Ad
މަތީ ތަޢުލީމް ޙާސިލުކުރާ ދަރިވަރުންނަށް ޒަކާތު ފަނޑުން އެހީއަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

މަތީ ތަޢުލީމް ޙާސިލުކުރާ ދަރިވަރުންނަށް ޒަކާތު ފަނޑުން އެހީއަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

Author
ހުސައިން
14 އޮކްޓޯބަރ 2020 08:19
0

އެކި ސަބަބުތަކާހެދި މަތީ ތަޢުލީމު ޙާސިލުކުރުމަށް ދަތިވެފައިވާ ދަރިވަރުންނަށް ޒަކާތު ފަންޑުން ޚާއްޞަ އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

"މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްޞަ އެހީ ދިނުމުގެ އުސޫލު"ގެ ދަށުން ހުޅުވާލާފައިވާ މި ފުރުޞަތުގައި މާލީ އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ޒަކާތު ފަންޑުން އެހީއަށް އެދި ހުށަހެޅޭނީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނާއި ފުރިހަމަކުރަމުން ދިޔަ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނާއި، ގްރެޖުއޭޓް ނުވެވިފައިތިބި ދަރިވަރުންނަށެވެ.

މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްޞަ އެހީ ދިނުމުގެ އުސޫލުގައިވާގޮތުން އެހީއަށް އެދި ހުށަހަޅާ ދަރިވަރުން ލިޔަވާ ކޯހަކީ އިސްލާމީ ޝަރީއާ ހުއްދަކުރާ ކޯހަކަށް ވާން ޖެހެއެވެ. އަދި މާލީ ގޮތުން ފުދުންތެރިކަމެއް ނެތް، ޒަކާތް ލިބުން ހައްޤުވާ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަމުގައިވެސް ވާންޖެހެއެވެ.

މީގެ އިތުރުން ކިޔަވާ ކޯހަކީ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 – 10ގެ ކޯހަކަށްވެސް ވާންޖެހެއެވެ. އަދި މި އުސޫލުގެ ދަށުން ޚާއްސަ އެހީއަށް އެދޭ ދަރިވަރުންނަކީ އަމިއްލަ ބާރެއް ނެތި ދިމާވި ކަމެއްގެ ސަބަބުން ކޯސް ފުރިހަމަކުރުމަށް ފައިސާގެ ދަތިކަން މެދުވެރިވެފައިވާ ދަރިވަރެއް ކަމުގައި ވެސް ވާންޖެހެއެވެ. އަދި އެއީ ޒަކާތު ފަންޑުގެ ދަށުން ސްކޮލަރޝިޕް ލިބިފައިނުވާ ދަރިވަރަކަށްވެސް ވާންޖެހެއެވެ.

"މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްޞަ އެހީ ދިނުމުގެ އުސޫލު"ގެ ދަށުން ޚާއްސަ އެހީވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދަރިވަރުންގެ ޓިކެޓާއި، ޓިއުޝަން ފީއާއި، ވިސާގެ ޚަރަދުތަކާއި، ހެލްތް އިންޝުއަރެންފަދަ ޚަރަދުތައް ޚާއްޞަ އެހީގެ ތެރޭގައި ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.