނާވަނީ، އެގައުމުގެ އަސްކަރިއްޔާއިން ގެނައުމަށް މަސައްކަތް ކުރަމުންދާ ބަޣާވާތާ ދެކޮޅޮށް، އޭނާއަށް ތާއީދުކުރާ ފަރާތްތަކުން މުޒާހިރާ ކުރުމަށް ނިކުތުމަށް ގޮވާލާފައެވެ.
އަދި އޭނާވަނީ، އަމިއްލަ ފޭސްބުކް އެކައުންޓުން ލައިވް ސްޓްރީމްކޮށް، ގައުމާ މުޚާތަބުވެސް ކުރައްވާފައެވެ.
އިންޓެފެކްސް ނޫސް އޭޖެންސީން ރިޕޯޓު ކުރާގޮތުގައި، ބޮޑުވަޒީރު ޕެޝިންޔަން މިހާރުވަނީ، އަަރުމީނިއާގެ ދިފާޢީ ބާރުގެ ޖެނެރަލް ސްޓާފް މަގާމުން ވަކިކޮށްފައެވެ.
ބޮޑުވަޒީރު އިސްތިއުފާދިނުމަށް ގޮވާލާ އަސްކަރިއްޔާއިން ނެރެފައިވާ ބަޔާން ތަންފީޒު ކުރުމުގެގޮތުން، އަސްކަރިއްޔާއިން ބާރުގެ ބޭނުން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
އަރުމީނިއާގެ ބޮޑުވަޒީރު މަގާމުން ދުރުކުރުމަށް އެގައުމުގެ އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތްތަކަކީ ކުރިޔަށްދާ ބަޢާވާތެއްގެ ގޮތުގައި ތުރުކީން މިއަދު ވަނީ ސިފަކޮށްފައެވެ. "އަރުމީނިއާގައި ގެނައުމަށް މަސައްކަތް ކުރަމުންދާ ބަޢާވާތް ހަރުކަށި އިބާރާތުން ކުއްވެރިކުރަން،" މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ތުރުކީގެ ޚާރިޖީ ވަޒީރު، މިވްލަޓް ކަވުސޮގްލް ވިދާޅުވެފައި ވެއެވެ.
ތުރުކީއަކީ، އާޒަރުބައިޖާންއާއި އަރިމީނިއާ ދެމުދު 6 ހަފްތާވަންދެން ކުރިޔަށްދިޔަ ހަގުރާމައިގައި، އާޒަރުބައިޖާނަށް ތާއީދު ކުރި ގައުމެކެވެ.
ނަގޯނޯ ކަރުބާޚްއަކީ ބައިނަލްއަގުވާމީ ގޮތުން އާޒަރުބައިޖާނަށް ނިސްބަތްވާ ސަރަހައްދެކެވެ. އެހެންނަމަވެސް 145،000 މީހުން ދިރިއުޅެމުންދާ މިސަރައްހައްދުގައި ދިރުއުޅެމުންދަނީ އަރުމީނިޔާ ދަރިކޮޅުގެ ރައްޔިތުންނެވެ. ބައިނަލްއަގުވާމީގޮތުން މިސަރަހައްދަކީ އާޒަރުބައިޖާނުގެ ސަރަހައްދެއްކަމުގައި ބަލައިގެންފައިވި ނަމަވެސް މިސަރަހައްދުގައި އަމިއްލަވަންތަ ވެރިކަމެއް ކުރަމުންދަނީ މިސަރަހައްދުގައި ދިރިއުޅެމުންދާ އަރުމީނިޔާ ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ. އަދި ކަރުބާކުގައި ދިރިއުޅެމުންދާ އަރުމީނިއާ ދަރިކޮޅުގެ ރައްޔިތުން ބޭނުންވަނީ އެސަރަހައްދަކީ އަރުމީނިޔާއަށް ނިސްބަތްވާ ސަރަހައްދެއްގެ ގޮތުގައި ދެމިއޮތުމަށެވެ.
މީގެ 30 އަހަރުކުރިން ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިއުމާއިގުޅިގެން، އާޒަރުބައިޖާން އަތުން ވަނީ މިސަހައްދުގެ ކޮންޓްރޯލް ގެއްލިފައެވެ. އެހެންނަމަވެސް، 1994 ވަނަ އަހަރުން ފެށިގެން ދެފަރާތުން އަމަލުކުރަމުންދާ ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލެވިފައި އޮވެއެވެ. ކަރުބާޚުގެ މައްސަލަ އާޒަރުބައިޖާންއާއި އަރުމީނިޔާއާއި ދެމެދު އުފެދިފައިވަނީ 1988 ވަނަ އަހަރުއެވެ.
ކޮމެންޓު ފޮނުވާ