އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމުގައި އަމަލުކުރަންވީ އުސޫލު އެކުލަވާލައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ގައިޑްލައނުގައި ޤާނޫނީ ގިނަ ގޮންޖެހުންތަކެއް ހުރުމުން، ހުރި ކަންބޮޑުވުންތައް އިލެކްޝަން ކޮމިޝަނުން މަޖިލީހަށް ހުށަހެޅުމަށް ނިންމައިފިއެވެ.
އިންތިޚާބު މިހާލަތުގައި ނުބޭއްވޭނެކަމަށް ތާރީހެއް ކަނޑައެޅުމުގެ ކުރިންވެސް އިލެކްޝަން ކޮމިޝަނުން ދިޔައީ ބުނަމުންނެވެ. އެންމެބޮޑު ސަބަބަކީ މިހާލަތުގައި ޤާނުނުގައި ކަށަވަރުކޮށްދީފައިވާ ކަންކަން ކަށަވަރުކޮށް ނުދީ އިންތިޚާބު ބާއްވަން ޖެހުމާއި، އިންތިޚާބަށް ކުރަންޖެހޭ ދައުލަތަށް ނުކުޅަދާނަވާ ވަރުގެ ބަޖެޓުގެ ކަންބޮޑުވުމަކީ އިލެކްޝަނުން އަބަދުވެސް ފާހަގަކުރަމުންދިޔަ ކަންތައްތަކެވެ. ޤާނޫނުން ކަށަވަރު ކޮށްދޭ ކަންކަން ކަށަވަރުކޮށްނުދީ އިންތިޚާބު ބާއްވައިފިނަމަ އިންތިޚާބު ބޭއްވުމަށް ކުރާ ޚަރަދު ޑަބަލްކޮށް ކުރަންޖެހުުގެ ފުރުސަތު ބޮޑުކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ މިހާރު އެކުލަވާލާފައިވާ ގައިޑްލައިނުގައި ޤާނޫނީ ގޮތުން ހުރި ގިނަ މައްސަލަތަކާއިއެކު މަޖިލީހަށް ދިއުމަށް ނިންމަފައެވެ. ޤާނޫނީ ގޮތުން އިލެކްޝަން ނުކުރެވޭނެ ބައެއް ކަންކަންވެސް ކުރުމަށް ގައިޑްލައިންގައި ކަނޑައަޅާފައިވާއިރު، ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުވެސް މިހާރު އޮތް ގައިޑްލަނުން ދެވިގެން ނުދެއެވެ.
ކޯވިޑަށް ޕޮޒިޓިވްވާ މީހުންނާއި، ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓުލެވޭގޮތް ހަދަންޖެހޭ:
މިހާރު އެކުލަވާލައި އާންމުކޮށް ކޮށްފައިވާ އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުން ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ކަރަންޓީނުގައި ތިބެން ޖެހޭ ފަރާތްތަަކަށް އެ ފަރާތްތަކަށް ތިބޭ ރަށެއްގައި ވޯޓު ލެވޭނެ ގޮތް ހަމަޖައްސަން ޖެހެއެވެ. ނަމަވެސް އެއީ ގާނޫނީ ގޮތުން އިލެކްޝަން ކޮމިޝަނަށް ކުރެވޭނެ ކަމެއްނޫންނެވެ. މާލޭގައި ހުރި މީހަކު އެހެން ރަށެއްގައި ހުއްޓާ އޭނާ ޕޮޒިޓިވްވެ އެކަހެރިވާންޖެހުމުން އޭނާ ވޯޓުލާން ރަޖިސްޓްރީ ކުރިތަންނޫން ތަނެއްގައި ހުރިނަމަވެސް ގައިޑްލައިން ބުނާގޮތުން އޭނާއަށް ވޯޓުލެވެންޖެހެއެވެ. އަދި އެކަން އިލެކްޝަނުން ފަހި ކޮށްދޭންޖެހެއެވެ. ނަމަވެސް ޤާނޫނު ބުނާގޮތުން އެމީހަކު ވޯޓުލުމަށް ރަޖިސްޓްރީ ކުރާތަންނުނޫ ތަނެއްގައި ވޯޓުލުުމުގެ އިހުތިޔާރެއް ނޯވެއެވެ.
ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތެއްނެތް:
އިންތިހާބަށް އަތޮޅުތެރެއަށް ދާއިރު، ކަރަންޓީނުގެ ހާއްސަ އުސޫލެއް ކަނޑައަޅައިދިނުމަށް އީސީއާއި ސިޔާސީ ޕާޓީތަކުން މީގެ ކުރިން ވެސް ވަނީ އެޗްޕީއޭގައި އެދިފައެވެ. ނަމަވެސް، އުސޫލު އާންމުކުރިއިރު އިންތިހާބަށް އަތޮޅު ތެރެއަށް ދާއިރު ކަރަންޓީނުވުމުގައި އާއި ކެމްޕޭން ޖަލްސާތައް ފަދަ ޖަލްސާތައް ބޭއްވުމުގައި އަމަލު ކުރާނެ ހާއްސަ އުސޫލުއް ކަނޑައަޅާފައި ނެތެވެ. އަދި އާންމު ޖަލްސާތަކާއި ކެންޕެއިން ހަރަކާތްރައް ބޭއްވުމަށް މިހާރުވެސް ބާރުއަޅަނީ އޮންލައިންކޮށް ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރިލްމަހުގެ 10 ވަނަދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ނަަވެސް މިގައިޑްލައިންގެ ތެރެއިން އިންތިޚާބު ބޭއްވުމަށް ބޮޑެތި ހުރަސްތަކެއް ހުރިއިރު، އިންތިޚާބު މިދަނޑިވަޅުގައި ބާއްވާނަމަ ދައުލަތު 95 މިލިޔަން ރުފިޔާ ޚަރަދު ކުރަންޖެހޭނެކަމަށް އިލެކްޝަން ކޮމިޝަނުންވަނީ ބުނެފައެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ އެޗްޕީއޭގެ ގައިޑްލައިންގައިހުރި ބޮޑެތި ކަންބޮޑުވުންތަކާއިއެކު މަޖިލީހަށް މިމައްސަލަ ހުށަހަޅައި މަޖިލީހުން މިކަމަށް ހައްލެއް ހޯދުމަށް ދެންނެވުމަށް ނިންމާފައެވެ. އަދި މަޖިލީހުން ވަކިގޮތެއް ނިންމުމާއި ހަމައަށް އިންތިޚާބުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ. ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި މިހާރުވަނީ ސިވިލްސާވިސްގެ ތެރެއިން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ވަޒީފާއިން ސަސްޕެންޑު ކޮށްފައެވެ. އިންތިޚާބު ބޭއްވުމަށްޓަކައި އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު، އިންތިޚާބު ކަނޑައެޅިފައިވާ ތާރީހުގައި ބޭއްވިދާނެކަމާއިމެދު ވަނީ ޤާނޫނީ ބޮޑު ސުވާލެއް އުފެދިފައެވެ.
ކޯވިޑް-19ގެ ނުރައްކާތެރިކަން މިހާރު އޮތް ގޮތަށްބަލާއިރު، އިންތިޚާބު ބޭއްވުމަށްޓަކައި އެޗްޕީއޭއަށް ބޮޑެތި އެއްވުންތަކާއި، ޖަލްސާތައް ބޭއްވުމަށާއި، އެނޫންވެސް އެއްވެގެން ހިންގޭ ހަރަކާތްތައް ހިންގުމަށް ޖާގަ ދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ކޮންމެ ދުވަހަކު 100 މަތީގައި ކޯވިޑް ކޭސްތައް އުޅޭއިރު އާންމު ޞިއްޚީ ރައްކާތެރިކަން ކަށަވަރު ކުރުމަކީވެސް ސަރުކާރަށްވެސް އަދި ކަމާއިބެހޭ މުވައްސަސާތަކަށްވެސް ލާޒިމް ކަމެކެވެ.
ކޮމެންޓު ފޮނުވާ