ޒަރޫރީ ޚިދުމަތަށް ނިކުމެވޭނެ އުޅަނދުގެ އެންމެ މަދު ޢަދަދު ކަނޑައަޅައިފި

ޒަރޫރީ ޚިދުމަތަށް ނިކުމެވޭނެ އުޅަނދުގެ އެންމެ މަދު ޢަދަދު ކަނޑައަޅައިފި

Author
މުޙައްމަދު ޖިމީ
03 ފެބްރުއަރީ 2021 03:33
0

އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކޮންމެ ޓެކްސީ ސެންޓަރަކަށް 10 ހުއްދަ ދީފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން އިންތިޒާމްތައް ހަމެހިފައިވާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވަމުން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ އެޗްޕީއޭއިން، ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް ގެނެސް އިތުރު ގައިޑްލައިންތަކެއް ކަނޑައަޅާފައިވާކަމަށާއި އެކަމާ ގުޅިގެން އެކަންކަން ތަންފީޒުކުރުމަށް ކުރާ މަސައްކަތުގައި ޒަރޫރީ ބޭނުންތަކަށާ އެކި ހިދުމަތް ދޭ ފަރާތްތަކަށް ކަންކަން ފަހިކޮށްދީ ވަކި ވަގުތުތަކެއް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓް ތެރޭގައި ހިމެނޭ ހުޅުމާލެ އަދި މާލެ ބަހުގެ ދަތުރުތައް ލިބޭނެ އެންމެ ފަހު ވަގުތަކީވެސް އަދި ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅިފައިވާ ރަށްތަކަށް ދަތުރުކުރާ ފެރީތައް ފުރާ ނުވަތަ ފަހު ފެރީގެ ވަގުތަކީވެސް ރޭގަނޑު 10:30 ކަމަށެވެ. އަދި ކޮންމެ ޓެކްސީ ސެންޓަރަކަށް 10 ހުއްދަ ދީފައިވާކަމަށާއި ކާފިއު ވަގުތުތަކުގައި ޓެކްސީގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ސެންޓަރުތަކުން ހަމަޖެހިގެންދާނެކަމަށާއި ކާފިއު ވަގުތުތަކުގައި ޓެކްސީގެ ހިދުމަތް ފޯރުކޮށްދެވޭނީ ހަމައެކަނި ހުއްދަ އޮންނަ ޓެކްސީތަކަށްކަމުގައި ވިދާޅުވިއެވެ.

ހަމައެއާއެކު އެކި ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ސެކިއުރިޓީ ފާމްތަކުގެ މުވައްޒަފުންނަށް އެތަންތަަނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޑިއުޓީގައި ތިބުމަށާއި ޑިއުޓީއަށް ގޮސް އައިސް ހެދުމަށް އެއްވެސް ދައްޗެއް ނުވާނެ ގޮތަށް އިންތިޒާމްތައް ހަމަޖެހިފައިވާކަމަށާއި ސެކިއުރިޓީ ފާމްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ ސަމާލުކަމެއް ދީގެން، އެތަންތަނަށް ކަނޑައަޅާފައިވާ ޔުނީފޯމް ބޭނުންކުރުމަށާއި ކާޑު ފެންނާނެ ހެން ބެހެއްޓުމަށް އެދޭކަމުގައިވެސް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ފެނާއި ގޭސް ފޯރުކޮށްދޭ ފަރާތްތަކަށް ރޭގަނޑު 08:30 ފެށިގެން 11:00 ދޭތެރޭގައި ކޮންމެ ކުންފުންޏަކަށް ދެ އުޅަނދު ބޭނުންކޮށްގެން ހިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާކަމަށާއި މިގަޑިތަކުގައި ކޮންމެ ތަނަކުންވެސް ހާއްސަ ސަމާލުކަމެއް ދީގެން އެގަޑިތަކުގައި ހިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދޭކަމަށް ވިދާޅުވިއެވެ. އަދި އެއާޕޯޓަށް ފުރަންދާ ފަރާތްތަކުންވެސް ޕާސްޕޯޓް އަދި ޓިކެޓް ދެއްކުމުން އެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށާއި ޔުނީފޯމް އަޅައިގެން ޑިއުޓީއަށްދާ ތަންތަނުގެ މުވައްޒަފުން ޑިއުޓީއަށް ދިއުމާއި އަނބުރާ އައުން މީގެތެރެއިން އިސްތިސްނާ ވެގެންދާކަމަށާއި އެ މުވައްޒަފުންނަށް ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން ދީފައިވާ ކާޑު ބޭނުންކުރުމަކީ ވަރަށް ބޮޑަށް އެދޭކަމެއްކަމުގައި ވިދާޅުވިއެވެ.

އަދި ވެމްކޯއިން ކުނި ނެގުމުގެ މަސައްކަތް މިހާރު ކުރަނީ ރޭގަނޑު 10:00ގެ ފަހުންކަން ފަހާގަކުރައްވައި، ސަމީރު ވިދާޅުވީ ވެމްކޯގެ މަސައްކަތުގައި އުޅޭ މުވައްޒަފުން ޔުނީފޯމް ބޭނުންކުރުމާއި ކާޑު ބޭނުންކުރޭތޯ ފުލުހުން ބަލަމުންދާނެކަމަށެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އެހީތެރިންގެ ގޮތުގައި ތިބޭ ފަރާތްތަކަށް ހޮސްޕިޓަލުގެ ލިޔުމެއް އޮވެއްޖެނަމަ އެ ލިޔުމަށް ބަލައި އެފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދޭނެކަމަށްވެސް ވިދާޅުވިއެވެ.

އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ ފަރާތްތައް އޮފީހަށް ދިއުމާއި ގެއަށް ދިއުމަށް އެހެން މީހެއްގެ އެހީތެރިކަން ހޯދާނަމަ އެފަރާތެއްގެ މައުލޫމާތު އެނގޭނެހެން އެ އޮފީހަކުން ލިޔުން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އެދިލެއްވިއެވެ. އައި ޕެޓްރޯލް ޝެޑްތަކުގެ ތެރެއިން އެމަޖެންސީ ބޭނުމަށް ހުޅުމާލެއާއި މާލެއިންވެސް އެއް ޕެޓްރޯލް ޝެޑް ހުޅުވިފައި ހުންނާނެކަމަށާއި އެހެން ޝެޑްތައް ރޭގަނޑު 08:00 ގެ ފަހުން ބަންދުވާނެކަމަށެވެ. އަދި ކާފިއު ވަގުތުތަކުގައި ހުޅުވާފައި ހުންނަ ދެ ޕެޓްރޯލް ޝެޑަކީ  އެމަޖެންސީ ބޭނުންތަކަށް ބޭނުންކުރާ އުޅަނދުތައް ބޭނުންކުރުމަށް ހުޅުވާފައިވާ ދެ ޝެޑްކަން ފާހަގަކުރައްވައި އެހެން ފަރާތްތަކަށް މި ޝެޑްތަކުގެ ބޭނުން ނުކުރެވޭނެކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ހަމައެއާއެކު ރޭގަނޑު 08:30 ން ފެށިގެން ފަތިހު 04:30 އާ ދޭތެރޭގައި އެއްވެސް އުޅަނދެއްގައި ޑެލިވަރީކުރުމަކީ މަނާކަމެއްކަމަށާއި ނޫސްވެރިން އޮފީހަށް އައުމަށާއި އޮފީސް ނިންމައި ގެއަށް ދިއުމަށް ނުވަތަ އިވެންޓަކަށް ދާއިރު ކާޑު އޮތުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. އަދި ޑިއުޓީ ނޫން ގަޑިތަކުގައި ޒަރޫރީ ބޭނުމެއް ނެތްގޮތަށް ފާހުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްގެން ގިނަ ވަގުތު ބޭރުގައި ނޫޅުމަށް އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން ކުރިން ވަކި ވަގުތުތަކެއްގައި މުދާ އުފުލުން މަނާކޮށްފައިވާ އިއުލާން ބާތިލްކޮށް 24 ގަޑިއިރު މުދާ އުފުލޭގޮތަށް ހަމަޖެހިފައިވީނަމަވެސް ކާފިއު ގަޑިތަކުގައި އެ މަސައްކަތް ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

ސަމީރު އިތުރަށް ވިދާޅުވީ ކުރިންވެސް މިގޮތަށް ކުރިއަށް ގެންދިޔަ މަސައްކަތުގެ ތެރެއިން އޭގެ ނަތީޖާ ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވާކަމަށާއި ނަމަވެސް ދިން ލުޔާއެކު އަނެއްކާވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް މައްޗަށް ދާކަން ފާހަގަކުރައްވައި މި މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރައްކާތެރިކަމުގެ ގޮތުން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ބޯލަނބައި އެއަށް އަމަލުކުރުމުގެ އިތުރުން ފުލުހުން އަންގާ އެންގުންތަކަށް އަމަލުކުރުމަށް އިލްތިމާސްކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.