ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
އެމްޕީއެލް ސަރަހައްދުގައި މީހެއްގެ ގައިމައްޗަށް ޓާފް ރޯލެއް ވެއްޓުމާއި ގުޅިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓަށް އިޝާރާތްކުރައްވާ ސަޢީދު ވިދާޅުވީ، މުދާ އުފުލުމާއި، ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތަށް ހަރުދަނާ ފިޔަވަޅުތަެއް އަޅަން ޖެހޭކަމަށެވެ. އަދި އެތަނުގައި އެފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވުމަކީ ބޮޑު ހިތާމައެއްކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރަމުން ދިޔަ މީހެއްގެ ގައިމައްޗަށް ޓާފް ރޯލެއް ވެއްޓި، ސީރިއަސް އަނިޔާތަކެއްވުމާއި ގުޅިގެން، އެކަމުގައި ޒިންމާވާ ކުންފުންޏާއި، އެމްޕީއެލްގެ މުވައްޒަފުންތަކެއް މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.
އެމް.ޕީ.އެލް ސަރަޙައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސްކަމުން އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ. ކާޕެޓް ރޯލެއް ވެއްޓި ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ މަޖޫރީއަކަށެވެ. މި ޙާދިސާ ހިނގާފައިވަނީ އިއްޔެ ރޭ މެންދަމު 2:15 ހާއިރުއެވެ.
ފަހަކަށް އައިސް އެމްޕީއެލް ސަރަހައްދުގައި ނުރައްކާތެރި ހިތާމަވެރި ހާދިސާތައް ދަނީ ހިނގަމުންނެވެ. އަދި ބައެއް މީހުންގެ ފުރާނަ ގެއްލިފައިވެސް އެބަހުއްޓެވެ.
ކޮމެންޓު ފޮނުވާ