އަދުރޭގެ މައްޗަށް ތިން ތުހުމަތެއް!

އަދުރޭގެ މައްޗަށް ތިން ތުހުމަތެއް!

Author
މުޙައްމަދު ޖިމީ
07 ފެބްރުއަރީ 2021 10:03
0

އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލު ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ)ގެ މައްޗަށް ތިން ތުހުމަތެއް ފުލުހުން ކޮށްފިއެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާއާއި ގުޅިގެން އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފަހުން ދޫކޮށްލާފައިވާއިރު، އެމައްސަލާގައި އޭނާ ވަނީ މިއަދު ހަވީރު ބަޔާން ނެގުމަށް ފުލުހަށް ޙާޒިރުކޮށްފައެވެ. އަދުރޭ ވަނީ އޭނާގެ މައްޗަށް ފުލުހުން ތިން ތުހުމަތެއް ކުރާކަމަށް ވިދާޅުވެފައެވެ.

އަދުރޭގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު ތަކުގެތެރޭގައި، ފުލުހުން ބަންދުކޮށްފައި އޮތް ސަރަހައްދަކަށް ވަންކަމުގެ ތުހުމަތާއި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތާއި، ދަތުރުފަތުރުކުރަން އުނދަގޫވާ ގޮތަށް މަގު ބަންދުކޮށްގެން އިށީނދެ އިނދެ އަޑު ގަދަަކުރިކަމުގެ ތުހުމަތު ހިމެނެއެވެ.

އިދިކޮޅުން އަންނަނީ ސިލްސިލާކޮށް މާލެއާއި އަތޮޅުތަކުގައި މުޒާހަރާކުރަމުންނެވެ. މިދިޔަ މަހުގެ 27 ގައި ކުރި މުޒާހަރާއާއި ގުލިގެން އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫނިދޫއަށްވެސް ގެންދިޔައެވެ. އަދި ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓަށްވެސް މިމައްސަލާގައި ހާޒިރުކޮށްފައިވެއެވެ. ނަމަވެސް ކޯޓުން ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ. ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ)އާއި އެޕާޓިގެ ނާއިބު ރައިސް އިބްރާހީމް ޝުޖާޢު (ބާރަށު ޝުޖާ) އަކީ މުޖުތަމަޢުއަށް ހުރި ނުރައްކަލެއްކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.