ކޯވިޑް-19އިން ރައްކާތެރިވުމަށް ދެމުންއަންނަ ވެކްސިން ޖަހަން ފެށިތާ ހަފްތާއެއްތެރޭ 9 ހާހަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފިއެވެ.
މިއަދު އެކަނިވެސް ވަނީ 2898 މީހުންނަށް ވެކްސިންދީފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ވެކްސިން ދިން ދުވަހެވެ. ވެކްސިން ޖަހަންފެށިތާ މިއަދަށް ހަފްތާއެއްވެފައިވާއިރުމިހާތަނަށް 9،752 މީހަކަށް ވަނީ ވެކްސިން ދީފައެވެ.
މިއަދު ވެކްސިން ދިން 2898 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 2،375 މީހުންނެވެ. މާލެ ސަރަޙައްދުން މިހާތަނަށް ޖުމްލަ 7،963 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އަތޮޅުތަކުން 523 މީހަކަށް ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ދީފައިވާއިރު، އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 1،789 އަކަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް ދިފާއު ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ.
*️⃣ COVID-19 : Vaccination updates pic.twitter.com/EyICtbUyID
— Health Protection Agency (@HPA_MV) February 7, 2021
ރާއްޖޭގައި ރަސްމީކޮށް ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. ރާއްޖެ މިވަގުތު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އޮތުމުގެ ސަބަބުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އަދި ވެކްސިން ދެމުންގެންދާނީ ވެކްސިން ޖެހުމަށް ޚާއްސަ ޕޯޓަލްގައި ރަޖިސްޓްރީވަމުންދާ ފަރާތްތަކަށްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.
ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އަދި ވެކްސިން ޕްރޮގްރާމަށް ބޮޑު ތަރުހީބެއް އަންނަަކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ވެކްސިން ދިނުމުގައި ކުރީސަފުގައި މަސައްކަތްކުރާ މީހުންނަށް އިސްކަންދީފައިވާއިރު، މިއަދު ވަނީ 55 އަހަރުން މަތީގެ މީހުންނަށްވެސް ވެކްސިން ދޭން ފަށާފައެވެ.
ކޮމެންޓު ފޮނުވާ