ފުވައްމުލައް ސިޓީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ޖެންޑަރ މިނިސްޓްރީން ފަށައިފިއެވެ.
ފުވައްމުލައް ސިޓީ މޮނިޓަރިންގ ޙާލަތަށް ގެނައުމާ ގުޅިގެން އެ ސިޓީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ފަށާފައިވަނީ މިދޔަ އަންގާރަ ދުވަހުއެވެ.
ޖެންޑާރ މިނިސްޓްރީން ބުނީ، ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފުވައްމުލައް ސިޓީގެ ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ގުޅައި، ބޭނުންވާ އެހީތެރިކަން ދެނެގަނެ، "ކެއަރ ޕެކޭޖަސް" ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެ މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ފުވައްމުލައް ސިޓީގައި މިހާރު އޮތް މޮނިޓަރިންގ ޙާލަތާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީިނުންކަމަށާއި، އެ ފަރާތްތަކުގެ އަސާސީ ބޭނުންތައް ދެނެގަނެ، މި ފަދަ ޞިއްޙީ ޙާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.
Ministry distributing care packages to families in need, across the Fuvahmulah City currently under monitoring.https://t.co/9eFz2JNgML pic.twitter.com/W9fxyysodk
— Ministry of Gender, Family and Social Services (@MoGFSSmv) February 18, 2021
އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފޯރުކޮށްދެމުން އަންނަނީ، ކާބޯތަކެތީގެ އިތުރުން ސެނިޓައިޒަރ، މާސްކް، އަންގި ފަދަ ތަކެއްޗެވެ. އެގޮތުން މިހާތަނަށް 40 ކެއަރ ޕެކޭޖަސް ވަނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެވިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.
— Ministry of Gender, Family and Social Services (@MoGFSSmv) February 18, 2021
މި މަސައްކަތުގައި ފުވައްމުލައް ސިޓީގައި ޤާއިމުކޮށްފައިވާ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތުގައި ފުވައްމުލައް ސިޓީގެ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންކަމަށްވެސް ޖެންޑަރ އިން ބުންޏެވެ.
ކޯވިޑާއި ގުޅިގެން މީގެ ކުރިންވެސް މޮނިޓަރިންގ ޙާލަތަށް ގެނެވޭ ރަށްތަކުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ޖެންޑަރ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެ ގޮތުން މި މަހުގެ 11އިން ފެށިގެން އައްޑޫ ސިޓީގެ އެކި ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޖެންޑަރ އިން ބުންޏެވެ.
ކޮމެންޓު ފޮނުވާ