ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫ ދާބީއަށް އެތެރެވާއިރު، ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ނުޖެހޭ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފިއެވެ. ޔޫ.އޭ.އީގެ ވެރިކަން ކުރާ ރަށް އަބޫދާބީން ކޮންމެ ދެ ހަފްތާއަކުން އަޕްޑޭޓްކުރާ މި ލިސްޓުގައި މިހާރު ހިމެނެނީ 12 ޤައުމެކެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އަބޫދާބީއަށް އެތެރެވާ މީހުން ކަރަންޓީންގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ. އެހެންނަމަވެސް މިދިޔަ ޑިސެމްބަރުމަހުގެ 24 ވަނަ ދުވަހުވަނީ މި އުސޫލަށް ބަދަލުތަކެއް ގެނެސްފައެެވެ. އެގޮތުން ބައެއް ޤައުމުންތަކުން އަބޫދާބީއަށް އެތެރެވާ މީހުން ކަރަންޓީންވާން ނުޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގައި މިހާރު އޮތް ކޯވިޑްގެ ޙާލަތާއި ގުޅިގެން ރާއްޖެއިން އެޤައުމަސް ދަތުރުކުުރާ މީހުން ކަރަންޓީންވާންޖެހޭ ގޮތަށް ހަދާފައިވާއިރު، އަބޫދާބީން އެކުލަވާލާފައިވާ 'ގްރީން ލިސްޓް" އިން ރާއްޖެއާއެކު އިތުރު 7 ޤައުމެއް މިހާރުވަނީ އުނިކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖެ، ބަޙްރާން، އޮމާން، ޤަތަރު، ތައިލޭންޑް، ފޯކްލޭންޑް އައިލެންޑްސް، ސެއިންޓް ކިޓްސް އެންޑް ނީވިސްއެވެ.މި ޤައުމުތައް ލިސްޓުން އުނިކޮށްފައިވާއިރު، ލިސްޓަށް ވަނީ ބޫޓާން އާއި އައިސްލޭންޑް އިތުރުކޮށްފައެވެ.
ގްރީން ލިސްޓުގައި ހިމެނޭ ޤައުމުތަކުން އަބޫދާބީއަށް އެތެރެވާނަމަ ކަރަންޓީންގެ މުއްދަތެއް ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް އެފަރާތްތަކުން އަބޫދާބީއަށް އެތެރެވުމަށްފަހު އެއަރޕޯޓުން ޕީސީއާރު ޓެސްޓެއް ހަދަން ޖެހެއެވެ.
ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވެފައިވާއިރު، ރާއްޖެއަކީ ހައިރިސްކު ޤައުމެއްކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ