ރިޞްވާންގެ މަރު: ވަޅީގެ މަޢުލޫމާތު އެނގޭނަމަ ހިއްސާކުރުމަށް އެދިއްޖެ، އިނާމަކަށް 5 ލައްކަ ރުފިޔާ

ރިޞްވާންގެ މަރު: ވަޅީގެ މަޢުލޫމާތު އެނގޭނަމަ ހިއްސާކުރުމަށް އެދިއްޖެ، އިނާމަކަށް 5 ލައްކަ ރުފިޔާ

Author
މުޙައްމަދު ޖިމީ
08 ފެބްރުއަރީ 2021 11:13
0

ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުނު ރޭ އޭނާ ދިރިއުޅުނު ގެ ކައިރިން ފެނުނުކަމަށްކަމަށް ބުނާ ވަޅީގެ ފޮޓޯ ޢާންމުކޮށް، އެ ވަޅިއާ ބެހޭ މަޢުލޫމާތެއް އެނގޭނަމަ މަރުތަކުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނާއި ހިއްސާކުރުމަށް އެދިއްޖެއެވެ.

ވަޅީގެ ފޮޓޯއާއެކު މަރު ކޮމިޝަނުން ޢާންމުކުރި ބަޔާނުގައި ވަނީ އެ ވަޅިއަކީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި، މ.ޝައިނިންގ ސްޓާރ، އަޙްމަދު ރިޟަވާން ޢަބްދުﷲ ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ 21 ނަންބަރު ފްލެޓު ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅިއެއްކަމަށެވެ. އެވަޅިއާބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، އެ މައުލޫމާތެއް އެ ކޮމިޝަނާ ހިއްސާކޮށްދެއްވުން އެކޮމިޝަނުން ވަނީ އެދިފައެވެ.

ވަޅިއާ ގުޅޭ ގޮތުން ނުވަތަ ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ އަޙުމަދު ރިޝްވާން ޢަބްދުﷲ ގެ މައްސަލައާ ގުޅޭ ގޮތުން ސާބިތު ހިފޭވަރުގެ ސައްޙަ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ފަސްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެކަމަށްވެސް މަރުކޮމިޝަންގެ އިޢުލާންގައިވެއެވެ. އަދި، އެ މައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަންވެސް އަރުވާކަމަށް މަރު ކޮމިޝަނުން ބުންޏެވެ.

އެހެންކަމުން މައުލޫމާތު ދެއްވަން ބޭނުންވާ ފަރާތްތަކުން، އެ ކޮމިޝަނަށް ހާޟިރުވެ ނުވަތަ ކޮމިޝަންގެ ނަންބަރު 7390841 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ހިއްސާކުރެއްވޭނެކަމަށާއި، އެ ނަންބަރުގެ ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް އަދި ސިގްނަލް މެދުވެރިކޮށްވެސް މަޢުލޫމާތު ހިއްސާކުރެވޭ ގޮތަށް ހަމަޖެހިފައިވާކަމަސް މަރުކޮމިޝަނުން ބުންޏެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލިތާ 6 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މަރުގެ މައްސަލައަށް އިންސާފް ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. ރިޟްވާން ގެއްލުވާލި މައްސަލަ ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީއާއިއެކު ތަޙްޤީގުކުރަމުންދާކަން މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންނުން ބުނެފައިވެއެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލާފައިވާ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ ޢާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.
ހުރަސްތަކާއި ދަތިތަކާއެކުވެސް ރިޟްވާނުގެ މައްސަލައަށް އިންސާފު ހޯދުމަށް ކުރެވެންހުރި ހުރިހާކަމެއް ހުއްޓާނުލައި ސަރުކާރުން ކުރިއަށްގެންދާނެކަމުގައި ރައީސްވަނީ ވިދާޅުވެފައެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރުމަށް 17 ނޮވެމްބަރު 2018 ގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި، ކޮމިޝަނުން ވަނީ ރިޟުވާނު ގެއްލުވާލި މައްސަލައިގެ ތަހުޤީޤާއި ގުޅޭ ރިޕޯޓެއްވެސް ރައީސުލްޖުމުހޫރިއްޔާއަށް އަރުވާފައެވެ.

މިހާތަނަށް އެ ކޮމިޝަނުން ކޮށްފައިވާ ތަޙްޤީޤުން ނޫސްވެރިއާ އަޙްމަދު ރިޟްވާން މަރާލާފައިވާކަން އެނގިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.