ދިވެހި ދައުލަތަށް ވަރަށްގިނަ ދުވަސްތަކެއް ވަންދެން ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކުރައްވާފައިވާ އަދި ރާއްޖޭގެ ޚާރިޖީ ވަޒީރުކަން 27 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ އަލްއުސްތާޛު ފަތުޙުﷲ ޖަމީލުގެ ހަނދާނަށް ފޮރިން މިނިސްޓްރީގެ ޢިމާރާތް ޚާއްޞަކޮށްފިއެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ޢިމާރާތްކުރި ފޮރިން މިނިސްޓްރީގެ ޢިމާރާތުގެ ތަންތަން ހަލާކުވުމުގެ ސަބަބުން އެތަނުގެ އެ މަރާމާތުތައް އައު ކުރައްވާ އާބާތުރަ ފިލުވަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އަދި މިހާރު އެތަން ނިމުމަކާއިގާތްވެފައިވާއިރު، ޢިމާރާތުގެ ނަން ވަނީ އަލްއުސްތާޛް ފަތުހުﷲ ޖަމީލުގެ ހަނދާނަށް ޚާއްޞަކޮށްފައެވެ. ފަތިހުﷲ ޖަމީލްދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައިވަނީ 2012 ވަނަ އަހަރުގެ މާރިޗް މަހުގެ ފުރަތަމަ ދުވަހުއެވެ.
އަލްއުސްތާޛު ފަތުޙުﷲ ޖަމީލް، ސަރުކާރަށް ޚިދްމަތް ކުރައްވަން ފަށްޓަވާފައިވަނީ، 18 ނޮވެމްބަރ 1969 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މަޖީދިއްޔާ ސްކޫލްގެ ޓީޗަރުކަމެވެ. އެމަނިކުފާނު އެންމެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވަނީ، ރާއްޖޭގެ ޚާރިޖީ ވުޒާރާގައެވެ. މިގޮތުން، މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ވަކީލު ކަމުގެ މަގާމާއި، އ.ދ.ގައި ހުންނަވާ ދިވެހިރާއްޖޭގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް އެފެއާޒްގެ ނައިބު ކަމުގެ މަގާމު ފުރުއްވާފައިވެއެވެ.
މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ކަމުގެ މަގާމަށް އެމަނިކުފާނު ޢައްޔަން ކުރެވުނީ، ރައީސް އިބްރާހީމް ނާޞިރުގެ ދައުރުގައި، 14 މާޗް 1978 ގައެވެ. އޭގެފަހުން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް 11 ނޮވެމްބަރ 1978 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމުގެ ޢައްޔަން ކުރެއްވީވެސް އަލްއުސްތާޛު ފަތުޙުﷲ ޖަމީލެވެ. އެމަގާމުން 14 ޖުލައި 2005 ގައި އެމަނިކުފާނު އިސްތިޢުފާ ދެއްވުމާ ގުޅިގެން، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް ހަމަޖެއްސެވިއެވެ. އަލްއުސްތާޛު ފަތުޙުﷲ ޖަމީލު އެންމެފަހުން ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރ ކަމުގެ މަގާމުގައެވެ.

އަލްއުސްތާޛު ފަތުޙުﷲ ޖަމީލު، ދައުލަތަށް ކުރައްވާފައިވާ ޚިދްމަތްތަކުގެ އަގު ވަޒަން ކުރައްވައި، އެމަނިކުފާނަށް ރައީސް މައުމޫންވަނީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު (ނ.ޢ.ޢ.ވ) އަރުވާފައެވެ.
2 ޑިސެމްބަރ 2008 ގައި އަލްއުސްތާޛު ފަތުޙުﷲ ޖަމީލަށް، ކުރީގެ ރައީސް މުޙަންމަދު ނަޝީދުވަނީ ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް އަރުވާފައެވެ.
އަލްއުސްތާޛު އަލްމަރްޙޫމް ފަތުޙުﷲ ޖަމީލަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓް ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި މެންބަރުކަންވެސް އެމަނިކުފާނު ކުރައްވާފައިވެއެވެ.
އަލްއުސްތާޛު އަލްމަރްޙޫމް ފަތުޙުﷲ ޖަމީލަކީ، ރާއްޖޭގެ ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން، ދިވެހިރާއްޖެ ބައިނަލްއަޤްވާމީ މައިދާނަށް ފުޅާ ދާއިރާއެއްގައި ތަޢާރުފް ކުރެއްވުމަށް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މުޖްތަމަޢު ގަބޫލުކުރާ ޒިންމާދާރު، ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް ޚާރިޖީ ސިޔާސަތު ބިނާކޮށްފައިވާ ޤައުމެއްކަން، ބޭރު ދުނިޔެއަށް ހާމަކޮށްދެއްވުމުގައި އަލްއުސްތާޛު ފަތުޙުﷲ ޖަމީލު އަދާކުރައްވާފައިވަނި ވަރަށް މުހިންމު ދައުރެކެވެ. އަދި ރާއްޖެއަށް ބޭނުންވި ތަރައްޤީގެ އެހީތައް ހޯއްދަވައިދެއްވުމުގައާއި، ރާއްޖެއަށް ސިޔާސީގޮތުންނާއި، ޘަޤާފީގޮތުން، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެއްބާރުލެއްވުން ހޯއްދަވައިދެއްވުމަށްވެސް އަގުހުރި މަސައްކަތްޕުޅުތަކެއް އެމަނިކުފާނުވަނީ ކުރައްވާފައެވެ. ހަމައެއާއެކު، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ މާލީ އިދާރާތަކާއި، އެހެން މުއައްސަސާތަކާ ދެމެދު ގުޅުން އުފައްދަވައި، އެކަމަށްވެސް ގިނަގުނަ މަސައްކަތްޕުޅުތަކެއްވަނީ ކުރައްވާފައެވެ.
ފޮރިން މިނިސްޓްރީ މިހާރު ވަގުތީ ގޮތުން ހިންގަމުން އަންނަނީ އެމްޓީސީސީ ހުޅުމާލެ ފެރީޓާރމިނަލްއާއި އިންވެގެން އިރުމައްޗަށް ހުރި ޢިމާރާތުގައެވެ.
ކޮމެންޓު ފޮނުވާ