ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަޅުމުގައި އިށީދެ ވަޑައިގެން ތިއްބަވާ ތަރުތީބުތަކަށް ބަދަލު ގެނެސް އަންނަ އަހަރުގެ މަޖިލިސް ހުޅުވެންވާއިރަށް އެރޭންޖްމަންޓަށް ބަދަލު ގެންނަން މަސައްކަތް ފަށައިފި އެވެ.
މަޖިލީހުގެ ތަޅުމުގައި މެމްބަރުން ތިއްބަވާ ތަރުތީބަށް ބަދަލު ގެނައުމަށްޓަކައި ދިރާސާކޮށް ގޮތެއް ނިންމުމަށް އެދި މަޖިލީހުގެ އިދާރާއިން ވަނީ އާންމު ކޮމިޓީއަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މެމްބަރުން އިށީންދެވަޑައިގަންނަވާ ތަރުތީބު ބަދަލު ކުރެއްވުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކި ފަހަރުމަތިން މެމްބަރުން ފާޅުކުރައްވާފައިވާ ޚިޔާލުފުޅުތަކާއި ގުޅިގެން މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މެމްބަރުން އިށީންދެ ވަޑައިގަންނަވާނެ ގޮތުގެ ތަރުތީބު ބަދަލު ކުރުމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާ ގޮތުގެ ރިޕޯޓެއް ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށުމުގެ ކުރިން ފޮނުވައިދިނުމަށެވެ.
މިކަމާއި ގުޅޭގޮތުން ކޮމިޓީގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ހާމަކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ކޮމިޓީގެ ނައިބު މުގައްރިރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރ ހަސަން ޝިޔާން ވިދާޅުވީ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި މެމްބަރުންގެ އިށީންދެވަޑައިގަންނަވާ ތަރުތީބު ހުރި ގޮތުން އެކަމާމެދު މެމްބަރުން މީގެކުރިން ޝުއޫރު ފާޅުކުރައްވަމުން ގެންދަވާފައިވާ ކަމަށެވެ. އެގޮތުން މާލެ އާއި އަތޮޅުތަކުގެ މެމްބަރުންގެ މެދުގައި ތަފާތު ކުރުންތަކެއް ހުންނަކަން ފާހަގަވާ ކަމަށް މެމްބަރުން ގަބޫލުކުރައްވާ ކަމަށް ޝިނާން ވިދާޅުވިއެވެ.
އެހެންނަމަވެސް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު ރަޝީދު ވަނީ ޝިޔާން ހުށަހެޅުއްވި ގޮތަކީ ރިޔާސީ ނިޒާމަށް ވުރެ ބޮޑަށް ބަރުލަމާނީ ނިޒާމުގައި ޤާނޫނު ހަދާ މަޖިލީސްތަކުގައި މެމްބަރުން އިށީންދެވަޑައިގަންނަވާ ތަރުތީބު ހުންނަ ގޮތް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
މިގޮތަށް ބަދަލު ގެންނައިރު ޕާޓީޓަކުގެ ޝީޓްތަކުގެ ތަރުތީބު ކަނޑައަޅާނީ އެޕާޓީއެއްގެ ޕާލިމަންޓްރީ ގްރޫޕަކުން ނެވެ. އަދި ކޮމިޓީގެ މެމްބަރުން ވެސް ވަނީ ޒަމާނުއްސުރެ މަޖިލީހުގައި މެމްބަރުން އިށީދެ ތިއްބަވާ ގޮތަކަށް ބަދަލު ގެންނައިރު ކަންކަން ރަނގަޅަށް ބަލާ ދިރާސާ ކުރުމަށްފަހު މަޖިލީހުން ގޮތެއް ނިންމުމަކީ ރަނގަޅު ކަމަކަށްވާނެކަމަށް މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.
މަޖިލީހުގައި މެމްބަރުން ތިއްބަވާ ތަރުތީބަށް މަޖިލީހުގެ އިދާރާއިން އެދިވަޑައިގެން ބަދަލުތަކެއް ގެންނައިރު، މިބަދަލުތަކާއިއެކު މަޖިލީހުގެ ތަޅުމުން މިފެށޭ ދައުރުގެ ތެރޭގައި މިކަމަށް ގޮތެއް ކަނޑައެޅިގެންދާނެއެވެ. އަދި މިގެންނަ ބަދަލުތަކާއިއެކު މަޖިލީހުގެ ތަޅުމަށް ބަދަލު ގެނެސް އެރޭޖްމަންޓަށް ބަދަލު ގެނެވިގެންދަނީ އަންނަ އަހަރުގެ މަޖިލީހުގެ ޖަލްސާތައް ފެށެންވައިރަށް ކަމަށް މެމްބަރުން ދެކެއެވެ.
ކޮމިޓީގެ މެމްބަރުން ވެސް ވަނީ ޒަމާނުއްސުރެ އޮތްގޮތަކަށް ބަދަލު ގެންނައިރު ކަންކަން ރަނގަޅަށް ބަލާ ދިރާސާ ކުރުމަށްފަހު މަޖިލީހުން ގޮތެއް ނިންމުމަކީ ރަނގަޅު ކަމަކަށްވާނެ ކަަމަށް ވިދާޅުވެފައެވެ.