ކުރީގެ ރައީސް ޢަބްދުﷲ ޔަމީން ޢަބްދުލްޤައްޔޫމް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި 7000 ހައުސިންގ ފްލެޓްތައް ލިބޭނެކަމަށް އިއުލާނުކުރި ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ޖަވާބު ނުލިބޭނަމަ އެކަން އެންގުމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު އެދިއްޖެއެވެ.
އެ ކޮމިޓީގެ ފަރާތުން ގެޒެޓްކޮށްފައިވާ ޢާންމު އިޢުލާނެއްގައި ވަނީ "ހިޔާ" މަޝްރޫޢުގެ ކެޓަގަރީތައް އެ ކޮމިޓީއިން ދިރާސާކުރުމަށްފަހު ނެރެފައިވާ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ހުށަހަޅުއްވާފައިވާ ހުރިހާ ޝަކުވާއެއް އެ ކޮމިޓީއިން ދިރާސާކޮށް، ޝަކުވާގެ ޖަވާބު ވާނީ، ލިޔުމުން، ޝަކުވާ ހުށަހެޅި ހުރިހާ ފަރާތްތަކަށް އީމެއިލް ކުރެވިފައިވާކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދީފައިވާ އީމެއިލް އެޑްރެސްއަށް ފޮނުވާ އީމެއިލް ޑެލިވަރނުވާކަން އެ ކޮމިޓީއަށް ފާހަގަކުރެވިފައިވާކަމަށް ބުނެފައިވެއެވެ.
އެހެންކަމުން އެ ކޮމިޓީއިން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ޝަކުވާ ހުށަހަޅުއްވާފައިވާ އެއްވެސް ފަރާތަކަށް މިހާތަނަށް ލިޔުމުން ޖަވާބު ލިބިފައިނުވާނަމަ، އެފަރާތެއްގެ އައިޑީކާޑު ނަންބަރު އަދި އީމެއިލް އެޑްރެސް، މާދަމާގެ 15:00 ގެ ކުރިން 7761108 ނުވަތަ 7226016 އަށް މެސެޖްކޮށްދިނުމަށް އެކޮމިޓިން ވަނީ އެދިފައެވެ.
ހިޔާ ފްލެޓްގެ ވަގުތީ ލިސްޓައި ގުޅޭގޮތުން ހުށައެޅި ޝަކުވާތަކަށް ވަކިވަކިން ޖަވާބު ދޭނެކަމަށް ފްލެޓް ކޮމިޓީން ވަނީ ބުނެފައެވެ. ހޮޔާގެ ފްލެޓްތައް ހަވާލު ނުކުރެވި ލަސްވާތީ އެތައް ބަޔަކު އަންނަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ. އަދި ފްލެޓް ކޮމިޓީން ފްލެޓް ދީފައިވާގޮތުން ފްލެޓް ހައްގުވާ އެތައް ބަޔަކަށް ފްލެޓް ނުލިބިވާކަމަށް ބުނެ ވަރަށް ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ