އެއްވެސް ނުފޫޒެއްނެތި ޝަރީއަތް ކުރުމުގެ މިނިވަންކަން މިހާރު އެބައޮތް: ރައީސް

އެއްވެސް ނުފޫޒެއްނެތި ޝަރީއަތް ކުރުމުގެ މިނިވަންކަން މިހާރު އެބައޮތް: ރައީސް

Author
މުޙައްމަދު ޝަޒައިމް
04 ފެބްރުއަރީ 2021 11:36
0

ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ، މައްސަލަތައް ނިންމުމުގެ މިނިވަންކަން އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށުކޯޓާ ހަމައަށް މިހާރު އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ދާއިރާތަކަށް ގެނެވުނު ބަދަލުތަކާއި ޚާއްސަކޮށް ދައުލަތުގެ ތިންބާރުގެ މިނިވަންކަން ގާއިމް ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކަށް ތަފްސީލީ ގޮތެއްގައި އަލި އަޅުވާލާފައެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ތިންބާރުގެ ތެރެއިން ޝަރުޢީ މަރުހަލާއަކީ މިއަދު މިނިވަންކަމާއިއެކު އެއްވެސް ނުފޫޒެއްނެތި ޝަރީއަތް ކުރުމުގެ ފުރިހަމަ އިހުތިޖާރު އޮތް މިނިވަން ބާރެއް ކަމަށެވެ.

މީގެ ދެ އަހަރު ކުރިން އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު، ޢަދުލްއިންސާފުގެ ނިޒާމަށް، ރައްޔިތުންގެ ހިތުގައި އެއްވެސް އިތުބާރެއް ނެތް. ފަނޑިޔާރުގެ އިޞްލާޙުކުރުމަށް މިދިޔަ 2 އަހަރު ކުރި މަސައްކަތުގެ ނަތީޖާ ފެންނަންފަށައިފި. ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ، މައްސަލަތައް ނިންމުމުގެ މިނިވަންކަން އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށުކޯޓާ ހަމައަށް މިހާރު އެބައޮތް.

– ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޝަރުއީ މަރުހަލާގައި މިހާރު ހިނގަމުންދާ މައްސަލަތައް އަވަސް ކުރުމަށްޓަކައި ސަރުކާރުން ޤާނޫނަތަކަށް ގެންނަންޖެހޭ ބަދަލު ގެނެސް އެމަސައްކަތް ކުރައްވާނެކަމަށެވެ. ޚާއްސަކޮށް އަވަހަށް އިންސާފު ލިބޭނެ އިންތިޒާމު ޤާއިމްކޮށް ބޭނުންވާ ޤާނޫނުތައް އެކުލަވާލުމަށް މިއަހަރުގެ ތެރޭގައި މަޖިލީހަށް އިތުރު ބިލްތަކެއް ފޮނުއްވާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ޝަރުޢީ މަރުޙަލާ އަވަސްކޮށް، އިންޞާފު ލިބޭނެ އިންތިޒާމް ކަށަވަރުކުރުމަށްޓަކައި، ސަރކިޓް ކޯޓް ތަޢާރަފްކުރުމަށް ބޭނުންވާ ޤާނޫނުގެ ބިލު އެކުލަވާލައި، މިއަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅަން އަޅުގަނޑު ޤަޞްދުކުރަން.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްކުރަން ނިކުމެ ތިބިއިރު، މިކަމުގައި އެމަނިކުފާނަށާއި، ސަރުކާރަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ މަޖިލީހުންކަކަމަށެވެ. އެކަމުގައި އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާރޓީތަކުގެ މެމްބަރުންނާއި، އަދި ވާދަވެރި ސިޔާސީ ޕާޓީތަކުގެ މެމްބަރުންމިމަޖިލީހުގެ ތަޅުމުގަޔާއި ކޮމިޓީތަކުގައި ކުރައްވާ ބުރަ މަސައްކަތްތަކަށްޓަކައި، މަޖިލީހުގެ ހުރިހާ މެމްބަރުންނަށާއި މަޖިލީހުގެ ރައީސަށާއި ނައިބު ރައީސަށް އަދި ޕާލަމެންޓްރީ ގްރޫޕުތަކުގެ ލީޑަރުންނަށް، ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.

މިދިޔަ އަހަރު މަޖިލީހުން ފާސްކޮށް ތަޞްދީޤުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވި 35 ބިލެއްވަނީ ތަޞްދިޤު ކުރައްވާފައެވެ. ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް، ހެޔޮވެރިކަމުގެ އުޞޫލުން، ރާއްޖެ ކުރިއަރުވައި ތަރައްޤީކުރުމަށް ބޭނުންވާ އިތުރު ޤާނޫނުތަކުގެ ބިލުތައް، މިއަހަރުގެ ތެރޭގައިވެސް މަޖިލީހަށް  ފޮނުވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.