ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންނަށް މާދަމާ ވެކްސިން ދޭން ފަށަނީ

ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންނަށް މާދަމާ ވެކްސިން ދޭން ފަށަނީ

Author
މުޙައްމަދު ޖިމީ
03 ފެބްރުއަރީ 2021 02:26
0

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޯވިޑް-19 ވެކްސިން މާދަމާ ދޭން ފަށާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ދޭން ފަށާފައިވަނީމިމަހުގެ ފުރަތަމަ ދުވަހުއެވެ. ޓޫރިޒަމް މިނިސްޓަރ މައުސޫމުން ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން އެންމެ އިސްކަމެއް ދެއްވާނީ ސީދާ ފަތުރުވެރިންނާއި ދިމާވެ ޚިދުމަތް ދެމުން އަންނަ މީހުންނަށްކަމަށެވެ. ނަމަވެސް ރާއްޖެއަށ ވެކްސިން ލިބެމުންދާ މިންވަރަކުން އެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެނަށްވެސް ވެކްސިން ދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގެ މީހުންނަށް ވެކްސިން ދިނުމަށް އެމީހުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި، އެކަމަށް އެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބޮޑު އެއްބާރުލުމެއް ދެމުން އަންނަކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންނަށް މާދަމާ ވެކްސިން ދޭން ފަށާއިރު، މިހާތަނށް 20،000 ވެކްސިން ޑޯޒް ވަނީ އެމީހުންނަށް ޚާއްޞަކޮށްފައެވެ. އެހެންކަމުން 10،000 މީހުންނަށް ވެކްސިންގެ ދެ ޑޯޒް ދެވޭނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އެސިނާއަތުގައި ގާތްގަނޑަކަށް 51000 މުވައްޒަފުން މަސައްކަތްކުރަމުން ގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.