ފުލުހުންގެ ތެރޭގައި ޤާނޫނައި ޚިލާފަށް ވެރިކަން ބަދަލުކުރުމުގައި އެހީތެރިވެދިން މީހުންނާ ގުޅޭގޮތުން ތަހުގީގް ހިންގާ އޭގެ އިންސާފް ހޯދަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަަދަލުވި ފެބުރުއަރީ 7 ގެ ހާދިސާގެ ހަނދާންތައް އައުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، 2008 ވަނަ އަހަރު ޤާނޫނު އަސާސީއަށް ގެނެވުނު ބަދަލާއެކު، ރާއްޖޭގެ ވަރަށް ގިނަ ކަންކަމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިކަމަށެވެ. އެ ބަދަލުތަކުގެ ސަބަބުން ބައެއް އެބޭފުޅުން އޭގެ ކުރީގައި ކަންކަން ކުރައްވަމުން ގެންދެވި ގޮތާއި، ލިބިވަޑައިގެންނެވި ތަކެއްޗާއި އިމްތިޔާޒްތަކާ ފަސޭހަތަކާއި، އެބާވަތުގެ ވަރަށް ގިނަ ކަންކަން ހުއްޓި ނެތިގެން ދިޔަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ޚާއްޞަކޮށް ރާއްޖޭގެ ވަރަށް ގިނަ ކަންކަމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޚުދުމުހުތާރު ވެރިޔަކު ބަދަލުވިޔަސް އެއީ ޚުދުމުހުތާރު ނިޒާމް އެކީގައި ބަދަލުކުރެވުނީކަމަށް ދެކިގެން ނުވާނެކަމަށެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ މުއައްސަސާތައް އިޞްލާހުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުންގެ ތެރޭގައި ޤާނޫނައި ޚިލާފަށް ވެރިކަން ބަދަލުކުރުމުގައި އެހީތެރިވެދިން މީހުންނާ ގުޅޭގޮތުން ތަހުގީގް ހިންގާ އޭގެ އިންސާފް ހޯދަންޖެހޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެނގިވަޑައިގަންނަވާނެ 2008ގައި އެމްޑީޕީގެ ސަރުކާރު އަޅުގަނޑުގެ ރައީސްކަމުގައި އުފެދިގެން އައުމާއި ގުޅިގެން ރާއްޖޭގެ ވަރަށް ގިނަ ކަންކަން ބަދަލުވެގެން ދިޔަ. އަޅުގަނޑު އަބަދުވެސް ދަންނަވަން ޚުދުމުހުތާރު ވެރިޔަކު ބަދަލުވިޔަސް އެއީ އަދި ޚުދުމުހުތާރު ނިޒާމް އެކީގައި ބަދަލުކުރެވުނީކަމަށް ދެކުމަކީ ކުށެކޭ. އެއީ އޮޅުމެކޭ. އަޅުގަނޑުމެން އެބަޖެހޭ މުއައްސަސާތައް އިސްލަހުކުރަން. އަޅުގަނޑުމެން އެބަޖެހޭ ޚާއްޞަކޮށް ފުލުހުންގެ ތެރޭގައި ޤާނޫނައި ޚިލާފަށް ވެރިކަން ބަދަލުކުރުމުގައި އެހީތެރިވެދިން މީހުންނާ ގުޅޭގޮތުންތަހުގީގް ހިންގާ އޭގެ އިންސާފް ހޯދަން.
– ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، ބަޣާވާތަށް ބާރު ދިން ބަޔަކު ސަލާމަތީ ހިދުމަތުގައި ތިބުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ.
ރަނގަޅުކަމެއް ނޫން އެއީ ސަލާމަތީ ޚިދުމަތުގެ ތެރޭގައި މިއުޓިނީއަށް ބާރުދިން ބަޔަކު ބޭތިއްބުމަކީ.އެއީ މިބާވަތުގެ ކަމެއް ތަކުރަރު ވުމަށް އަނެއްކަވެސް އޮތް އެންމެ ފަހި މަގު. ވަރަށް މުހިންމު ކަމެއް އެއީ ފެބުރުއަރީ 7 ގެ މައްސަލަ ބަލާ ތަހުގީގްކުރުން.
– ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، 7 ފެބްރުއަރީ 2012 ވަނަ ވެރިކަން ބަދަލުވެފައިވާ ގޮތާއި ގުޅޭގޮތުން އެކުލަވާލި ކޯނީ ރިޕޯޓުން ހާމަވެފައިވަނީ ވެރިކަމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައިވަނީ އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިހުތިޔާރުގައިކަމަށެވެ. ރައީސް ނަޝީދު ވަނީ ވެރިކަމުން 7 ފެބްރުއަރީ 2012 ގައި އިސްތިއުފާ ދެއްވައި ޖެހިގެން އައި 8 ފެބުއަރީގައި ގިނަ އަދަދެއްގެ ބަޔަކާއިއެކު ރާއްޖޭގެ އެތައް މުވައްސަސާއެއްގައި ހުޅުހައި އަންދާލާފައެވެ. 7 ފެބުރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގައި ހިންގާފައިވަނީ “ބަޢާވާތެއް” ކަމަށް ރައީސް ނަޝީދު ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ