"އެމެރިކާގެ އެބުރި އައުން" މިނަމުގައި އެގައުމުގެ ޚާރިޛީ ސިޔާސަތުތަކަށް ގެންނަ ބޮޑެތި ބަދަލުތަކެއް އެމަރިކާގެ ރައީސް ޖޯ ބައިޑްން ބުރާސްފަތި ދުވަހު އިއުލާން ކުރައްވައިފިއެވެ.
މިގޮތުން އިއުލާން ކުރެއވި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި، އެމެރިކާ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަސާސެއްގެ ގޮތުގައި ބައިޑްން ވިދާޅުވެފައިވަނީ، "ޑިޕްލޮމަސީ މިއޮތީ އަލުން ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަސާސްގެ ގޮތުގައި އެބުރި އައިސްފައި" ކަމުގައެވެ.
ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު، އެމެރިކާގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވާނެ ގޮތުގެ ތަފްސީލުތައް ހާމަކުރައްވަމުން ބައިޑްން އިއުލާންކުރެއްވި ބޮދެތި ބަަދަލުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވުނީ، ޔަމަނުގައި ސައުދީ އަރަބިއާއިން ކުރަމުން ގެންދާ ހަގުރާމައަށް އެމެރިކާއިން ފޯރުކޮށްދެމުން ގެންދާ ހުރިހާ އެހީތެރިކަމެއް ހުއްޓަވާލެއްވުމަށް ނިންމަވާ އެކަން އިއުލާން ކުރެއްވުމެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގައި ހުންނަވާއިގެން ބައިޑްން އިއުލާންކުރެއްވި، ޚާރިޖީ ސިޔާސަތައް ގެންނަވާނެ ކަމަށް ކުރިން ވިދާޅުވެފައިވާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ހިމެނޭ އެހެނިހެން ކަންކަމުގެ ތެރޭގައި، ޖަރުމަނުވިލާތުގައި ތިބޭ އެމެރިކާ ސިފައިންގެ ބޮޑުބައެއް އެގައުމުން ބޭލުމަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާ ނިންމެވުމަށް އަމަލުކުރުން ހުއްޓުވުމާއި، އެމެރިކާއަށް ރެފިއުންޖީން އެތެރެވާ މިންވަރު ހިފެހެއްޓުމަށް ޓްރަމަޕް ކަޑައަޅުއްވާފއަި މިންވަރަށް ބަދަލުގެނެސް އެނިންމެވުމަށްވެސް ބަދަލު ގެންނެވުމުގެ އިތުރުން، LGBTQ (އެއްޖިންސުން ކައިވެނިކުރުމާއި، ގުޅުން ހިންގުމަށް ތާއީދު ކުރާ ފަރާތްތައް) ގެ ހައްގުތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއެރުވުމަށް އެމެރިކާއިން ކުރާ ތާއީދު އިތުރަށް ވަރުގަދަ ކުރުންވެސް ހިމެނެއެވެ.
ހަގީގީ އުފެއްދުންތެރިކަމެއް ދެއްކުމަށް ދުނިޔެއަށް ގޮވާލައްވަމުން، ބައިޑްން ވަނީ، މި ނާޒުކު ދަނޑިވަޅުގައި، "ވެރިކަމުގެ ނިޒާމުތަކުގެ ތެރޭގައި، ދުނިޔޭގައި އާންމު ވަމުންދާ ޚުދުމުޚްތާރު ކަމާ" ދެކޮޅަށް ތެދުވެ ކާމިޔާބު ލިބޭނީ ދުނިޔޭގެ ގައުމުތައް އެކަތިގަޑެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމުގައި ވިދާޅުވެފައެވެ.
"އަހަރމެންނަށް ގިނިކަންޏާ މިއިން އެއްވެސް ކަމެއް ހާސިލެއް ނުކުރެވޭނެ. .. އަހަރެމެން އެބަޖެހޭ، އެމެރިކާގެ ޑިމޮކްރަސީގެ އެންމެ ފުނުގައި ބިންވަޅުނެގިފައިވާ، އަދި އެމެރިކާގެ ޑިމޮކްރަސީގެ އެންމެ ރިވެތި ސިފަ ކަމުގައިވާ ޑިޕްލޮމަސީގެ އުސޫލު ބޭނުން ކުރަން ފައްޓަން،" ބައިޑްން ވިދާޅުވެފައި ވެއެވެ. "މިނިވަންކަން ހިމާޔަތް ކުރުން. ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ކުރުން. އެންމެންގެ ހައްގުތައްވެސް ނެގެހެއްޓުން. ގާނޫނާ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުން. އެއްވެސް މީހެއްގެ ގަދަރަށް އުނިކަމެއް ނުގެނައުން."
ބައިޑްންވަނީ، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވި، ދެކޮޅުވެރިކަމުގެ ސިޔާސަތުގެ ސަބަބުން، އެމެރިކާއިން ނަގަހައްޓާ ދަމަހަމައްޓަމުން އައި މިއުސޫލުތަކާ އަދި ދުނިޔޭގައި ލިބިގެންގޮސްފައިވާ މަގާމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
ނައިބު ރައީސާ ކާމަލާ ހެރިސްއާއެކު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ކުރެއްވި މިޒިޔާރަތުގައި، ޚާރިޖީ ސިޔާސަތަށް ގެންނެވުމަށް އިއުލާން ކުރެއްވި ބަދަލތަކުގެ ތެރޭގައި ހިމެނޭ، އެމެރިކާއަށް ރެފިއުޖީން އެތެރެވުން ހުއްޓުވުމަށް ޓްރަމްޕް އެކަށައަޅުއްވާފަ އޮތް އުސޫލު ބަދަލުކޮށް، އެމެރިކާއަށް ރެފިއުޖީންނަށް އެތެރެވެވޭ މިންވަރު އިތުރު ކުރުރެއްވުމަށް ނިންމަވާފައިވާކަންވެސް ބައިޑްން ވަނީ އިއުލާން ކުރައްވާފައެވ. މިއީ ބައިޑްންގެ މުހިންމު ކެމްޕޭން ވައުދެއްވެސް މެއެވެ.
ޓްރަމްޕްގެ ސަރުކާރުން، މިއަހަރަށް އެމެރިކާއަށް ރެފިއުޖީންގެ ގޮތުގައި އެތެރެ ވެވޭނެކަމަށް ނިންމާފައިވާ އަދަދަކީ 15،000 އެވެ. މިއީ 1980ގެ ފަހުން އެންމެ މަދު އަދަދަކަށް އެމެރިކާއަށް ރެފިއުޖީން އެތެރެވެވޭނެ ކަމަށް ނިންމާފައިވާ އަހަރެވެ. އެހެންނަމަވެސް، ބައިޑްން ވަނީ، އޭނާގެ ދައުރުގެ ފުރަތަމަ އަހަރު މިއަދު 125،000 އަށް އިތުރު ކުރެއްވުމަށް ނިންމަވާފައެވެ.
ސްޓޭޓް ޑިޕާޓްމަންޓަށް ކުރެއްވި މި ޒިޔާރަތުގައި ބައިޑްންވަނީ، މިޔަންމާގެ އަސްކަރިއްޔާއިން ގެނައި ބައާވާތުގައި ހައްޔަރު ކޮށްފައިވާ އެންމެ ދޫކޮށްލުމަށްވެސް ގޮވާލައްވާފައެވެ. އަދި ވިދާޅުވީ އެގައުުގެ އަސްކަރިއްޔާއިން ބާރުތައް ދޫކޮށްލަން ޖެހޭނެ ކަމަށާއި އަދި މިޔަންމާރެ މައްސަލާގައި އެކުވެރި ދައުލަތްތަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ