ރާއްޖޭގައި ދުވާލަކު 8000 މީހުންނަށް ވެކްސިން ދިނުމުގެ ޤާބިލްކަން އެބަހުރިކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ، ދުވާލަކު ވެކްސިން ޖަހާ މީހުންގެ ޢަދަދު އިތުރުކުރަމުން އަންނަކަމަށާއި، މަސައްކަތްކުރަނީ ދުވާލަކު 6000 މީހުންނަށް ވެކްސިން ދިނުމަށްކަމަށެވެ. ނަމަވެސް ރާއްޖޭގައި ދުވާލަކު 8000 މީހުންނަށް ވެކްސިން ދިނުމުގެ ޤާބިލްކަން އެބަހުރިކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރ ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި 100،000 ވެކްސިން ޑޯޒް 50،000 މީހުންނަށް ދެވޭނެކަމަށާއި، މަސައްކަތްކުރަނީ އެ ވެކްސިންދީ ނިމުމުގެ ކުރިން ރާއްޖެއަށް ވެކްސިން ގެނައުމަށްކަމަށެވެ. އެހެންކަމުން ވެކްސިން ޕްރޮގްރާމް މެދުނުކެނޑި ކުރިއަށް ގެންދެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށްވެސް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި މިހާތަނަށް 4،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ. ރާއްޖޭގައި ރަސްމީކޮށް ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންކަމަށްވާ ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި މިހާރު ދެމުން އަންނައރު، ޗައިނާއިންވެސް ވަނީ ރާއްޖެއަށް އެޤައުމުން އުފައްދާ 100،000 ވެކްސިން ޑޯޒް ހަދިޔާކުރުމަށް ނިންމާފައެވެ. އަދި އަމިއްލަ ފަރާތަކުން ވަނީ ޗައިނާގެ ސައިނޯފާމް 5،000 ވެކްސިން ޑޯޒް އެޗްޕީއޭއަށް ހަދިޔާކޮށްފައެވެ.
ހެލްތު މިނިސްޓަރ ވިދާޅުވެފައިވަނީ ޑަބްލިއުއެޗްއޯއާއި، އެސްޓްރަޒެނެކާ އަދި ފައިޒާ ވެކްސިންވެސް ރާއްޖެ ގެނައުމަށް ނިންމާފައިވާކަމަށެވެ. ސަރުކާރުން ވަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެނަށް 6 މަސްދުވަހުގެ ތެރޭގައި ވެކްސިން ދީ ނިންމާލުމަށް އަމާޒުހިފާފައެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެނަށްވެސް ހިލޭ ވެކްސިން ފޯރުކޮށްދޭނެކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ