ފިޔަވަޅުތައް ތަންފީޒްކުރުމަށް މުޅި މުއައްސަސާ ދަނީ މަސައްކަތްކުރަމުން: ފުލުހުން

ފިޔަވަޅުތައް ތަންފީޒްކުރުމަށް މުޅި މުއައްސަސާ ދަނީ މަސައްކަތްކުރަމުން: ފުލުހުން

Author
މުޙައްމަދު ޖިމީ
05 ފެބްރުއަރީ 2021 08:03
0

ކޯވިޑް-19އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒްކުރުމަށް ފުލުހުންގެ މުޅި މުއައްސަސާ ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވާން ފެށުމާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް މާލެ ސިޓީގައި މަސައްކަތްކުރާ އޮޕަރޭޝަނަލް ފުލުހުންނަަށް އިތުރު އެހީތެރިކަމެއް ދިނުމުގެ ގޮތުން އިދާރީ 165 ފުލުހުންނާއި ސީނިއަރ އޮފިސަރުންގެ 44 އޮފިސަރުން ދަނީ ކާފިއުގަޑީގައާއި އެހެނިހެން ގަޑިތަކުގައިވެސް މަސައްކަތްކުރަމުންނެވެ.  މިގޮތުން ޖުމްލަ 209 ފުލުހުން ދެ ޝިފްޓަކަށް މަސައްކަތްކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ އަހަރު ތެރޭގައި މާލެ ސިޓީ ލޮކްޑައުންއަކަށް ދިއުމާއި ގުޅިގެންވެސް މާލެ ސަރަހައްދުގައި މަސައްކަތްކުރާ ހުރިހާ ފުލުހުންވަނީ މިގޮތަށް އޮޕަރޭޝަނަލް މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެފައިވާކަން ފުލުހުން ފާހަގަކުރެއެވެ. 2019 އިން 2024 އަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން ބިނާކޮށްފައިވާ މައިގަނޑު އެއް އަސާސަކީ ފްރަންޓްލައިން ފަސްޓުގެ ސިޔާސަތުކަމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސާނީ ވަސީލަތުގެ ބޮޑުބައެއް ކޮވިޑް 19 ގެ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންދާއިރު، ފުލުހުން އަންނަނީ ތަފާތު ކުށްތަކުން ރައްޔިތުން ސަލާމަތްކުރުމުގައިވެސް ބުރަ މަސައްކަތްތަކެއް ކުރަމުންކަމަށް ފުލުހުން ބުންޏެވެ.

މިގޮތުން މިދިޔަ އަހަރުވެސް، އޭގެ ކުރީ އަހަރެކޭ އެއްފަދައިން ގުރޫޕް މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަގޮސްފައިނުވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. މައެއާއެކު، މިދިޔަ ދެތިން ދުވަހުގެ ތެރޭގައި މާލޭގައި ގުރޫޕްތަކުން ސިލްސިލާކޮށް ހިންގަމުންދާ މާރާމާރީތައް ހުއްޓުވައި، ތަހުގީގުކޮށް މާލޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ފުލުހުންގެ ދެމިތިބޭނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ އަރުވާފައެވެ. އަދި  ފުލުހުންގެ މަސައްކަތަށް އެއްބާރުލުން ދެއްވައި، މަގުމަތީގައި އުޅޭއިރު އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.