އަޅުގަނޑު ބާކީ ކޮށްލުމަކީ ރައީސްއާއި، މިސަރުކާރު ކޯލިޝަން ލީޑަރުން ލަދުގަންނަންޖެހޭ ކަމެއް: ޝިދާތާ

އަޅުގަނޑު ބާކީ ކޮށްލުމަކީ ރައީސްއާއި، މިސަރުކާރު ކޯލިޝަން ލީޑަރުން ލަދުގަންނަންޖެހޭ ކަމެއް: ޝިދާތާ

Author
މުޙައްމަދު ޖިމީ
06 ފެބްރުއަރީ 2021 02:55
0

ވަޒީރުކަމުން ދުރުވެވަޑައިގަތުމަށް މަޖުބޫރުކުރުވާ، މަގުމަތިކޮށްލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، މިސަރުކާރުގެ ކޯލިޝަން ލީޑަރުން ލަދުގަންނަންޖެހޭ ކަމެއްކަމަށް މިސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓިގެ ސްލޮޓެއްގައި މިސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރުކަމަށް ވަޑައިގެންނެވި ޝިދާތާ ޝަރީފް މިހެން ވިދާޅުވެފައިވަނީ އެކަމަނާ، މަޤާމުން އިސްތިއުފާދެއްވިތާ އެއް އަހަރު ފުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މީގެ އަހަރެއް ކުރިން ޝިދާތާ އިސްތިއުފާދެއްވާފައިވަނީ، ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލިވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގިނަ މެންބަރުންނާއި އިދިކޮޅު މެންބަރުން ޝިދާތާ އިސްތިއުފާ ދެއްވުމަށް ގޮވާލާ ކުރިމަތިވެވަޑައިގެނންވި ޕްރެޝަރާއި ހެދިއެވެ. އަދި ޝިދާތާ މަގާމުގައި ހުންނަވަން ނުފެންނަކަމަށް، މަޖިލީހުގެ ސާފު މެޖޯރިޓީ އޮންނަ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ އިއްތިފާގުން ފާސްކޮށްފައިވެސްވަނިކޮށެވެ.

ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަޒީރުކަމުން އިސްތިއުފާ ދިންތާ މިއަދަށް އެއް އަހަރުވެފައިވާކަމަށާއި، ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އެކަކަށް އެންމެ ބުރަ މަސައްކަތް މިސަރުކާރު ގެންނަން ކުރިމީހަކަށް އެކަމަނާ ވެވަޑައިގަންނަވާނެކަމަށެވެ. ސަރުކާރު ގެނައީ އަނިޔާ ވެރިކަން ނިމުމަކަށް ގެނެސް އިންސާފު ޤާއިމް ކުރަންކަމަށާއި، އެހެނަސް އަމިއްލައަށް ގެނައި ސަރުކާރުގެ އެންމެބޮޑު ބޭއިންސާފަކާއި ހިތްދަތި ކަމަކާއި ކުރިމަތިލީ މީހަކަށް އެކަމަނާވާނެކަމަށް ޝިދާތާ ވިދާޅުވިއެވެ.

ކޯލިޝަން ހުރިހާ ޕާޓީއެއްގެ ލީޑަރުންގެ ހައްޤުގައި ބިރެއްނެތި ވަކާލާތުކުރިން. މިއަދު އަޅުގަނޑު މަގުމަތިކޮށް ބާކީކޮށް ހުރުމަކީ ރައިސް ސޯލިހް ހިމެނޭހެން ކޯލިޝަންގެ ހުރިހާ ލީޑަރުން ލަދުގަންނަންޖެހޭ ކަމެއް.އެހެނަސް ސިޔާސީ ގޮތުން ފަހަތަށް ޖެހުމުގެ ވިސްނުމެއްނެތް. ދާނީ ކުރިއަށް އިންޝާ ﷲ

– ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް

ރައީސްއާއި، މިސަރުކާރުގެ ކޯލިޝަން ލީޑަރުން ލަދުގަންނަން ޖެހޭކަމަށް ޝިދާތާ ވިދާޅުވެފައިވާއިރު، މިސަރުކާ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި އެކަމަނާ ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ވެސް ހިމެނިވަޑައިގަންނަވައެވެ.

ޖިންސީ ގޯނާގެ މައްސަލަތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަ ކުދިން ގެންގުޅޭ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް ޝިދާތާއަށް ވަރަށް ގިނަ ފާޑިކިއުން އަމާޒުވެފައިވެއެވެ. ޝިދާތާ ޖެންޑަރ މިނިސްޓަރުކަމުން އިސްތިއުފާދެއްވުމުން މިހާރު އެމަޤާމުގައި ހުންނެވީ އައިޝަތު މުޙައްމަދު ދީދީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.