ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރުމާ ގުޅިގެން ޢަލީ ލަންޑަނަށް ފުރި މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ނިންމައިފި އެވެ.
ޢަލީ ފުރައިގެން ދިޔަ މައްސަލަ ބަލައިދޭން އެދި މަޖިލީހަށް ހުށަހެޅުއްވީ، މަޖިލީހުގައި ތިއްބެވި ހަތަރު އަންހެން މެމްބަރުން ކަމަށްވާ، މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.
ޢަލީ ވަޙީދުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ އޭނާގެ މައްޗަށް އުފުލާފައި ވާ ހަތް ދައުވާއެއްގެ ޝަރުޢީ މަރުހަލާގައެވެ. އެގޮތުން ޢަލީގެ މައްޗަށް ވަނީ އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިރު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ.
ޢަލީގެ ޕާސްޕޯޓް ދޫކޮށްލަން މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން އަމުރު ކުރުމުން އޭނާ ވަނީ ފުރައިގެން އިނގިރޭސި ވިލާތަށް ގޮސްފަ އެވެ. ޢަލީގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ޕީޖީން މިހާރު ވަނީ އިސްތިއުނާފު ކޮށްފައެވެ. މި މައްސަލަ އިސްތިއުނާފް ކުރުމަށްފަހު ޕީޖީ އޮފީހުން ބުނީ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރީ ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލުމުގެ އަމުރު ނެރުނުއިރު، އެ ބާވަތުގެ އަމުރު ނެރުމުގައި ކުރިން އަމަލުކުރާ އުސޫލްތަކާ ޚިލާފަށް އަމަލުކޮށްފައިވާތީ ކަމަށެވެ.
އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުމުގައި ޖާމިނުވެފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)އެވެ. އައްސަދު އަލީ އަޑުބަރޭއަކީ މިވަގުތުވެސް ސަރުކާރުގެ ސިޔާސީ އިސްމަޤާމެއްގައި ހުރި މީހަކަށްވާއިރު ޢަލީ ވަޙީދު އަނބުރާ ނައިސްފިނަމަ އޭނާއަށް ފިޔަވަޅު އެޅޭގޮތަށް ކޯޓުންވަނީ ހުކުމްކޮށްފަ އެވެ.
ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލާގައި އޭނާގެ ޕާސްޓްޕޯޓް ހިފަހައްޓާއިފައި އޮތުމަށްފަހު، އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުން ވަންނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކަޓަރަކު ހާޒިރުކޮށްފައެވެ.
ޑޮކްޓަރު ވަނީ ޢަލީ ވަޙިދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަަމަށް ވިދާޅުވެފައެވެ. ޝަރީޢަތުން ވަނީ އެކަމަށް ރިޔާޢަތްކުރައްވާ އޭނާގެ ޕާސްޓްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ބާޠިލްކޮށްފައެވެ. ޢަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާތީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަންޖެހޭކަމަށް ވިދާޅުވެ ޑރ.ޔޫސުފް ޝާން ދެއްވި ހެކިބަހުގެ މައްޔަށް ރިޔާޢަތްކޮށެވެ.
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާ ވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ