ކޯވިޑް ވެކްސިން ޖެހި މީހުންގެ ޢަދަދު 56،218އަށް

ކޯވިޑް ވެކްސިން ޖެހި މީހުންގެ ޢަދަދު 56،218އަށް

Author
މުޙައްމަދު ޖިމީ
17 ފެބްރުއަރީ 2021 10:18
0

ރާއްޖޭގައި ކޯވިޑް-19 ދިފާޢުއަށް އަށް ވެކްސިން ދިން މީހުންގެ އަދަދު 56،218އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝްން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި މާލެއާއި އަތޮޅުތައް ހިމެނޭހެން 6،171 މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެސަރަޙައްދުން ވެކްސިން ޖެހި 4،310 މީހުންނާއި، އަތޮޅުތެރޭގައި ވެކްސިންޖެހި 1،861މީހުންނެވެ.

މާލެ ސަރަޙައްދުން މިހާތަނަށް ވެކްސިން ޖަހާފައިވަނީ 43،838މީހުންނެވެ. އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 12،380އެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 56،218 އަށް އަރާފައެވެ.

މިހާރު ދެމުންދަނީ އޮކްސްފޯޑާ އެސްޓްރާ ޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިންގެ 100،000ޑޯޒް ރާއްޖެއަށް ހަދިޔާކުރީ އިންޑިއާއިންނެވެ. މިހާރު ރާއްޖޭގައި ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޮފާމްގެ 5000 ވެކްސިން ޑޯޒްވެސް ރާއްޖެއަށްވަނީ ލިބިފައެވެ. ސަރުކާރުގެ އަމާޒަކީ 6 މަސްތެރޭގައި، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމެވެ. ވެކްސިން ދިނުމުގެ މަސައްކަތް މާލޭ ސަރަޙައްދުގެ 8 ސެންޓަރަކާއި، އަތޮޅުތަކުގެ 48ސެންޓަރުގައި ދަނީ ޖަހަމުންނެވެ.

ރާއްޖޭގައި ރަސްމީކޮށް ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. ރާއްޖެ މިވަގުތު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އޮތުމުގެ ސަބަބުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އަދި ވެކްސިން ދެމުންގެންދާނީ ވެކްސިން ޖެހުމަށް ޚާއްސަ ޕޯޓަލްގައި ރަޖިސްޓްރީވަމުންދާ ފަރާތްތަކަށްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.