މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށާއި، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢު މިއަހަރުގެ ތެރޭގައި ފަށާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގެން އެކަންކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ. ކޯވިޑް-19 އާއި އެކު ދިމާވި ދަތިތަކާއި އެކުގައިވެސް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަން ރައީސްވަނީ ފާހަގަ ކުރައްވާފައެވެ. ރައީސް ވިދާޅުވީ އިންޓަނޭޝަނަލް ކޮމާޝަލް ޕޯޓާއި ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް6 މަސް ތެރޭގައި ފެށިގެން ދާނެކަމަށެވެ.
މާލެއާއި ވިލި މާލެއާއި ގުޅިފަޅު އަދި ތިލަފުށި ބްރިޖުން ގުޅާލުމުގެ ޢަމަލީ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 6 މަސްތެރޭގައި ފެށިގެންދާނެ.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމަށްވެސް މުހިންމު ވައުދުތަކެއް ރައީސް ވަނީ ވެ ވަޑައިގެންފައެވެ. އެގޮތުން މާލެއާއި އެހެން ބައެއް ރަށްރަށަށް ދިމާވެފައިވާ، ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން ދާކަމަށާއި، އެގޮތުން ޅ.ނައިފަރާއި ބ.ތުޅާދޫ އަދި ތ.ތިމަރަފުށީގައި މިސަރުކާރުން ހަދާ ހައުސިން ޔުނިޓްތަކުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށް ދާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މ.ކޮޅުފުށީގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މިއިން ކޮންމެ ރަށެއްގައި ވެސް 100 ހައުސިން ޔުނިޓް ހަދާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
މާލޭގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް ރޭވި މަޝްރޫޢުތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުމަށްފަހު، އެމަޝްރޫޢުތަކުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އޭގެ ތެރެއިން، 1000 ހައުސިންގ ޔުނިޓްގެ ޢަމަލީ އްކަތް ވަނީ ފަށާފައި. އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖުގެ 2000 ހައުސިން ޔުނިޓު ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފްތާގައި ވާނީ ސޮއިކޮށްފައި. މިޔުނިޓްތަކުގެ އަމަލީ މަސައްކަތް މެއި މަހުގެ ތެރޭގައި ފެށޭނެ. މިހައުސިން ޔުނިޓުތަކަކީ ކުރިން ތަރައްޤީކޮށްފައިވާ މިގިންތީގެ ހައުސިން ޔުނިޓްތަކާ އަޅައި ބަލާއިރު،ސައިޒުގެ ގޮތުންވެސް ތަނަވަސް އަދި ނިސްބަތުން އަގުވެސް ހެޔޮ ޔުނިޓުތަކަކަށްވާނެ. އަދި އިތުރު 2000 ހައުސިން ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މާލެ ސަރަހައްދުގައި ފެށޭނެ. އޭގެ އިތުރުން މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދުނުމަށް އިތުރު މަޝްރޫއެއް ފެށުމަށް މިއަންނަނީ ޕްލޭންކުރަމުން.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފެނާއި ނަރުދަމާ ނިޒާމަކީ، ރައްޔިތުންނަ ލިބެންޖެހޭ އަސާސީ ޙައްޤަކަށް ވިޔަސް، އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ 70 އިންސައްތައަށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ނިޒާމެއް ނެތްކަމަށެެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ރަށްރަށުގައި އެމަޝްރޫޢުތައް ވާނީ ފަށާފައިކަމަށާއި، މިހާތަނަށް ނުފެށި ހުރި ރަށްރަށުގެ ތެރެއިން 20 ރަށެއް ފިޔަވައި، އެހެން ހުރިހާ ރަށެއްގެ މަސައްކަތް، މިމަސް ނިމުމުގެ ކުރިން އެކި ފަރާތްތަކާ ޙަވާލުކުރެވޭނެ ކަމަށެވެ. އަދި އެ 20 ރަށުގެ މަސައްކަތް ވެސް މިއަހަރު ނިމުމުގެ ކުރިން ބަޔަކާ ޙަވާލުކުރެވިގެން ދާނެކަމަށެވެ. އޭރުން، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހައި ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ