ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރިޔާސީ ބަޔާނުގެ ސަބަބުން ރާއްޖޭގެ ކުރިމަގަށް އޮތް ބިރުވެރިކަމާ ނުރައްކާތެރިކަން ހާމަވެގެން ގޮސްފައިވާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރިޔާސީ ބަޔާނާއި ގުޅޭގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މިބަޔާނުން ރައްޔިތުން ލިބިގެންދިޔައީ ނާއުންމީދާއި، ބިރުވެރިކަމުގެ ސިގުނަލް ކަމަށެވެ. އުންމީދީ އެއްވެސް ވާހަކައެއް އުންމީދީ ކަމެއްގެ ޔަގީންކަމެއް ނުދެވޭއިރު މިއަދުގެ ބަޔާނުގައިވެސް ދެއްކެވީ ހަމަ ނިމިދިޔަ ބަޔާނުގައިވެސް ދެއްކެވިފަދަ ވާހަކަތަކެއްކަމަށެވެ.
މުޅި ބަޔާނުން ފެނިގެންދިޔައީ ދޮގާއި މަކާއި، ހީލަތުން ކަންކަން ކުރުމަށް ކުރައްވާ މަަސައްކަތް ކަމަށާއި، މިބަޔާނުން ރައްޔިތުންނަށް ފެނިގެން ދިޔައީ އުންމީދަށްވުރެ ބޮޑަށް ނާއުންމީދީ މަންޒަރެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މިހާރުވެސް ރާއްޖޭގައި އޮތް ސިޔާސީ ބިރުވެރިކަން މިބަޔާނުން އިތުރަށް ބޮޑެތި ސިޔާސީ ގޮތުން ނުރައްކާތެރި މަންޒަރުތަކެއް ބަޔާނުން ރައީސް ދެއްވާފައިވާކަމަށް އަަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޞާލިޙުގެ ރިޔާސީ ބަޔާނަކީ ދޮގާ މަކަރާ ޙީލަތުގެ މައްޗަށް ބިނާކޮށްފައިވާ އެއްވެސް އުންމީދެއް ނެތް މާޔޫސީ ބަޔާނެއް. ރިޔާސީ ބަޔާނުގެ ސަބަބުން ރާއްޖޭގެ ކުރިމަގަށް އޮތް ބިރުވެރިކަމާ ނުރައްކާތެރިކަން ހާމަވެއްޖެ. ރައްޔިތުން މިކަމާ އެބަ ވިސްނާ.
– އަަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ މިއަހަރަށް ކުރަން ރާވާފައިވާ މުހިންމު ކަންތައްތަކުގެ ވާހަކަ ހިއްސާ ކުރައްވާފައެވެ. ރައީސްގެ ވާހަފުޅުގައި ހިއްސާ ކުރެއްވި މުހިންމު ކަންތައްތަކީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައިވެސް ކުރުމަށް ވައުދުވުމަށްފަހު ކޯވިޑް-19 އާއި ގުޅިގެން ނުކުރެވި ހުރި ކަންތައްތަކެއްކަން ފާހަގަކޮށްލެވެއެވެ.
ރައީސްގެ ބަޔާން އިއްވަމުންދިޔައިރު އިދިކޮޅު މަޖިލީހުގެ މެމްބަރުން އިހުތިޖާޖު ކުރުމަށް މަޖިލިސް ތެރެއަށް ވަންނަން ކުރި މަސައްކަތް މަޖިލިސް ސެކިއުރިޓީން ވަނީ ހުއްޓުވާފައެވެ. އަދި އިދިކޮޅު ދެޕާޓީގެ އިސްބޭފުޅުންނާއި، އެކްޓިވިސްޓުން ދިޔައީ މަޖިލިސް ކައިރީގައި މުޒާހަރާކޮށް އަޑު އުފުލާފައެވެ.
ކޮމެންޓު ފޮނުވާ