ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ބައިވެރިނުވެ މަޖިލިސް ތަޅުމުން ބޭރުގައި އިދިކޮޅު މަޖިލިސް މެމްބަރުން ކުރި އިހުތިޖާޖުގެ އަޑު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އައްސަވައިފިއެވެ.
މަޖިލިސް ޖަލްސާ ބޮއިކޮޓްކޮށް މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުންވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި، އަޑު އުފުލާފައެވެ. އިދިކޮޅު މެމްބަރުން މަޖިލިސް ތެރޭގައި އުފުލަމުންދިޔަ އަޑު އައްސަވައި މެމްބަރުން ކައިރިއަށް ރައީސް ޞާލިހުވަނީ ވަޑައިގެން ކޮންމެވެސް ވަރަކަށް މެމްބަރުންނާއި ވާހަކަވެސް ދައްކަވާފައެވެ.
ރައީސް ޞާލިހު މި ޝުޢޫރުތައް ބައްލަވާލައްވައި އަޑު އެއްސެވިއިރު، އެމަނިކުފާނުގެ އަރިހުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ހުންނެވިއެވެ. މަޖިލީހުގެ ޖަލްސާ އިދިކޮޅުން ބޮއިކޮޓް ކޮށްފައިވަނީ ރައީސާ ޔާމީނަަށް ނުހައްގުން ދެމުންދާ އަނިޔާތަކާއި، ގުޅިގެންކަމަށް އެކޯލިޝަނުން ބުނެއެވެ. އަދި މިހާތަނަށް ރައީސް ޞާލިހު އިއްވެވި އެއްވެސް ބަޔާނަކުން ރައްޔިތުންނަށް ނަތީޖާ ނެރެދެވިފައި ނުވާކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
މަޖިލީހުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުގެ މަތީން މަޖިލީހުގައި ރައީސް ޞާލިހު ދެއްވި ރިޔާސީ ބަޔާނަށް ރައްދު ދިނުމުގެ ފުރުސަތު މަޖިލީހުގެ މައިނޯރިޓީ ލީޑަރަށް ދޭންޖެހެއެވެ. މަޖިލިސް ރައީސް ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން އެފުރުސަތު އިދިކޮޅު މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމަށް ދެއްވާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ