މާލޭގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންނަށް ކޯވިޑް-19ގެ ވެކްސިން ދޭން ފަށައިފިއެވެ.
މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު 05:00 އަށް މި އުމުރުފުރައިގެ މީހުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާއިރު، މާލޭގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ ސޯޝަލް ސެންޓަރުންނާއި ހުޅުމާލެ ފްލޫ ކުލިނިކް ހުރި އިމާރާތުގައި ޤާއިމްކޮށްފައިވާ ވެކްސިން ސެންޓަރުންނެވެ.
ވެކްސިން ޖަހަން އަންނަ އިރު އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވެކްސިން ޖަހަންދާ މީހަކީ ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހަކަށް ވާންވާނެ ކަމަށާއި، އަދި ކަރަންޓީންގައި ހުރި މީހަކަށް ވެގެން ނުވާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. ވެކްސިން ޖަހަން ދާއިރު ގަޔަށް ދޫ ފަސޭހައިން ވެކްސިން ޖެހޭނެ ހެދުމެއް ލައިގެން ދިއުމަށާއި ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށް އެޗްޕީއޭއިންވަނީ އިލްތިމާސް ކުރައްވާފައެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ. އެޗްޕީއޭއިން ބުނީ، ރާއްޖޭގައި މިހާތަނަށް 1،578 މީހަކަށް ވެކްސިން ދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ދިން 1،309 މީހަކާއި އަތޮޅުތަކުން ވެކްސިންދިން 269 މީހެކެވެ. މިއަދު އެކަނިވެސް 742 މީހަކަށް ރާއްޖޭގައި ވެކްސިން ދީފައިވެއެވެ. އޭގެ ތެރޭހައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ދިން 643 މީހަކާއި، އަތޮޅުތަކުން ވެކްސިން ދިން 99 މީހެކެވެ. މާލޭގައި 6 ތަނެއްގައި ވެކްސިން ދެމުން އަންނަ އިރު، އަތޮޅުތަކުގެ 3 ތަނެއްގައި ވެކްސިން ދެމުން ގެންދެއެވެ.
ރާއްޖޭގައި ރަސްމީކޮށް ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. ރާއްޖެ މިވަގުތު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އޮތުމުގެ ސަބަބުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އަދި ވެކްސިން ދެމުންގެންދާނީ ވެކްސިން ޖެހުމަށް ޚާއްސަ ޕޯޓަލްގައި ރަޖިސްޓްރީވަމުންދާ ފަރާތްތަކަށްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ