ރާއްޖޭގެ އެއްވެސް ހިސާބެއްގައި މާސްކު ނާޅާ އާންމު ތަންތަނުގައި އުޅޭނަމަ އެމީހަކު 1000 ރުފިޔާއިން ޖޫރިމަނާކުރާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
ރާއްޖޭގައި ކޯވިޑް ހަލުވިކަމާއެކު ފެތުރެމުންދާތީ މާލެ ސަރަހައްދުގައި މާސްކު އެޅުން ކުރިން މަޖުބޫރުކޮށް އަދިވެސް ޢަމަލުކުރަމުން އަންނައިރު، މިމަހުގެ7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށްގައިވެސް ދިރިއުޅޭ މީހުން ބޭރަށް ނިކުންނަނަމަ މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.
ކޯވިޑ1-19 ފެތުރެމުންދާތީ އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައިވާތީ، އެކަމާއި ގުޅޭ މަޢުލޫމާތު ދިނުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ، މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގެ ރަށްތަކުގައިވެސް އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ކުރާ ދުވަހުން ފެށިގެން އެކަން ތަންފީޒްކުރައްވަމުން ގެންދަވާނެކަމަށެވެ. އެގޮތުން ފުލުހުންގެ ޚިދުމަތް ނެތް ރަށެއްނަމަ އެކަން ބަލަމުންދާނީ އެރަށެއްގެ ޓާސްކު ފޯހުންކަމަށްވެސް ސަމީރު ވިދާޅުވިއެވެ. ކޮންމެ ރަށެއްގައި އެކުލަވާލާފައިވާ ޓާސްކު ފޯހުގައިވެސް ފުލުހުންގެ ދައުރު ހިމެނެއެވެ.
އެހެންކަމުން މާސްކު އެޅުމުގެ ފިޔަވަޅުތަކަށް އަމަލުކުރޭތޯ ފުލުހުންނާއި ޓާސްކުފޯހުން ބަލަމުން ދާނެކަމަށާއި، އެއަށް ޢަމަލުނުކޮށްފިނަމަ އެމީހަކު 1000 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް ސަމީރު ވިދާޅުވިއެވެ.
ރާއްޖޭގައި އައު އަހަރަކާއެކު ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، އެއީ ކޯވިޑްގެ އައު ވޭރިއަންޓުގެ ސަބަބުންކަމަށް ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ.ޝީނާ މޫސާ ވަނީ ވިދާޅުވެފައެވެ. ރާއްޖެއަކީ ދުނިޔޭގައި ކޯވިޑްގެ އެންމެ ހައި ރިސްކު ޤައުމުކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ
ކޮމެންޓު ފޮނުވާ