މިއަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގެ ތެރެއިން، ފޮޓޯ: މަޖިލިސް 

ރިޔާސީ ބަޔާނަށް އަވަސް ކަޅިއެއް

ރިޔާސީ ބަޔާނަށް އަވަސް ކަޅިއެއް

ގުޅުންހުރި

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަވަންޖެހޭ ބަޔާނެކެވެ.

ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.

މިގޮތުން ކޮންމެ އަހަރަކުވެސް، ރައްޔިތުންގެ މަޖިލީހުގެ އާދައުރު ފެށިގެންދާއިރު، އެމަޖިލީހަށް ރައީސްލްޖުމްހޫރިއްޔާ އިއްވާ ރިޔާސީ ބަޔާން ވެގެންދަނީ އެތައްބައެއްގެ އުއްމީދުތަކާ ގުޅި ލާމެހިފައިވާ ރިޔާސީ ބަޔާނަކަށެވެ.

އަދި، ގާނޫނީ ގޮތުން ބަލާއިރުވެސް، މިބަޔާން އެކުލެވިގެން ވާންވާނީ، ގައުމުގެ އެވަގުތެއްގެ ހާލަތު ފުރިހަމަޔަށް ބަޔާންކޮށްދޭ ބަޔާނަކަށެވެ. މާނައަކީ ފާއިތުވެދިޔަ ތަނުގައި ހާސިލް ކުރެވުނު މިންވަރާއި އަދި ނުކުރެވިވާ މިންވަރު ބަޔާން ކޮށްދީ، އަދި މީގެ އިތުރުން، ކުރިޔަށް އޮތްތަނުގައި، ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ކަޑައަޅުއްވާ ސިޔާސަތުތައް މިބަޔާނުގައި ރައީސްލްޖުމްހޫރިއްޔާ ބަޔާންކޮށް ދެއްވަން ޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރިޔާސީ ބަޔާން ވެގެންދިޔައީ ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ދެއްވި 3 ވަނަ ރިޔާސީ ބަޔާނަށެވެ. އަދި މިބަޔާން އިއްވެވިއިރު، ގައިމު އޮތީ ކޯވިޑް ކާރިސާގެ ގިލަންވެރިކަމުގެ ތެރޭގައި ކަމަށްވި ނަމަވެސް، މިބަޔާނުގައިވެސް ރައްޔިތުންނަށް އުފާވެރި ޚަބަރުތަކެއް ދެއްވާނެކަމަށް ސަރުކާރުން ކުރިން ވަނީ ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަނީ

ހުށަހެޅުއްވި މުހިންމު ބައެއް މަޝްރޫޢޫތައް

މިއަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް ރައީސްލްޖުމްހޫރިއްޔާ އިއްވަވާ ދެއްވިއިރު ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތައް ކިތައްމެހާވެސް ބޮޑެވެ. އަދި ރާއްޖޭގެ އިގްތިސާދަށް ބޭރުފައިސާ ވައްދާދޭ އެންމެ މުހިންމު ދޮރާށި ބަންދުކުރަންޖެހި، ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ނަތީޖާއެއްގެ ގޮތުން، ޑޮލަރުގެ ބާޒާރަށް ނޭދެވޭ އަސަރުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް އިންތިހާއަށް ބޮޑަށް ނޭދެވޭ އަސަރު ވަނީ ކޮށްފައެވެ.

އެހެންނަމަވެސް، މިދެންނެވުނު ގޮންޖެހުންތަކާއެކުވެސް، ކުރިޔަށް އޮތް އަހަރު، އިގްތިސާދީ ގިނަގުނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދަވާނެ ކަމުގެ ގިނަ ވައުދުތަކެއް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވެވަޑައިގެންފައެވެ.

މިގޮތުން، އިއްޔެ ރައްޔިތުންގެ މަޖިލީަހށް ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ހިމަނުއްވާފައިވާ ބައެއް މުހިންމު ބޮޑެތި މަޝްރޫޢޫތަކަކީ:

  • މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މާލެ ސަރަހައްދުގައި ފެށުން.
  • އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖުގެ 2000 ހައުސިން ޔުނިޓު ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފްތާގައި ސޮއި ކުރެވިފައިވާއިރު، މިޔުނިޓްތަކުގެ އަމަލީ މަސައްކަތް މެއި މަހުގެ ތެރޭގައި ފެށުން.
  • މާލޭގައި މިހާރު ޤާއިމުވެފައި އޮތް ރާއްޖޭގެ މަރުކަޒީ ވިޔަފާރި ބަނދަރު ގުޅި ފަޅަށް ބަދަލުކުރުމުގެ މަޝްރޫޢުގެތެރެއިން ބިން ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް، މިދިޔަ ނިމިފައިވާއިރު، އެބަނދަރު  ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށުން.
  • މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މާލެ ސަރަހައްދުގައި ފެށުން.
  • މާލެއާއި ވިލި މާލެއާއި ގުޅިފަޅު އަދި ތިލަފުށި ބްރިޖުން ގުޅާލުމުގެ ޢަމަލީ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 6  މަސްތެރޭގައި ފެށިގެންދިއުން.
  • މި އަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއަރޕޯޓް ހެދުން.

މިއަހަރުގެ ރިޔާސީ ބަޔާނަށް ބަލާއިރު، ހިގަމުންދާ އަހަރުގައި ކުރިޔަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާފައިވަނީ މައިގަޑު "މެގަ"6 ޕްރޮޖެކްޓެކެވެ. މީގެތެރެއިން ބައެއް ޕްރޮޖެކްޓް ތަކަކީ އަމަލީ މަސައްކަތް ފެށިފައި ނުވިނަމަވެސް، ކުރިއްސުރެވެސް ޕްރޮޖެކްޓް ފޯމިއުލޭޝަންގެ މަސައްކަތް ކުރިޔަށްދާ ޕްރޮޖެކްޓްތަކެވެ.

މަޖިލީހުގެ މެމްބަރުން ރިޔާސީ ބަޔާން އަޑު އައްސަވަނި

2020 ވަނަ އަހަރުގެ ރިޔާސީ ބަޔާން

އެހެންނަމަވެސް، އާއަހަރަކަށް ރައީސުލްޖުމްހޫރިއްޔާ ކުރިޔަށް ގެންދަވާނެ މެގަ ޕްރޮޖެކްޓްތައް ރިޔާސީ ބަޔާނުގައި ހިމަނުއްވާ އިއުލާން ކުރެެއްވިއިރު، ފަހަތަށް ނަޒަރެއް ހިންގާލުމަށްފަހު، މި ޕްރޮޖެކްތަކުން ފާއިތުވެދިޔަ އަހަރު ހާސިލްކުރައްވަން ވިދާޅުވި މިންވަރުން ހާސިލްކުރެއްވުނީ ކޮން މިންވަރެއްތޯ މިއީ ގިނަފަޔަކު އުފައްދަމުންދާ ސުވާކުތަކަކެވެ.

މިގޮތުން، މިދިޔަ އަހަރުގެ ދެއްވި ރިޔާސީ ބަޔާނުން ހާސިލްވި މިންވަރާއި ދެއްކެވި ވާހަތަކުގެ ހަނދާން އާކޮށްލުމަކީ، އާއުއްމީދުތަކާ އެކު، ކުރިޔަށް ދިއުމުގައި ކޮންމެހެންވެސް ނަޒަރެއް ހިންގާލަންޖެހޭ ކަމަކަށް ނޫނީ ނުވާނެއެވެ.

މިގޮތުން، 2020 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ ތެރެެެއިން ކޯވިޑް-19 އާއިއެކު މިކަންކަމަށް ހުއްޓުން އައިސް، އޭރުގެ ރިޔާސީ ބަޔާނުން ޔަގީންކަން ދެއްވި ބައެއްކަންކަން ހާސިލް ނުކުރެވި ވާކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން 2020 ގައި ފާހަގަކޮށްލެވޭ މުހިންމު ޕޮއިންޓްތައް: 

  • ގުޅިފަޅުގައި ބައިނަލްއަޤްވާމީ ފެންވަރަށް ހަދާ ވިޔަފާރި ބަނދަރުގެ މާސްޓަރޕްލޭންގެ މަސައްކަތް ނިންމައި، ބަނދަރުގެ ޢަމަލީ މަސައްކަތް، މިއަހަރު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
  • މާލެ-ތިލަފުށި ގުޅުވައިދޭ ބްރިޖްގެ ޑިޒައިންއާއި ސާވޭގެ މަސައްކަތް މިދިޔަ އަހަރު ވަނީ ފެށިފައި. އަދި ބްރިޖްގެ ޢަމަލީ މަސައްކަތް މިދިޔަ އަހަރުގެ ތެރޭ ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
  • ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި، ރާއްޖޭގެ 6 ރަށެއްގައި އެއާޕޯޓްތައް ތަރައްޤީކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
  • ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ، މިހާރު ހުރި 2000 ޓަނުން 6000 ޓަނަށް، އަދި ފެލިވަރުގެ ކެޕޭސިޓީ 4000 ޓަނަށް އިތުރުކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި އިންވެސްޓް ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
  • ހިޔާ މަޝްރޫއުގެ 7000 ފްލެޓް، މިދިޔަ އަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ޙަވާލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
  • މާލޭ ރަށްވެހިންނަށް ހުޅުމާލޭގައި ހެދުމަށް މި ސަރުކާރުން ނިންމި ފުރަތަމަ 4000 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް، މިދިޔަ އަހަރުގެ ތެރޭގައި ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
  • ހދ. މާވައިދޫ، ފަރިދޫ އަދި ކުނބުރުދޫން، 2011 ވަނަ އަހަރު އެ އަތޮޅު ނޮޅިވަރަންފަރަށް ބަދަލުކުރި ޢާއިލާތަކުގެ ތެރެއިން، ދާއިމީ ބޯހިޔާވަހިކަން ނުލިބޭ ޢާއިލާތަކަށް ބޭނުންވާ، 60 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ނިންމައި، މިދިޔަ އަހަރު ތެރޭގައި އެތަންތާގައި ދިރިއުޅެން ފެށޭވަރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
  •  ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި، ރައްޔިތުން އިންތިޚާބުކުރި ސަރުކާރުގެ އެންމެން، އެކުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ކޮންމެއަކަސް، ކޮންމެ އަހަރަކުވެސް ރައީސްލްޖުމްުހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނުން ހާސިލްކުރަން އުއްމީދު ކުރައްވާ ބައެއް ކަންކަން ވަރަށްބޮޑަށް ސާފުވެގެން ދާއިރު، ހާސިލް ނުކުރެވި ދިޔަ ކަންކަން ހާސިލް ނުކުރެވިދިޔައީ ކޮންކަހަލަ ގޮންޖެހުންތަކެއް ކުރިމަތިވެގެންތޯވެސް ވަރަށް ގިނަ ފަރާތްތަކުން ވަޒަން ކުރެއެވެ.

މިގޮތުން ފާއިތުވެދިޔަ އަހަރަކީ، ފާއިތުވެދިޔަ އެއްވެސް ޒަމާނެއްގައި މުޅި ދުނިޔެވެސް ދެކެފައި ނުވާފަދަ ބޮޑެތި ގޮންޖެހުންތަކެއް ހުރިހާ ގައުމަކަށްވެސް ކުރިމަތިވެގެން ދިޔަ އަހަރެކެވެ. ކޯވިޑްގެ ކާރިސާގެ ހިޔަނީގައި، ފަރުދުންގެ ދިރިއުޅުން ބަނަވެ، ގައުމުތަކުގެ އިގްތިސާދުތަކައް ހުއްޓުން އަރައިގެން ދިޔަ އަހަރެކެވެ. އެހެންނަކަމުން، ފާއިތުވެދިޔަ އަހަރުގައި، ކުރިމަތިވި ގޮންޖެހުންތަކާއެކު، ހާސިލް ނުކުރެވިދިޔަ ކަންކަން، ގައުމުގެ އިގްތިސާދަށްވެސް ދެން އަންނަމުންދާނެ ކުރިއެރުންތަކާއެކު، ހާސިލްކުރެވިގެންދާނެ ކަމުގެ އުންމީދުގައި އެތައްބަޔަކު އަދިވެސް ތިބިކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުމުގެ މާކުރިންވެސް، އިދިކޮޅު ފަރާތްތަކުން އަޑުފުލަމުން ގޮސްފައިވަނީ، މިރިޔާސީ ބަޔާން ވެގެންދާނީ ބޭކާރު ރިޔާސީ ބަޔާނަކަށް ކަމުގައެވެ. އަދި ރިޔާސީ ބަޔާން އިއްވަވާ ނިމުމަށްފަހުވެސް، އިދިކޮޅު ފަރާތްތަކަށް ރިޔާސީ ބަޔާނުން ގައުމަށް ފައިދާ ކުރަނިވި އެއްވެސް ކަމެއް ފެނިގެންދިތަނެއް ނުފެނުނެވެ.

ރިޔާސީ ބަޔާން ރައީސުލްޖުމްހޫރިއްޔާ އިވަވަމުންދިޔަ ވަގުތު، ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ ތައްޔާރު ކޮށްފައިވާ ބެނާއެއް މަޖިލިސް ކުރާ ޗެމްބަރުތެރެއަށް ވެއްދުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފައި ވެއެވެ. އެހެންނަމަވެސް އެފުރުސަތު މަޖިލިހުގެ ރިޔާސަތުން އިދިކޮޅު ފަރާތްތަކަށް ދީފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން މަޖިލީހުގެ ފެންޑާގައި ބެނާހިފައިގެން އިދިކޮޅު މެމްބަރުން އިހުތިޖާޖު ކޮށްފައިވާއިރު، މިބެނާއާއެކީ މާލޭގެ މަގުތަކުގައިވެސް އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކޮށްފައި ވެއެވެ.

އިދިކޮޅު މެމްބަރުން މަޖިލިހުގެ ފެންޑާގައި އިހުތިޖާޖް ކުރައްވަނީ

އެހެންނަމަވެސް، މަޖިލީހުގެ ގަވާއިދު ހަމަޖެހިފައި އޮންނަ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު ރަސްމީކޮށް މަޖިލީހުގެ ފްލޯގައި ޖަވާބު ދެއްވަން ޖެހެއެވެ. އިދިކޮޅު ވަކިވަކި މެމްބަރުން ރިޔާސީ ބަޔާނަށް އަމިއްލަ ހައިސިއްޔަތުން ފާޑު ވިދާޅުވި ކަމުގައިވި ނަމަވެސް، ރިޔާސީ ބަޔާނުގައި ހުރި އުނިކަންކަމާ އިތުރުކަންކަން ފުރިހަމަޔަށް ސާފުވެގެން ދާނީ މައިނޯރިޓީ ލީޑަރު ރަސްމީކޮށް ރިޔާސީ ބަޔާނަށް ދެއްވާ ޖަވާބުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ރިޔާސީ ބަޔާނުން ސާފުވި ކަމެއް އެބައޮތްތޯ ވެރިކަމަށް އެރީއްސުރެ އެއްމަސްރޫޢެއް ކޮއްމެ ރިޔާސީ ބަޔާނެއްގަ ފަށާވާހަކަ އަންނަނީ އެވަރުވެސް ނޭނގެނީތޯ

Leave a Reply

Your email address will not be published. Required fields are marked *