ދާދިފަހުން ރަޝިއާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން، ކުއްވެރިން ބަދަލުކުރުމަށް ސީރިއާއާއި އިސްރާއީލާ ދެމެދު ކުރެވެނު މުއާމަލާތުގެ ތެރެއިން، އިސްރާއީލުން ސީރިއާއަށް އާދަޔާ ޚިލާފު އިތުރު އެހެން އެހީއެއް ފޯރުކޮށްދީފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ކުއްވެރިން ބަދަލު ކުރުމަށްޓަކާ ދެގައުމުގެ މެދު ފާއިތުވެދިޔަ ހަފްތާފައި ކުރެވުނު މުއާމަލާތުގެ ތެރެއިން، އިސްރާއީލުގެ ބާރުގެ ދަށުގައިވާ ސަރަހައްދަށް ވަން ސިރިޔާގެ ދެމީހަކު އިޒްރާއީލުން މިނިވަން ކުރުމުގެ ބަދަލެއްގެ ގޮތުން، ސީރިއާއިންވަނީ، ގޯލާންގެ ބޯޑަރު ހުރަސްކޮށް ސީރިއާގެ ސަރަހަދަށް ވންް އިސްރާއީލުގެ އަންހެނަކު މިނިވަން ކޮށްދީފައެވެ.
އެހެންނަމަވެސް، ކުއްވެރިން ބަދަލު ކުރުމުގެ މި މުއާމަލާތުގެ ތެރޭގައި ހިމެނޭ އެހެނިހެން ކަންކަން ހާމަކުރުމަށް އިސްރާޢީލުގެ ރަސްމީ ފަރާތްތަކުން ވަނީ ދެކޮޅު ހަދާފައެވެ. ސަބަބަކީ މި ކަންކަން ހާމަކުރުމަކީ އިސްރާއީލުގެ އަސްކަރިއްޔާއިން ސެންސަރުކުމަށް ހަމަޖައްސާފައިވާ އުސޫލުތަކުގެ ތެރެއިން މަނާ ކުރާ ކަމަކަށް ވާތީއެވެ.
އެހެންނަމަވެސް، ކުއްވެރިން ބަދަލުކުރުމުގެ މުއާމަލާތުގެ ތެރޭގައި އެކުލެވޭ އެހެނިހެން ކަންކަމުގެ މައުލޫމާތު އެގިހުރި ފަރާތްތަކުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ސިރިއާއާއެކީ ކުއްވެރިން ބަދަލުކުރުމަށް ހެދި މިއެއްބަސްވުމަށް އަމަލީ ސިފަ ގެނައުމަށްޓަކާ، ރަޝިއާއިން ހުށަހަޅައިގެން، އެގައުމުގެ ސްޕުންޓިކްV ވެކްސިންގެ އެތައް މިލިއަން ޑޯޒެއް ސީރިއާއަށް ސަޕްލައި ކުރުމަށް އެތައް މިލިއަން ޑޮލަރެއް ދެއްކުމަށް އިސްރާއީލުން ވަނީ އެއްބަސްވެފައެވެ.
"އިންތިޚާބުގައި މީގެ ގެއްލުން ކުރާނެކަން އެގިތިބެ، ބޮޑުވަޒީރު ނަތަންޔާހޫއާއި، ޚާރިޖީ ވަޒީރު ގާންޒް ވަނީ، ސީރިއާގެ އެތައް މިލިއަން ރައްޔިތުންނަށް ބޭނުންވާ، ރަޝިއާގެ ސްޕުންޓިކްVގެ އެތައް މިލިއަން ޑޯޒަކަށް އިސްރާއީލުން ފައިސާ ދައްކާފައިވާކަން ސިއްރުކުރުމަށް އަސްކަރިއްޔާއަށް އަމުރު ކޮށްފަ. މި ވެކްސިންތަކަށް ޚަރަދު ކޮށްފައިވާ އަދަދެއް ކެބިނެޓަށްވެސް އަންގާފައެއް ނެތް،" އަލްޖަޒީރާ ނޫހަށް މައުލޫމާތު ދީފައިވާ، ނަންހާމަ ކުރަން ބޭނުން ނުވާ އިސްރާއީލުގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.
ފާއިތުވެދިޔަ ހަފްތާގައި، އިސްރާއީލުގެ ސެކިއުރީޓީ ކެބިނެޓުން، ސީރިއާއާއި އިސްރާއީލާ ދެގައުމުގެ ދެމެދުގައި ކުއްވެރިން ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބައްދަލު ކޮށްފައިވާކަމަށް އިސްރާއީލުގެ ރަސްމީ ފަރާތްތަކުން ރިޕޯޓު ކޮށްފައިވެއެވެ.
އެހެންނަމަވެސް، އިސްރާއީލުގެ އަލްޓްރާއޯތޮޑޮކްސްއަށް ނިސްބަތްވާ އެގައުމުގެ ރައްޔިތަކު، ސީރިޔާގެ ދެ ރައްޔިތެއްގެ ބަދަލުގައި މިނިވަންކުރުމަށްޓަކާ، އިސްރާއީލުގެ އެންމެ ސީނިއަރ އޮފިޝަލުންގެ ހުއްދަ ބޭނުންވީ ކޮންސަބަބަކާ ހެދިކަމެއް ސާފު ވެފައެއް ނުވެއެވެ. އެހެންނަމަވެސް، ނަން ހާމަކުރަން ބޭނުން ނުވާ އޮފިޝަލުން ދީފައިވާ މައުލޫމާތުތަކަށް ބުރަވެ، ފަހުން އެގިފައިވާ މައުލޫމާތުތައް ބުނާގޮތުގައި، އިސްރާއީލުގެ އެންމެ އިސްއޮފިޝަލުންގެ ހުއްދަ މިމުއާމަލާތަށް ބޭނުންވީ، ސިރީއާއަށް ފޯރުކޮށްދޭ ވެކްސިންތަކަށް ފައިސާ ދެއްކުމުގެ ހުއްދަ ދިނުމުގެ ގޮތުންނެވެ.
ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި އިސްރާއީލުންވަނީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް އެތަކެއް މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން އެގައުމުންވަނީ، ސީރިއާގެ ސަރުކާރާ ދެކޮޅު، ވަކިވެގަތުމަށް ހަގުރާމަ ކުރާ އަލް-ނުސްރާ ފްރޮންޓުގެ ހަގުރާމަވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މީގެ އިތުރުންވެސް އިސްރާއީލުންވަނީ، ސީރިއާގެ ސަރަހައްދުގައިވާ، ސީރިއާއާއި އަދި އީރާނުގެ އަމާޒުތަކަށްވެސް އަސްކަރީ އެތަކެއް ހަމަލާތަކެއް ދީފައެވެ.
އަދި އިސްރާއީލުން ގެންދަނީ، 1970 ވަނައަހަރު ސީރިއާ އަތުން ހިފާފާއިވާ ގޯލާންގެ ބިންތައް އަދިވެސް އިސްތިއުމާރު ކުރަމުންނެވެ.