ހޮރައިޒަން ފިޝަރީޒުން މަސްގަތުން ކޮންޓްރޯލް ކޮށްފި

ހޮރައިޒަން ފިޝަރީޒުން މަސްގަތުން ކޮންޓްރޯލް ކޮށްފި

Author
ހުސައިން
03 އޮކްޓޯބަރ 2020 12:29
0

ހޮރައިޒަން ފިޝަރީޒުން މަސްގަތުން މިއަދުން ފެށިގެން ކޮންޓްރޯލް ކޮށްފިއެވެ.

ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އެކުންފުނިން މަސްގަންނާނީ ދޯންޏަކުން ފަސްޓަނުގެ މަސް ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން މާންދޫގައި މަސް ރައްކާކުރުމަށް ދަތިވެފައިވާކަމަށާއި، ރޭވިފައިވާ ގޮތަށް ކަންކަން ކުރިއަށްދާނަމަ މަސް ބަރުކުރާ ބޭރުގެ ބޯޓެއް މިމަހުތެރޭގައި މާއްދުއަށް އަންނާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

ހޮރައިޒަން އަކީ ރާއްޖޭގެ އެންމެ ގިނައިން މަސްގަންނަ އަމިއްލަ ކުންފުންޏެވެ. އަދި ކަޅުބިލަމަހުގެ މަސްގަތުމުގައި މިފްކޯއާ ވާދަކުރާ ހަމައެކަނި ކުންފުންޏަކީ ވެސް ހޮރައިޒަން ކަން ފާހަގަކޮށްލެވެއެވެ. މިދުވަސްވަރަކީ މެދުރާއްޖެތެރެއާއި އުތުރަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެކެވެ. މިފްކޯއިން ވަނީ ގިނައިން މަސް ބޭނިއްޖެނަމަ ފެލިވަރަށް ނުގޮސް ކޫއްޑޫއަށް ދިއުމަށް މަސްވެރިންނަށް އިލްތިމާސްކޮށްފައެވެ.

ހޯޑެއްދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އެޅުމަށް ޙަވާލުކުރި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ. އެކުންފުނިން ލ އަތޮޅު މާންދޫގައި މިހާރުވެސް ދަނީ ފިޝަރީޒް ކޮމްޕްލެކްސްއެއް ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.