މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް "ބޭސްފަރުވާއަށް" ބޭނުން ކުރުން ޤާނޫނީ ގޮތުން ހުއްދަ ކުރަން ފެންނަ ކަމަށް ވިދާޅުވެ އަލްހާން ކުރެއްވި ޓްވީޓާއިއެކު ސޯޝަލް މީޑިޔާގައި އޭނާ ހޫނު ފެނަށް ވެއްޓިއްޖެ އެވެ.
އަލްހާން ކުރެއްވި ޓްވީޓެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓެގް ކުރައްވާ ވިދާޅުވީ ސިއްހީ ބޭނުންތަކަށް ކެނަބިސް ބޭނުން ކުރުމުގެ ހުއްދަ ދިނުމާއި މެދު ޤާނޫނު ހަދާ މަޖިލީހުން ވިސްނަން ޖެހޭ ކަމަށް އޭނާ އަށް ގަބޫލު ކުރެވޭ ކަމަށެވެ.
ކެނަބިސް ސިއްހީ ބޭނުންތަކަށް ބޭނުން ކުރުމުގެ ހުއްދަ ދުނިޔޭގެ 41 ގައުމެއްގައި މިހާރު ދީފައި އޮވެއެވެ. ނަމަވެސް އޭގެ ތެރޭގައި އެއްވެސް އިސްލާމީ ގައުމެއް ނުހިމެނެއެވެ. އަލްހާން މިރޭ ކުރި ޓްވީޓްގައި ވަނީ ކެނަބިސް އިން ލިބޭ "ފައިދާތައް" ކަމަށް ބުނެ ބައެއް ވާހަކަތައް ލިޔެފައިވާ ލިޔުމެއް ވެސް ޓްވީޓް ކޮށްފައެވެ.
އަލްހާންގެ ޓްވީޓާއި ގުޅިގެން ޑރ.އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ﷲ ހަރާމް ކުރައްވާފައިވާ އެއްޗެއް ހަލާލް އެއްޗެއްގެ ގޮތުގައި ހެދުމުގެ އެއްވެސް މަހުލޫގަކަށް ލިބިގެން ނުވާކަމަށެވެ. ދުނިޔޭގައި އިންސާނުން ދިރިއުޅުމުގެ ކަންކަން ހަމަޖައްސަވައި ހުކުމްތައް ކަނޑައަޅުއްވާފައިވަނީ އެންމެ މަސްލަހަތު ހުރިގޮތަށް އެންމެ ފުރިހަމަކޮށްކަމުގައި ވިދާޅުވެ އިޔާޒުވަނީ އަލްހާނަށް ރައްދު ދެއްވާފައެވެ.
"ﷲ ހަލާލް ކުރެއްވި އެއްޗެއް ހަރާމްކޮށް، އަދި ހަރާމް ކުރެއްވި އެއްޗެއް ހަލާލު ކުރުމަކީ އެއްވެސް މަހުލޫގަކަށް ކުރެވޭނެ ކަމެއްނޫން. ﷲ ހުކުމްތައް ކަނޑައަޅުއްވާފައި ވަނީ އިންސާނުންނަށް އެންމެ މަސްލަހަތު ހުރި ގޮތަށް. މަސްތުވާ ތަކެތިން ލިބޭ ފައިދާއަށްވުރެ ގެއްލުންބޮޑު" ޑރ.އިޔާޒް ވިދާޅުވި އެވެ.
Allah halaalu kurevvi echcheh haraam koh, and adhi haraam kurevvi echcheh halaalu kurumaky evves makhlooq akah kureveyne kameh noon.
Allah hukum thah kanda alhuvvaafai vany insaanunnah enme maslahathu huri gothah.
Masthuvaa thakethin libey faidhaa ah vure gellun bodu. pic.twitter.com/ttTY34TIpY
— Dr Mohamed Iyaz (@dr_iyaz) October 3, 2020
އިޔާޒުގެ އިތުރުންގެ ގިނަ ދީނީ އިލްމުވެރިންނާއި އާންމުންގެ ގިނަބަޔަކުވެސް ދަނީ މިމައްސަލާގައި އަލްހާނަށް ފާޑުވިދާޅުވަމުންނެވެ. މިގޮތުން އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް ޑރ.މުއިއްޒު ވިދާޅުވީ ސިއްހީ ބޭނުމަކަށް ކަމަށް ބުނެ ކެނަބިސް އަދި އެހެން ބާވަތެއްގެ މަސްތުވާތަކެތި އެތެރެކޮށް ހުއްދަ ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.
"ސިއްހީ ބޭނުމަކަށް ކަމަށްބުނެ ކެނެބިސް ވިޔަސް އަދި އެނޫން ޑްރަގެއް ވިޔަސް ހުއްދަ ކުރުމަކީ ޤައުމުގެ މުސްތަގުބަލަށް ނުރައްކާތެރިކަމެއް. ސިއްހީ ކަންކަމަށޭ ކިޔާފަ ދޭ ހުއްދަ، ދުވަސްތަކަކަށްފަހު ބަދަލުވާނީ އާންމު ހުއްދައަކަށް. ދުނިޔޭގެ އެހެން ޤައުމު ތަކުގައިވެސް ކަންކަން ވަނީ އެފަދައިން." ޑރ.މުއިއްޒު ވިދާޅުވި އެވެ.
"Sihhee beynumah" kamah bune Cannabis viyas adhi enoon drug eh viyas huhdha kurumakee qaumuge musthaqbalah nurakkaatherikameh. Sihhee kankamashey kiyaafa dhey huhdha, dhuvasthakakahfahu badhaluvaanee aammu huhdha akah. Dhuniyeyge ehen qaumu thakugaves kankan vee fadhain. pic.twitter.com/cYKy9ENkaQ
— Dr Mohamed Muizzu (@MMuizzu) October 3, 2020
ރާއްޖެއަށް ވެސް ކެނަބިސް އެތެރެކުރުން މަނާކޮށްފައި އޮންނައިރު ރާއްޖޭގެ ގާނޫނުތަކުގައި އޮންނަ ގޮތުން ކެނަބިސް ޓްރެފިކް ކުރާ މީހެއްގެ ކުށުގެ އަސާސީ އަދަބަކީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.