ކޮރަލް މަތިވެރި ފުޓްސަލް ލީގު: ދުވަހާއި ގުޅިގެން ހާއްސަ ހަރަކާތްތަކެއް

ކޮރަލް މަތިވެރި ފުޓްސަލް ލީގު: ދުވަހާއި ގުޅިގެން ހާއްސަ ހަރަކާތްތަކެއް

Author
މުޙައްމަދު ޝަޒައިމް
06 ފެބްރުއަރީ 2021 02:37
0

އއ.މަތިވެރީގައި މިހާރު ކުރިއަށްދާ ކޮރަލް މަތިވެރި ފުޓްސަލް ލީގުގައި ރޭ ކުޅުނު މެޗުތައް ފެށުމުގެ ކުރިން ދުވަހާއި ގުޅިގެން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަދި އަންބަރު ގްރޫޕުން ގުޅިގެން ކުރިއަށް ގެންދާ ފުޓްސަލް ލީގުގަކީ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް ރަށުގައި ފުޓްސެލްގެ ލޯބި އިތުރު ކުރުމަށް ކުރިއަށް ގެންދާ ލީގެކެވެ. މާންސް އަދި އަންބަރު ގުރޫޕްއަކީ މަތިވެރީގެ އިޖުތިމާއީ އަދި ތަރައްޤީގެ ކަންކަމުގައިވެސް ނުހަނުބޮޑު އެއްބާރުލުމެއް ދޭ އެރަށުގެ ޒުވާނުން ހިމެނޭ ދެ ގްރޫޕެވެ. އިއްޔެ އަކީ ދުނިޔޭގެ ކެންސަރު ދުވަހަށްވާތީ ލީގުގެ ފަހު ބުރުގެ ރޭގެ މެޗުތައް ފެށުމުގެ ކުރިން ދުވަހާއި ގުޅޭ ޚާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރޭގެ މެޗު ފެށުމުގެ ކުރިން ދުނިޔޭގެ ކެންސަރު ދުވަހާއި ގުޅިގެން މަތިވެރީ ޞިއްޚީ މަރުކަޒާއި ގުޅިގެން ހާއްސަ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިހަރަކާތުގެ ތެރެއިން ކެންސަރު ބަލީގެ މައުލޫމާތު މަރުކަޒުގެ ފަރާތުން ވަނީ ދެއްވާފައެވެ. ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހެވެ. ޑަބްލިއުއެޗްއޯއިން މިއަހަރު ކެންސަރު ބަލީގެ ދުވަހާއި ގުޅިގެން ކަނޑައަޅާފައިވާ ޝިއާރަކީ "I am and I will"، މިޝިއާރެވެ. ކެންސަރު ބައްޔަކީ ހަށިގަނޑުގެ ސެލްތަކުގެ ތެރެއިން ބައެއް ސެލްތަކަށް އާދަޔާ ޚިލާފަށް އަންނަ ބަދަލެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ އެއް ގުނަވަނުން އަނެއް ގުނަވަނަށް ފެތުރިގެން ދިޔުމުގެ ފުރުސަތު ބޮޑު ބައްޔެކެވެ. އެހެންކަމުން ފުރާނައަށް ނުރައްކާވާ މިބަލިން ސަލާމަތްވުމަށް ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަތުމަކީ މުހިއްމުކަމެކެވެ.

މީގެ އިތުރުން ރޭގެ މެޗުތައް ފެށުމުގެ ކުރިން މުބާރާތަށް ޚާއްސަކޮށް ސިމްބޮލިކް ރެކޯޑްސް އިން މުބާރާތައް ޚާއްސަކޮށް ހަދިޔާ ކުރި ލަވަވެސް ވަނީ ނެރެފައެވެ. މިލަވަޔަކީ މުބާރާތަށް ޚާއްސަކޮށް، ރާއްޖޭގެ މަޝްހޫރު ރެޕް ލަވަ ކިޔަމުންދާ ބޭނުންޑުން ތައްޔާރުކޮށްދިން ލަވައެކެވެ.

މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އެރަށުގެ އިޖުތިމާއީ، އަދި ތަރައްޤީގެ ގިނަ ކަންކަމުގައިވެސް އަމަލީގޮތުން ބައިވެރިވާ އެރަށުގެ ޒުވާނުން ހިމެނޭ ދެ ގްރޫޕެކެވެ. ރަށުގެ ތަރައްޤީގެ ކަންކަމުގެ އިތުރުން ޒުވާނުންގެ ތަރައްޤީއަށްޓަކައިވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މަތިވެރީގައި ހިންގޭ ގިނަ ތަރައްޤީގެ ކަންކަމުގައިވެސް މި ދެ ގްރޫޕުގެ ޝާމިލުވުންބޮޑެވެ. އަމިއްލަ އިސްނެގުމަށްވެސް ރަށުގެ ކުރިއެރުމަށް މި ދެ ގްރޫޕުންވަނީ މުހިންމު މަސައްކަތް ތަކެއްކޮށްފައެވެ.

މަތިވެރީގެ ޒުވާނުންނާއި ރަށުގެ އިޖުތިމާއީ ކަންކަން ދިރުވައި އާލާކުރުމަށް ކުރިއަށް އޮތް ތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް މި ދެގްރޫޕޫން ވަނީ ގިނަ ކަންތައްތަކެއް ރާވާފައެވެ. ކޯވިޑް-19 އާއި ގުޅިގެން ކުރަންރޭވި ގިނަ ކަންތައްތަކެއް މަޑު ޖެހުނު ނަމަވެސް އަނެއްކާވެސް އެމަސައްކަތް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަކީ މަތިވެރީގައި ކުޅިވަރު މުބާރާތްތަކުގެ އިތުރުން ޤުރުއާން މުބަރާތްތަކާއި، މަދަހަ މުބާރާތްތަކާއި، އެކި އުމުރުފުރާތަކަށް ހޭލުންތެރިކަމުގެ ގިނަ ޕްރޮގުރާމުތައް ހިންގަމުންދާ ދެ ގްރޫޕެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.