ސިފައިންގެ ދިގު ތާރީހުގައިވެސް އެކި ރަސްމިއްޔާތުތަކާއި ހަފްލާތަކުގައި އަރުވަމުންދާ އޮނާ ގާޑުގެ ތެރެއިން މިއަދަކީ ސިފައިންގެ ތާރީހުގައިވެސް އެންމެ ގިަނ އަންހެން ސިފައިން އޮނާ ގާޑެއްގައި ބައިވެރިވި ދުވަހައެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މަޖިލިސް އިދާރާއަށް ވަޑައިގެންނެވުމުން އެމަނިފާނުގެ ދެކަނބަލުންނަށް ސިފައިން ވަނީ އޮނާ ގާޑެއް އަރުވާފައެވެ. މިއީ މަޖިލީހުގެ ކޮންމެ އަހަރެއްގެވެސް ޖަލްސާ ފެށުމުގެ ކުރިން ހަމަޖެހިފައިވާ އިންތިޒާމެކެވެ. މިއަހަރު މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގެ އިނާ ގާޑް އެހެން އަހަރު ތަކާއި ތަފާތުވެގެންދަނީ އޮނާ ގާޑުގައި ގިނަ އަދަދެއްހެ އަންހެން ސިފައިން ބައިވެރިވުމެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ މި އޮނާ ގާޑުގައި16 އަންހެން ސިފައިން ބައިވެރިވެފައިވާކަމަށެވެ. މި އޮނާ ގާޑަކީ ސިފައިންގެ ތާރީހުގައި އެންމެ ގިނަ އަންހެން ސިފައިން އޮނާ ގާޑެއްގައި ބައިވެރިވި ފުރަތަމަ ފަހަރު ކަމަށް އެއިދާރާއިން ވިދާޅުވެއެވެ. ސިފައިންގެ އެކި ހަރަކާތްތަކުގައާއި، އިސް މަޤާމުތަކަށްވެސް އަންހެން ސިފައިންދަނީ އައްޔަންކޮށް، ސިފައިންގެ މުހިންމު ޒިންމާތަކާއި ހަވާލުވަމުންނެވެ.
ސިފައިންގެ ތެރޭގައިވެސް އަންހެން ކަނބަލުން ދަނީ މުހިންމު ދައުރެއް އަދާކޮށް، ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފަސްޖެހުމެއްނެތި ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓު ފޮނުވާ