މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނުއެވެ.
މާދަމާގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ދައްކަވާނެ ވާހަތަކާއި، ދެއްވާނެ އުންމީދުތަކުގެވާހަަ މިހާރުވެސް ބައެއް ބޭފުޅުން ދަނީ ހާމަކޮށްދެއްވަމުންނެވެ. ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ދަނީ އެކި މީޑީޔާތަކުގައި މާދަމާގެ ބަޔާނަކީ އުންމީ ބަޔާނަކަށް ވެގެންދާނެކަމަށް ވިދާޅުވެ އެކި މެސެޖް ދެއްވަމުންނެވެ. މާދަމާގެ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނެ ޔަގީންކަމާއި، އިތުބާރަކީ ކޯވިޑްގެ ދަތިތަކާއިއެކު ރައްޔިތުންނަށް ދެވޭނެ ވަރަށް އުންމީދީ ޔަގީންކަމަކާއި ވާހަތަކަކަށް ވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މާދަމާ ރިޔާސީ ބަޔާން ދެއްވާއިރު މިދިޔަ އަހަރުގެ ދެއްވި ރިޔާސީ ބަޔާނުން ހާސިލްވި މިންވަރާއި ދެއްކެވި ވާހަތަކުގެ ހަނދާން އާކޮށްލުމަކީ މާދަމާގެ ބަޔާން އަޑު އެހުމުގެ ކުރިން ކޮށްލުން މުހިންމު ކަމެކެވެ. 2020 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ ތެރެެެއިން ކޯވިޑް-19 އާއިއެކު ވަނީ ހުއްޓި ރިޔާސީ ބަޔާނުން ޔަގީންކަން ދެއްވި ގިނަ ކަންކަންވަނީ ހާސިލް ނުކުރެވިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން 2020 ގައި ފާހަގަކޮށްލެވޭ މުހިންމު ޕޮއިންޓްތައް:
- ގުޅިފަޅުގައި ބައިނަލްއަޤްވާމީ ފެންވަރަށް ހަދާ ވިޔަފާރި ބަނދަރުގެ މާސްޓަރޕްލޭންގެ މަސައްކަތް ނިންމައި، ބަނދަރުގެ ޢަމަލީ މަސައްކަތް، މިއަހަރު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
- މާލެ-ތިލަފުށި ގުޅުވައިދޭ ބްރިޖްގެ ޑިޒައިންއާއި ސާވޭގެ މަސައްކަތް މިދިޔަ އަހަރު ވަނީ ފެށިފައި. އަދި ބްރިޖްގެ ޢަމަލީ މަސައްކަތް މިދިޔަ އަހަރުގެ ތެރޭ ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
- ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި، ރާއްޖޭގެ 6 ރަށެއްގައި އެއާޕޯޓްތައް ތަރައްޤީކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
- ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ، މިހާރު ހުރި 2000 ޓަނުން 6000 ޓަނަށް، އަދި ފެލިވަރުގެ ކެޕޭސިޓީ 4000 ޓަނަށް އިތުރުކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި އިންވެސްޓް ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
- ހިޔާ މަޝްރޫއުގެ 7000 ފްލެޓް، މިދިޔަ އަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ޙަވާލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
- މާލޭ ރަށްވެހިންނަށް ހުޅުމާލޭގައި ހެދުމަށް މި ސަރުކާރުން ނިންމި ފުރަތަމަ 4000 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް، މިދިޔަ އަހަރުގެ ތެރޭގައި ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
- ހދ. މާވައިދޫ، ފަރިދޫ އަދި ކުނބުރުދޫން، 2011 ވަނަ އަހަރު އެ އަތޮޅު ނޮޅިވަރަންފަރަށް ބަދަލުކުރި ޢާއިލާތަކުގެ ތެރެއިން، ދާއިމީ ބޯހިޔާވަހިކަން ނުލިބޭ ޢާއިލާތަކަށް ބޭނުންވާ، 60 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ނިންމައި، މިދިޔަ އަހަރު ތެރޭގައި އެތަންތާގައި ދިރިއުޅެން ފެށޭވަރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
- ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި، ރައްޔިތުން އިންތިޚާބުކުރި ސަރުކާރުގެ އެންމެން، އެކުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރިޔާސީ ބަޔާން ވެގެންދާނީ ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ދެއްވާ 3ވަނަ ރިޔާސީ ބަޔާނަށެވެ. މިބަޔާނުގައި ރައްޔިތުންނަށް އުފާވެރި ޚަބަރުތަކެއް ދެއްވާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެކަމަށެވެ.
2 Responses
PPM GE TEAM RUKURAVAALAN GOVAALAN
midhiya aharu riyaasee dhogu thakeh hedheeves covid ge haalathah iru ossunu fahun