ޕީޖީ ޝަމީމް

ކުޑަކުދިންނަށް ކުރާ ޖިންސީ މައްސަލަތައް ބެލުމުގައި ބޮޑެތި ކުރިއެރުން

ކުޑަކުދިންނަށް ކުރާ ޖިންސީ މައްސަލަތައް ބެލުމުގައި ބޮޑެތި ކުރިއެރުން

ގުޅުންހުރި

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ބެލުމުގައި ބޮޑެތި ކުރިއެރުން ހޯދެމުންދާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވެއްޖެއެވެ.

އެމަނިކުފާނުގެ އަމިއްލަ ބްލޮގްގައި މަޤާމާއި ހަވާލުވި ފަހުން ކުޑަކުދިންނަށް ކުރާ ޖިންސީ އަމަލުތަކުގެ މައްސަލަތައް ބެލުމުގައި ކުރައްވަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ ވަރަށް ތަފްސީލީ ރިޕޯޓެއް ޝާއިރު ކޮށްފައެވެ. މި ރިޕޯޓުގައި މައްސަލަތައް ހުށަގެޅުނު މިންވަރާއި، މައްސަލަތައް ނިމުނު މިންވަރުވެސް ހިއްސާ ކުރައްވާފައިވެއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ އޭނާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާ ޙަވާލުވީ 8 ޑިސެމްބަރ 2019 ދުވަހުގައިކަމަށެވެ. އަދި ޖެހިގެން އައި ޖަނަވަރީ 2020 އަކީ، ރާއްޖޭގެ ތާރީޚުގައިވެސް ނުދެކޭފަދަ ގޮތްކުޑަ ގޮތަކަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވި މަހެއްކަން ފާހަގަކޮށް ޕީޖީ ވިދާޅުވީ ގއ. ކަނޑުހުޅުދޫގައި، ކާފައަކާއި މުނިކާފައެއް ޢުމުރުން ދެއަހަރުގެ ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައަކާއެކު އެންމެން ތިބީ ކަންބޮޑުވެފައިކަމަށެވެ. އަހަރު ނިމުނުއިރު، 2019 ވަނަ އަހަރަށްވުރެ، 2020 ވަނަ އަހަރު، ދަޢުވާ ކުރެވުނު މީހުންގެ ޢަދަދު 65% އިތުރުވެފައިވާއިރު، ކުރެވުނު ދަޢުވާތަކުގެ ޢަދަދު 63% އިތުރުކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި އޮތް އިންޓަވިއުގައި އަޅުގަނޑު އެމަޤާމަށް ޢައްޔަން ކުރައްވައިފިނަމަ، ދެކަމެއް ކުރާނެ ކަމުގެ ޔަޤީންކަން އެރުވިން. އެއީ، އެމް.އެމް.ޕީ.އާރުސީގެ މައްސަލަ ކޮޅެއްގައި ޖެއްސުމާއި، ކުޑަކުދިންނާމެދު ޖިންސީ ޢަމަލު ކުރާ މީހުންގެ މައްސަލަތައް ބާރަށް ކުރިއަށް ގެންގޮސް، އެއީ ރާއްޖޭގައި މީހުންނަށް ކުރަން ޖެހިލުންވާވަރުގެ ކަމަކަށް ހެދުން. މީގެ ތެރެއިން، ދެވަނަ ކަންތައް މިހާރު ގޮސްފައިވާ ހިސާބު ދަންނަވާލާނަން.

– ޕީޖީ ވިދާޅުވިއެވެ.

ފުރަތަމަ އިމްތިޙާނު

ގއ. ކަނޑުހުޅުދޫގައި ދެބަފައިންވެގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކީ މިގޮތުން ކުރިމަތިވި ފުރަތަމަ އިމްތިޙާނެވެ. އެމައްސަލައިގެ ހާދިސާ ރައްޔިތުންގެ ސަމާލުކަމަށް އައިއިރު، ދައުލަތުގެ މުއްސަސާތަކަށް ކުރެވުނު ކަމެއް ގާތްގަނޑަކަށް ނެތެވެ. ދައުލަތް އޮތީ ފަހަތު ފަޔަށް ބުރަވެފައެވެ. ހާދިސާ ހިނގާ، ހުރިހާ ކަމެއްވެ ނިމުމުން ތަޙްޤީޤެއް ފެށިއެވެ. މީހުން ހައްޔަރު ކުރުމުގައިވެސް ފަސްޖެހުމެއް އޮތެވެ. ތަޙްޤީޤުގައިވެސް އެންމެ ރަނގަޅު އިސްޕީޑުގައި، އޮތީ ކުރިއަށް ނުކެނޑިއެވެ.

ސީދާ ފިޔަވަޅުތަކެއް

އެހިސާބުން މައްސަލައިގެ ތެރެއަށްވަދެ، އަޞްލު މައްސަލަ ދެނެގަތުމުގެ މަސައްކަތް ފެށީމެވެ. މުޅި ދައުލަތުގެ ހުރިހާ އިދާރާތައް ގުޅިގެންނެވެ. މިކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް ޖެންޑަރާއި އެޓަރނީ ޖެނެރަލްގެ އޮފީހާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ރައީސް އޮފީހުގެ ކަމާބެހޭ ހުރިހާ މީހުން އިށީނދެ ޕްލޭނެއް ހެދީމެވެ. މިބައްދަލަވުންތައް އޮތީ އަޅުގަނޑުގެ އޮފީހުގައެވެ. ރިޔާސަތު ބެލެހެއްޓެވީ ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތެވެ.

ފުރަތަމަ ފަށައިގަތީ، ވަކިވަކި މައްސަލަތަކުގައި ތަޙްޤީޤު ކުރިއަށް ގެންގޮސް، ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ވަގުތުން ވަގުތަށް ޙައްލު ހޯދުމަށެވެ. ތަޙްޤީޤު ކުރިއަށް ދާއިރު، ޕްރޮސިކިއުޓަރުންގެ ދައުރު އިތުރަށް ފުޅާ ކުރީމެވެ. ސޯޝަލް ވަރކަރުންވެސް އެމަސައްކަތުގެ ތެރޭގައި ޙަރަކާތްތެރިވިއެވެ. ފުލުހުންގެ ތަޙްޤީޤު ފުރިހަމަކުރަން ބޭނުންވާ އެސެސްމަންޓުތަކާއި، އެނޫންވެސް ކަންކަން ފަހިކޮށްދިނީމެވެ. އިތުރު ތަމްރީނާއި ތާޒާ ކުރުމުގެ ކުރު ކޯސްތައް ހިންގީމެވެ. މިމަސައްކަތް ފަށައިގަތީ ސީދާ ވަޒީރުން ފެންވަރުގައެވެ. މިމަސައްކަތުގައި، ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި، މިނިސްޓަރ އޮފް ޖެންޑަރ އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، އަޅުގަނޑާއެކު ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިމަސައްކަތް ދުވަސްކޮޅަކު ހިންގުމަށްފަހު، އެބައި އަޅުގަނޑުމެން ދެން ޙަވާލުކުރީ، ފަންނީ ބޭފުޅުންނާއެވެ. އިންވެސްޓިގޭޓަރުންނާއި ޕްރޮސިކިއުޓަރުންނާއި ސޯޝަލް ވަރކަރުން މިމަސައްކަތް ބާރަށް ކުރިއަށް ގެންދެވިއެވެ. އެބޭފުޅުންގެ މަސައްކަތުން، މިބާވަތުގެ މައްސަލަތައް ކުރިއަށް ގެންދާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލެވި، އެންމެންނަށް އެނގިއްޖެއެވެ. ކޯޑިނޭޝަން ބޮޑުތަކުން ރަނގަޅުވިއެވެ.

ނަތީޖާ! 2019 އިން 2020 އަށް

ފޯކަސްކޮށް ވަކި އަމާޒެއް އޮވެގެން މަސައްކަތެއް ކޮށްފިނަމަ، އެމަސައްކަތުގެ ނަތީޖާ ނެރެވޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

2019 ވަނަ އަހަރު ޕީޖީ އޮފީހުން ކޯޓުތަކަށް ހުށަހެޅީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތަފާތު 23 ބާވަތެއްގެ 142 ދަޢުވާއެވެ. ދަޢުވާ ލިބުނީ 102 މީހުންނަށެވެ. މަހަކު އެވްރެޖްކޮށް 12 މައްސަލަ ކޯޓަށް ހުށަހަޅަމުން ގެންދިޔައެވެ. އެންމެ ގިނައިން ހުށަހެޅިފައި އޮތީ މާލޭގެ ކޯޓުތަކަށް (70 މައްސަލަ) އެވެ. އެއަށްފަހު ހައްދުންމަތީގެ އެކި ކޯޓުތަކަށް 14 މައްސަލައެވެ. 16 އަތޮޅަކަށް މައްސަލަ ހުށަހެޅުނެވެ.

އެއަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން، %10.5 (15 މައްސަލައިގައި)، އެއަހަރު ތެރޭގައި ކޯޓުން ޙުކުމެއް ކުރައްވާފައިވެއެވެ. 2019 ވަނަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން އަދިވެސް ނުނިމި ކޯޓުތަކުގައި 60% (85 މައްސަލަ) އެބަ ހިނގައެވެ.

2020 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، އެއަހަރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތަފާތު 29 ބާވަތެއްގެ 232 ދަޢުވާ ހުށަހަޅާފައިވެއެވެ. ދަޢުވާ ލިބުނީ 169 މީހުންނަށެވެ. މަހަކު އެވްރެޖްކޮށް 19 މައްސަލަ ކޯޓަށް ހުށަހަޅާފައިވެއެވެ. މިއީ، 2019 އަށްވުރެ މަހަކު އެކަނިވެސް 6 މައްސަލައިގެ ކުރިއެރުމެވެ. އެންމެ ގިނައިން މިއަހަރުވެސް ހުށަހެޅިފައި އޮތީ މާލޭގެ ކޯޓުތަކަށް 115 މައްސަލައެވެ. އޭގެ ފަހުން ފުވައްމުލަކަށް 14 މައްސަލައާއި ހުވަދުއަތޮޅު ދެކުނުބުރީގެ ކޯޓުތަކަށް 13 މައްސަލައެވެ.

އެއަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން، އެއަހަރު ކޯޓުތަކަށް ނިންމެވުނީ އެންމެ ދެ މައްސަލައެކެވެ. އެއީ، ހއ. މާރަންދޫ މެޖިސްޓްރޭޓު ކޯޓަށް، 10 ޖަނަވަރީ 2020 ދުވަހު ހުށަހެޅުނު މައްސަލައަކާއި ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް، 1 އޭޕްރީލް 2020 ދުވަހު ހުށަހެޅުނު މައްސަލައެކެވެ. މިއީ، އެއަހަރު ހުށަހެޅުނު މައްސަލަތަކުގެ ޢަދަދަށް ބަލާއިރު %0.68 މައްސަލައެވެ. ޖުމްލަ މައްސަލައިގެ 89% (207 މައްސަލަ) އަދިވެސް ނުނިމި ހިނގަމުން އެބަދެއެވެ. މިއީ ކުރީ އަހަރުގެ ބާކީ ނުލައެވެ.

2019 ވަނަ އަހަރާ އަޅާ ބަލާއިރު، 2020 ވަނަ އަހަރު ދަޢުވާ ކުރެވުނު މީހުންގެ ޢަދަދު %65 ޕަސެންޓު އިތުރުވުމުގެ މާނައަކީ، ރައްޔިތުންގެ އިތުބާރު މިނިޒާމަށް އިތުރުވުމެވެ. މީހުން ރިޕޯޓު ކުރާކަށް ޖެހިލުމެއް ނުވެއެވެ. ދައުލަތުން ކޮންމެވެސް ކަމެއް ކުރާނެކަމުގެ ޔަޤީންކަމެއް އޮވެއެވެ. ކަމެއް ކުރޭވެސް މެއެވެ. ތަޙްޤީޤުތައްވެސް ރަނގަޅު ކުރެވިއްޖެއެވެ. ދަޢުވާ ކުރެވޭ ވަރަށް ހެކިވެސް ހޯދެއެވެ.

ތަފާސް ހިސާބުގެ އަލީގައި، ކުށްކުރާ މީހުންގެ ޢުމުރާއި، ކުށްކުރާ ތަނާއި، އަތޮޅާއި ރަށާއި، މީހުންގެ ފަސްފަހަތް އަޅުގަނޑުމެން އެބަ ބަލަމެވެ. ކުށްކުރާ ދުވަސްވަރާއި، އެދުވަސްވަރު ކުށް ކުރުމަށް ހުރި އެހެނިހެން ސަބަބުތައް ދެނަގަނެ، ކުރިއަށް އޮތް ތަނުގައި ކުށުން ރައްކާތެރި މާޙައުލެއް ޤާއިމުކުރަން މިތަފާސް ހިސާބުގެ ބޭނުން ފުޅާ ދާއިރާއެއްގައި ކުރެވޭނެއެވެ.

ދެން އޮތީ، ކުށް ސާބިތުވާ ގޮތާއި މިންވަރު ދެނެގަތުމެވެ. މަސައްކަތުގެ ޙަޤީޤީ ކުރިއެރުން ދެނެގަނެވޭނީ އޭރުންނެވެ. އެކަމަށް، އަދި އިތުރު މަޢުލޫމާތު ބޭނުންވެއެވެ. މިދިޔަ ދެއަހަރު ހުށަހެޅި 374 މައްސަލައިގެ ތެރެއިން މިދެއަހަރު ޝަރީޢަތުން ޙުކުމަކާ ހަމައަށް ދެވިފައިވަނީ 17 މައްސަލައިގައެވެ. މިއީ، ތަފާސް ހިސާބެއްގައި ކަމެއް ދެނެގަނެވޭ ވަރަށްވުރެ މަދު ޢަދަދެކެވެ.

ކުޑަކުދިންގެ މައްސަލަތަކުގެ ވާހަކަ މީޑިއާގައި

މިދިޔަ ރަމަޟާން މަހު، މުޅި މާލެ ލޮކްޑައުންގައި އޮތްއިރު ދެތިން މައްސަލައެއްގެ ވާހަކަ މީޑިއާތަކުގައި ދެކެވުނު ފަހުން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައްސަލައެއްގައި ދައުލަތުގެ އިދާރާތަކުން ފިޔަވަޅެއް ނޭޅިގެން އެވާހަކަ މީޑިއާތަކުގައި މިހާރު ދެކެވޭ އަޑެއް ނީވެއެވެ. މިއީ، ހަމަ ހުރެފައި ނުކުތް ނަތީޖާއެއް ނޫނެވެ. ވަރަށް ގިނަ ބައެއްގެ ވަރަށް ބުރަ މަސައްކަތުން ނެރެވުނު ނަތީޖާއެކެވެ. މިފުރުޞަތުގައި، މިމަސައްކަތުގެ ޙަޤީޤީ ޝުކުރު ޙައްޤުވާ، އިންވެސްޓިގޭޓަރުންނާއި ޕްރޮސިކިއުޓަރުންނާއި ސޯޝަލް ވަރކަރުންނާއި، މިދާއިރާގައި މަސައްކަތް ކުރާ ހުރިހާ މީހުންނަށް ހިތުގެ ޢުމުޤުން މަރްޙަބާއާއި މުބާރިކުބާދީ އަރިސްކުރަމެވެ. މިކަން ކުރަން، ކުރީ ސަފުގައި ތިއްބެވި ބޭފުޅުންގެ ޢުމުރުގެ ހަގުކަމާއެކުވެސް، ތޫނުފިލިކަން ފާހަގަކުރަމެވެ.

މީގެ މާނައަކީ، ހުރިހާ ކަމެއް ރަނގަޅު ވުމެއްވެސް ނޫނެވެ. އަދިވެސް ގޮންޖެހުން އެބަހުއްޓެވެ. އިސްތިރިކޮށްލާންޖެހޭ ބައެއް ރޫތައް ނިޒާމުގައި އެބަހުއްޓެވެ. މިހާރަށްވުރެ މާބޮޑަށް ރަނގަޅަށް، މޮޅަށް ކުރެވޭނެ ކަންކަންވެސް އެބަ ހުއްޓެވެ. މިމަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *