ޗައިނާއިނާގެ ސައިނޯފާމް ވެކްސިންގެ 5000 ޑޯޒް ރާއްޖެއަށް ލިބިފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ)އިން ބުނެފިއެވެ.
ޤައުމީ ވެކްސިން ޕްރޮގްރާމްގެ ހެޑް ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ ޗައިނާގެ ދެ ކުންފުންޏަކުން ގުޅިގެން އުފައްދާފައިވާ މި ވެކްސިންގެ 5000 ޑޯޒް ހަދިޔާކޮށްފައިވަނީ ހެޔޮއެދޭ ފަރާތަކުންކަމަށެވެ. އަދި އެ ވެކްސިންތައް ރައްކާކޮށްފައިވާކަމަށާއި ވެކްސިން ޖެހުމުގެ ކުރިން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންގެންދާކަމަށް ނަޒްލާ ވިދާޅުވިއެވެ. އެގޮތުން ވެކްސިން ޖެހުމުގެ ކުރިން އެ ވެކްސިނަކީ ރަނގަޅު ވެކްސިންއެއްތޯ ބެލުމަށްޓަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދިރާސާތައް ކުރައްވާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޗައިނާގެ ސައިނޯފާމް ވެކްސިން ރާއްޖެއަށްލިބިފައިވާއިރު، ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެއީ އޮކްސްފޯޑާއި އެސްޓްރަޒެނެކާ ގުޅިގެން އުފައްދާފައިވާ ވެކްސިނެކެވެ. ރާއްޖޭގައި މިހާތަނަށް 800 އަށް ވުރެ ގިނަމީހުންނަށް ވެކްސިން ދީފައިވެއެވެ. އަދި މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ.
ކޮވިޝީލްޑް ވެކްސިންގެ އިތުރުން، ފައިޒާއާއި، އެސްޓްރަޒެނެކާއާއި އެެނޫންވެސް ވެކްސިން ރާއްޖެއަށް ލިބޭނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ