ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުން އައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 5-0 އިން ހޯދިފިއެވެ.
މާޒިޔާ އިން ލީޑުނެގީ މެޗުގެ އަށް ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލުންނެވެ. އައިސަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ހަމްޕު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަ ގްރާންޑޭގެ ކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) އަތުގައި ޖެހިފަ އެވެ. މާޒިޔާ އިން ލީޑުފުޅާކުރީ މެޗުގެ 31 ވަނަ މިނިޓްގަ އެވެ. ހަމްޕު ތިރިތިރިން ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލާފަ އެވެ.
އޭގެ ފަހުން ހާފު މެދުތެރެއިން ހަމްޕު ޖެހި ބާރު ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ކީޕަރު އިޔާން އަތުގައި ޖެހިފައި އެ ބޯޅަ ވެއްޓުނީ ގޯލު ތެރެއަށެވެ. މާޒިޔާގެ ހަތަރު ވަނަ ގޯލު ޖެހީ މެޗުގެ 57 ވަނަ މިނިޓްގައި ހުސެއިން ނިހާން (ނިހާޓް) އެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ ނިހާޓް ވަނީ ފަސޭހައިން ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.

އޭގެ 10 މިނިޓް ފަހުން ކޯނޭ ވަނީ ދަ ގްރާންޑޭ ޑިފެންޑަރުންނާއި ކީޕަރު އިޔާނަށް ލިބުމުގެ ކުރިން ބޯޅަ ހޯދައި މާޒިޔާ އަށް ފަސް ވަނަ ގޯލެއް ޖަހައިދީފަ އެވެ. މި ހޯދި ބޮޑު މޮޅާ އެކު ލީގުގެ އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އިން ހަ ޕޮއިންޓުގެ ލީޑެއް ވަނީ ނަގާފަ އެވެ.
ލީގުގެ އެއް ވަނާގައި މާޒިޔާ އޮތީ ނުވަ މެޗުން 21 ޕޮއިންޓާ އެކު އެވެ. ދެ ވަނާގައި އޮތީ ވެލެންސިއާ އެވެ. ވެލެންސިއާ އާއި ތިން ވަނާގައި އޮތް ދަ ގްރާންޑޭ އަށް ނުވަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.
ކޮމެންޓު ފޮނުވާ