ހިޔާގެ 3 ކެޓަގަރީއަކުން ފުލެޓް ނުދިނުމަށް ނިންމާ ފޯމްތައް ބާޠިލްކޮށްފި

ހިޔާގެ 3 ކެޓަގަރީއަކުން ފުލެޓް ނުދިނުމަށް ނިންމާ ފޯމްތައް ބާޠިލްކޮށްފި

Author
މުޙައްމަދު ޖިމީ
18 ފެބްރުއަރީ 2021 04:15
0

ހިޔާ މަޝްރޫޢޫގެ ދަށުން ފްލެޓު ދިނުމަށް ކުރީ ސަރުކާރުން ކަނޑައެޅި ތިން ކެޓަގަރީއެއްގެ ފޯމްތައް ބާޠިލްކޮށް ފްލެޓް ނުދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ފްލެޓް ނުދިނުމަށް ކަނޑައަޅާފައިވަނީ އެއް ކޮޓަރީގެ ފްލެޓް ކެޓަގަރީތަކުންނެވެ. އެ ކެޓަގަރީތަކުން ފްލެޓަށް އެދި ހުށައަޅާފައިވާ ހުރިހާ ފަރާތްތަކަށް ފްލެޓް ދިނުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައިވެއެވެ. ނަމަވެސް މިސަރުކާރުން  ފްލެޓް ނުދިނުމަށް ނިންމާ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ކެޓެެގަރީތަަކީ:

  1. H11 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި))
  2. H13 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި))
  3. H15 (އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ (1 ކޮޓަރި))

ފްލެޓް ނުދިނުމަށް ނިންމާ ސަރުކާރުން ކޮށްފައިވާ ޢާންމު އިޢުލާންގައި ވަނީ 2018 ވަނަ އަހަރު "ހިޔާ" މަޝްރޫޢަށް އިޢުލާންކުރެއްވިއިރު، އެ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން 1 ކޮޓަރީގެ ކެޓަގަރީތަކަށް (H11 އިން H15 އަށް) ފްލެޓް ދޫކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ފޭސް 2 ގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން 1 ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށްފަހުކަމަށް ބުނެފައިވެއެވެ.

އެގޮތުން ހައުސިން މިނިސްޓްރީއިން ވަނީ ސަރުކާރުން ގަތުމަށް ލިބެންހުރި ފްލެޓްތަކާ ބެހޭ މައުލޫމާތު، ހުޅުމާލެ ފޭސް 2 ގައި ޓަވަރުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިތަކުން ހޯދާފައިކަމަށާއި، އެ މިނިސްޓްރީއަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ސަރުކާރުން ގަތުމަށް ލިބެންހުރީ ހަމައެކަނި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ސަރުކާރަށް އެލޮކޭޓްކޮށްފައިވާ 36 ފްލެޓްކަމަށްވެސް ސަރުކާރުގެ އިޢުލާންގައިވެއެވެ.

އެހެންކަމުން މިހާރު ސަރުކާރަށް ގަތުމަށް ލިބެންހުރި 36 ފްލެޓް، "ހިޔާ" މަޝްރޫޢުގެ H14 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ (1ކޮޓަރި) ކެޓަގަރީއަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެލޮކޭޓްކުރުމަށްފަހު، ބާކީވާ ފްލެޓްތައް، "ހިޔާ" މަޝްރޫޢުގެ H12 (މާލޭ ރަށްވެހިންނަށް ޚާއްސަ (1 ކޮޓަރި)) ކެޓަގަރީއަށް އެލޮކޭޓްކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށްވެސް އިޢުލާންގައިވެއެވެ.

އެހެންކަމުން ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފްލެޓް ގަންނަން ލިބެން ނެތުމުގެ ސަބަބުން އެ ކެޓަގަރީތަކަށް ހުށަހަޅާފައިވާ ފޯމުތައް ބާޠިލްކުރުމަށް ނިންމާފައިވާކަމަށްވެސް ސަރުކާރުގެ އިޢުލާންގައިވެއެވެ.

އެއް ކޮޓަރީގެ ފްލެޓްތައް ނުދިނުމަސް ސަރުކާރުން ނިންމާފައިވާއިރު، އެއް ކޮޓަރީގެ ފްލެޓްތަކަށް އެދުނު ހުރިހާ އެންމެނަށްވެސް ފްލެޓް ދޭން ކުރީ ސަރުކާރުން ނިންމާފައިވެއެވެ. ނަމަވެސް ކުރީ ސަރުކާރުން ފްްލެޓްތައް ދިނުމަށް ނިންމާފައިވަނީ ގޯސްކޮށްކަމަށް ބުނެ، މިސަރުކާރުން ވަނީ ފްލެޓްތަކުގެ މައްސަލަތައް ބެލުމަށް ކޮމިޓީއެއް އެކުލަވާލާފައެވެ. އަދި އެ ކޮމިޓީން ފެލެޓްތަކުގެ މައްސަލަތައް ބަލައި ދެކޮޓަރީގެ ފްލެޓްތަކުގެ ތެރެއިން މިހާރު ވަނީ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ޢާންމުކޮށްފައެވެ.

ނަމަވެސް މިސަރުކާރުން ފެލެޓް ދީފައިވަނީ ސަރުކާރައި ގާތް މީހުންނަށްކަމަށާއި، އެންމެ ހާލުގައި ދިރިއުޅޭ އަދި ފްލެޓް ހައްގުވާ އެތައް ބަޔަކަށް ފްލެޓް ދީފައި ނުވާކަމުގެ ކަންބޮޑުވުމާއި ޝަކުވާާ ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ. އެކަމާއި ގުޅިގެން އިދިކޮޅުން ދަނީ ސިލްސިލާ މުޒާހަރާތައްވެސް ކުރަމުންނެވެ.

އަދި މިސަރުކާރަށް ތާޢީދުކުރާ ބައެއް ފަރާތްތަކުން ވަނީ ބޯހިޔާވަހިކަމަށް ހައްލެއް ގެނެވޭނީ "ހިޔާ" މަޝްރޫޢު ކުރިއަށް ގެންދިއުމުގައި އިސްކޮށް އުޅުއްވި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުއަކަމަށް ބުނެ މާލޭގެ މޭޔަރުކަމަށް މުޢިއްޒުއަށް ތާޢީދުކުރުމަވެސް ނިންމާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.