ވެކްސިން ޕްރޮގްރާމަށް ތަރުހީބު ބޮޑުވެ، ކިއު ސިސްޓަމް ޤާއިމްކޮށްފި

ވެކްސިން ޕްރޮގްރާމަށް ތަރުހީބު ބޮޑުވެ، ކިއު ސިސްޓަމް ޤާއިމްކޮށްފި

Author
މުޙައްމަދު ޖިމީ
08 ފެބްރުއަރީ 2021 12:32
0

ކޯވިޑް-19އިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިން ޕްރޮގްރާމަށް ތަރުހބު ބޮޑުވެ ވެކްސިން ޖަހަންދާ މީހުންގެ ޢަދަދު އިތުރުވުމާއެކު ސޯޝަލް ސެންޓަރުގައި ކިއު ސިސްޓަމް ބަހައްޓައިގެން ޚިދުމަތް ދޭން ފަށައިފިއެވެ.

ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވަނީމިމަހުގެފުރަތަމަ ދުވަހުން ފެށިގެންނެވެ. އެގޮތުން ދުވާލަކު ވެކްސިން ދޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މި ޕްރޮގްރާމް ދަނީ ވަރަށް ކާމިޔާބުކަމާއެކުކަމަށް ޤައުމީ ވެކްސިން ޕްރޮގްރާމްގެ ހެޑް އަދި ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވަނީ ވިދާޅުވެފައެވެ. ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ވެކްސިން ޕްރޮގްރާމަށް އާއްމުންގެ ފަރާތުން ވަރަށް ފުރިހަމަ ތަރުޙީބެއް ލިބެމުންދާކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ، ސޯޝަލް ސެންޓަރަށް އެކަނިވެސް ދުވާލެއްގެ މައްޗަށް ވެކްސިން ޖެހުމަށްދާ ފަރާތްތަކުގެ ޢަދަދު އިތުރުވެފައިވާކަމަށާއި، އެތަނުގެ އިންތިޒާމްތައް ފަސޭހަކުރުމަށްޓަކާ ކިއު ސިސްޓަމެއް މިހާރު ތަޢާރަފުކޮށްފައިވާކަމަށެވެ. ޑރ.ނަޒްލާ ވިދާޅުވީ، ޖެހުމުގެ ކަންކަން ފެނިގެން ދަނީ ވަރަށް އުފާވެރިކޮށް ކަމަށާއި، ވަރށް ގިނަ ބަޔަކު ވެކްސިން ޖެހުމަށްވެސް ރަޖިސްޓްރީކޮށްފައިވާކަމަށެވެ. ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހި މީހުންގެ ތެރެއިން، ސައިޑް އިފެކްޓްސް ފެނިގެން ކޮންމެވެސް ވަރަކަށް ރިޕޯޓްތައް އެ ސެންޓަރަށް ލިބިފައިވާކަމަށާއި، އޭގެ ތެރޭގައި ހުން އައުމާއި، ގައިގައި ރިއްސުމާއި އަދި ވެކްސިން ޖެހި ތަނަށް ތަދުވުންފަދަ ކަންކަން ހިމެނޭކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އިއްޔެގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ސޯޝަލް ސެންޓަރުގައި ވެކްސިން ޖެހި މީހުންގެ ތެރެއިން 2 މީހަކު ކަރުތެރެއަށް އުނދަގޫވުމާއި، ހިތްއަވަސްވުމާއި މިކަހަލަ ބައެއްކަންކަން ފެނުނުކަން. އެ 2 ފަރާތަށްވެސް ވަނީ އެތަނުގައި ފަރުވާދެވިފައި. މިގޮތަށް މަދުމަދުން އަޅުގަނޑުމެންނަށް ފެންނަމުންގެންދޭ. އެހެންނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ވަރަށް އެއްވެސް ކަހަލަ ރިއެކްޝަނެއް އައި ފަރާތެއް އަދި މިހާތަނަށް އިރާދަކުރެއްވިއްޔާ ފާހަގަކުރެވިފައެއްނެތް.

– ޤައުމީ ވެކްސިން ޕްރޮގްރާމްގެ ހެޑް ޑރ.ފާޠިމަތު ނަޒްލާ ރަފީޤް

ރާއްޖޭގައި ވެކްސިން ޕްރޮގްރާމް މުޅި ރާއްޖެއަށް ފުޅާކުރުމަށް މަސައކަތްކުރައްވަމުން އަންނަކަމަށާއި، ވީހާވެސް ގިނަ ބަޔަކު ވެކްސިންޖެހުމަށް ޑރ.ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ. ރާއްޖޭގައި ވެކްސިން ދޭންފެށިތާ  ހަފްތާއެއްވެފައިވާއިރު،  9 ހާހަށްވުރެ ގިނަ މީހުންނަށް ވެކްސިން ވަނީ ދީފައެވެ. ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ.

ވެކްސިން ޖެހުމަށް ހުރިހާ ފަރާތްތަކުންވެސް އެކަމަށް ޚާއްޞާ ޕޯޓަލްގައި my.health.mv ރަޖިސްޓްރީވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.