އާސެނަލާއި ޔުނައިޓެޑްގެ މެޗުތައް އިޓަލީއަށް

އާސެނަލާއި ޔުނައިޓެޑްގެ މެޗުތައް އިޓަލީއަށް

Author
އިބްރާހީމް ސާޢިދު
11 ފެބްރުއަރީ 2021 12:14
0

ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި އަންނަ ހަފްތާގައި އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުތައް އިޓަލީގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޔުނައިޓެޑުން ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅެން އޮތް ފުރަތަމަ ލެގުގެ މެޗު ސްޕެއިނުގައި ކުރިއަށް ނުގެންދެވުނީ އެ ގައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކުރަން ނިންމުމުންނެވެ. ކޮވިޑް-19ގެ އާ ވޭރިއަންޓުގެ ނުރައްކަލާ ހެދި އިންގްލެންޑުން ސްޕެއިނަށް މީހުން އެތެރެ ނުވެވޭގޮތަށް އެންމެ ފުރަތަމަ ސްޕެއިން ސަރުކާރުން އުސޫލު ކަނޑައެޅީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ.

އާސެނަލުން ބެންފީކާއާ ދެކޮޅަށް ކުޅެން އޮތް މެޗު އިޓަލީ އަށް ބަދަލުކުރީ ޕޯޗުގަލް ސަރުކާރުން ކޮވިޑް-19ގެ ސަބަބުން ކަނޑައަޅާފައިވާ ދަތުރުފަތުރު ކުރުމުގެ އުސޫލުގެ ސަބަބުންނެވެ. ޕޯޗުގަލް އިން ދާދި ފަހުން އިއުލާނުކުރި އުސޫލުގައިވާ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް އިނގިރޭސި ވިލާތުގެ މީހަކަށް ޕޯޗުގަލަށް އެތެރެ ނުވެވޭނެ އެެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޖަރުމަނުގެ ޓީމުތަކާ ދެކޮޅަށް ލިވަޕޫލާއި މެންޗެސްޓާ ސިޓީ ކުޅޭ މެޗުތައް ހަންގޭރީގެ ބުޑަޕެސްޓުގައި ކުރިއަށްގެންދާ ގޮތަށް ވަނީ ދާދި ފަހުން ނިންމާފަ އެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އިންގްލެންޑްގެ ޗެލްސީއާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގުގެ މެޗު ވެސް ސްޕެއިންގައި ކުޅެވޭނެ ގޮތެއް ނެތެވެ. މި މަހު 23 ވަނަ ދުވަހު ކުޅޭ އެ މެޗު މިހާރު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ރުމޭނިއާގެ ބުކަރެސްޓްގަ އެވެ.

މިހާރު އޮތްގޮތުން ޔުނައިޓެޑާއި ސޮސިއެޑާޑް ކުޅޭ މެޗު އޮންނާނީ ޔުވެންޓަސްގެ އަލިއާންޒް އެރީނާގަ އެވެ. އަދި އާސެނަލާއި ބެންފީކާ ބައްދަލުކުރާ މެޗު ކުޅޭނީ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.