ހަނގުރާމައަށް މީހުން ފޮނުވުމުގެ ރާއްޖޭގެ އިސް ލީޑަރުކަމަށް ބުނާ އަމީން ގޭބަންދަށް ބަދަލުކޮށްފި

ހަނގުރާމައަށް މީހުން ފޮނުވުމުގެ ރާއްޖޭގެ އިސް ލީޑަރުކަމަށް ބުނާ އަމީން ގޭބަންދަށް ބަދަލުކޮށްފި

Author
މުޙައްމަދު ޖިމީ
03 ފެބްރުއަރީ 2021 04:51
0

ރާއްޖެއިން މީހުން ހަނގުރާމައަށް ފޮނުވުމުގައި ރާއްޖޭގައި އިސްކޮށް އުޅޭކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި ޢަމުރު މުރާޖަޢާކޮށް އެނާ ގޭބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމާއި، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވައި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ތުހުމަތުގައި އަމީން ހައްޔަރުކުރީ2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކުރީ ޑިސެމްބަރު 15، 2019ގައެވެ. އަމީންގެ މައްޗަށް ކޮށްފައިވާ ޝަރިޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ ޢަމުރު މުރާޖަޢާކުރުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައ ދައުލަތުން ވަނީ،ި އަމީނަކީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްކަމަށާއި، އޭނާ ބަންދުން ދޫކޮށްލަން ޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ޤަބޫލު ނުކުރާކަމަށް ބުނެފައެވެ.

ނަމަވެސް އަމީންގެ ދިފާޢީ ވަކީލު ވަނީ މީގެ ކުރިންވެސް، ޖިނާޢީ ބޮޑެތި މައްސަލަތަކުަގއި ހައްޔަރުކުރާ މީހުންގެ ބަލި ހާލަތަށް ރިޔާއަތްކޮށް ދޫކޮށްލާނަ ފާހަގަކޮށްފައެވެ. އަދި އަމީންގެ ބަލި ހާލަތުވެސް ގޮސްވަމުން އަންނައިރު، އެކަށީގެންވާވަރަސް ބޭސްފަރުވާ ކަރެކްޝަންސް އިން ކޮށް ނުދޭކަމަސް ބުނެފައެ. އެހެންކަމުން އޭނާ ދޫކޮށްލުމަށް އަމީންގެ ވަކީލް އެދުނެވެ. އަދި ގޭބަންދުގައި ބަހައްޓައިގެން  ފަރުވާ ދިނުމަށް އެއްމަސްދުވަހަށް ގޭބަންދަށް ބަދަލުކޮށްދިނުމަށްވެސް ވަކީލް އެދުނެވެ. އަމީން އަކީ އާތުރައިޓިސް ނުވަތަ ރާއްޖެ ބަލި ހުންނަ މީހެއްކަމަށް ބުނެފައިވެއެވެ. ނަމަވެސް ކަރެކްޝަންސްގެ އޮފިޝަލުން ވަނީ އޭނާއަށް ބޭސްފަރުވާ ދެމުން ގޮސްފައިވާކަމަށް ބުނެފައެވެ. ކަރެކްޝަނުން ވަނީ އޭނާއަށް ބެސްފަރުވާ ދިނުމަށް ގެންދިޔަ ތާރީޚްތައްވެސް ކިޔައިދީފައެވެ. ނަމަވެސް އަމީން ވަނި ޑޮކްޓަރަށް ދެއްކިނަމަވެސް ބޭނުންވާވަރަށް ފަރުވާ ނުލިބޭކަމަށް ބުނެފައެވެ. ދައުލަތުގެ ވަކީލްވެސް ވަނީ އަމީނަށް ޖަލުގައި އެކަށީގެންވާ ވަރަށް ބޭސްފަރުވާ ދެވޭކަމަށް ޤަބުލުކުރާކަމަށް ބުނެފައެވެ. އެހެންކަމުން އަމީންގެ ބަންދު ދެމެހެއްޓުމަށް ދައުލަތުން އެދުނެވެ.

ނަމަވެސް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ވަނީ، އަމީނަށް ބޭސްފަރުވާ ނުލިބޭ ވާހަކަ އޭނާ ބަންދު ކުރިތާ މިވީ 14 މަސް ދުވަހުގެ ތެރޭގައި އޭނާ ދައްކަމުން ގޮސްފައިވާކަމަށް ބުނެފައެވެ. ނަމަވެސް އެކަށީގެންވާވަރަށް ބެސްފަރުވާ ދެވިފައިވާކަމަށް ޤަބޫލު ނުކުރާކަމަށް ބުނެފައެވެ. އަދި އަމީނަށް އޭނާ ހުންނަ  ގޮޅިން ނުކުމެ ހިނގާ ކަސްރަތުކޮށް އުޅުމުގެ ހައްގުވެސް އެންމެ އެކަށޭނަ މިންވަރަށް ނުލިބޭކަން ފާހަގަކޮށް ޤާޒީ ވަނީ އެ ދެ އަސާސީ ހައްގު އެންމެ ފުރިހަމައަސް ނުލިބި އޮތްކަމަށް ޤަބޫލުކުރެވޭކަމަށް ވިދާޅުވެ އޭނާ ގޭބަންދަށް ބަދަލުކުރުމަށް ޢަމުރުކުރައްވާފައެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކުގައި ބޮން ގޮއްވާލި މައްސަލައިގައި ވެސް ތުހުމަތުކުރެވުނު މީހެކެވެ. އެފަހަރު އޭނަ ހައްޔަރުކުރަން އިއުލާންކޮށް، އިންޓަޕޯލް މެދުވެރިކޮށް ރެޑްނޯޓިސް ވެސް ނެރުނެވެ. އޭގެ ހަތަރު އަހަރު ފަހުން 2011 ވަނަ އަހަރު އޭނަ އަތުލައިގަނެ ރާއްޖެ ގެނައި ނަމަވެސް ފަހުން ވަނީ ދޫކޮށްލާފައެވެ. ޏ.ފުވައްމުލައް/މާދަޑު، ކަރިއްޔާވިލާ، އުމުރުން 35 އަހަރުގެ މުހައްމަދު އަމީނަކީ އެމެރިކާއިން ޓެރަރިސްޓުންގެ ލިސްޓުގައި ވެސް ހިމެނި މީހެކެވެ.

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް މީހުން ފޮނުވުމުގައި އިސްކޮށް އުޅޭކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ދައުވާކުރުމަށް ފޮނުވާފައިވާއިރު މިފަދަ މީހުން ހައްޔަރުކުރުމަށް ބޮޑެތި ބާރުތަކެއް ފުލުހުންނަށް ލިބިދޭގޮތަށް ދާދި ފަހުން ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެ އިސްލާހުތަކަށް އަމަލުކުރަން ފަށާފައިވާއިރު، ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުން އެނގޭގޮތުގައި މިއީ އައު ގާނޫނުގެ ދަށުން ހައްޔަރުކުރެވުނު މިފަދަ ފުރަތަމަ މީހާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.