އަދާލަތުގެ ރިޔާސީ އިންތިޚާބު ބާޠިލްކުރުމަށް ކޯޓަށް ހުށައަޅައިފި

އަދާލަތުގެ ރިޔާސީ އިންތިޚާބު ބާޠިލްކުރުމަށް ކޯޓަށް ހުށައަޅައިފި

Author
މުޙައްމަދު ޖިމީ
02 ފެބްރުއަރީ 2021 08:36
0

އަދާލަތު ޕާޓީގެ ރައީސާއި، ނާއިބް ރައީސް ކަނޑައެޅުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި އެޕާޓިގެ އެތެރޭގެ ރިޔާސީ އިންތިޚާބު ބާޠިލްކުރުމަށް ސިވިލް ކޯޓަށް ހުށައަޅައިފިއެވެ. އެމައްސަލަ ކޯޓަށް ހުށައަޅާފައިވަނީ އަދާލަތު ޕާޓީގެ އާންމު މެންބަރެކެވެ.

އަދާލަތު ޕާޓީގެ ރައީސާއި، ނާއިބް ރައީސް ކަނޑައެޅުމަށް ބޭއްވި އެޕާޓީގެ ރިޔާސީ އިންތިޚާބު ބޮޑުތަފާތަކުން ކާމިޔާބުކޮށް، ޕާޓީގެ 3 ވަނަ ދައުރުގެ ރައީސްކަމަށްވެސް އިމްރާން އަބްދުﷲ ވަނީ އިންތިޚާބުވެފައެވެ. ހޯމް މިނިސްޓަރގެ މަޤާމުވެސް ފުރުއްވަމުންދާ އިމްރާން މަޤާމަށް އިންތިޚާބު ވެފައިވަނީ އޭނާއާއި ވާދަ ކުރެއްވި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. އޮންލައިންކޮށް ކުރިއަށްދިޔަ މި އިންތިޚާބުގައި 921 ވޯޓު އިމްރާނާއި އޭނާގެ ރަނިން މޭޓު އަޙްމަދު ޝަރީފް އަށް ލިބިވަޑައިގެންނެވި އިރު، އަހުމަދު ޒާހިރުއާއި އޭނާގެ ރަނިން މޭޓް އަޙްމަދު ނަޝީދަށް 167 ވޯޓު ލިބިފައިވެއެވެ. އިމްރާން މި އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ 84.65 އިންސައްތަ ވޯޓުންނެވެ.

އަދާލަތު ޕާޓިގެ ރިޔާސީ އިންތިޚާބު ބާޠިލްކުރުމަށް ސިވިލް ކޯޓަށް ހުށައެޅި މައްސަލާގައިވަނީ، މިދިޔަ މަހު ބޭއްވި އިންތިހާބު ބާތިލްކޮށް އިލްމުވެރިންގެ މަޖިލީހުގެ ބެލުމުގެ ދަށުން އާ އިންތިހާބެއް ބާއްވައިދިނުމަށް އެދިފައެވެ. އަދި އެޕާޓީގެ ކޮންގްރެސް ވަކި މުއްދަތެއްގައި ބާއްވައިދިނުމަށްވެސް އެދިފައިވެއެވެ. މި މައްސަލާގައި ޑިސްޕިއުޓް މަރުހަލާ އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު، ޑިސްޕިއުޓްއިން ނިމުނީ މައްސަލަ ޝަރީއަތަށް ގެންދާށެވެ.

އަދާލަތު ޕާޓިގެ ރިޔާސީ އިންތިޚާބުގެ މައްސަލައެއް ކޯޓަށް ވައްދާފައިވާއިރު، ފަހަކަށް އައިސް އެޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުން އުފެދިފައިވާކަން ވަނީ ހާމަވެފައެވެ.

ޢަދާލަތު ޕާޓީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހެދުމުގެ ހުއްދަ ދޫކުރަން ފެށިފަހުން 3 ވަނަ އަށް އުފެދުނު ޕާޓީއެވެ. ޢަދާލަތު ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ 18 އޯގަސްޓް 2005 ގައެވެ. އިލެކްޝަންސް ކޮމިޝަނުގެ ޕާޓީތަކުގެ ދަފްތަރު ދައްކާގޮތުން 30 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ޢަދާލަތު ޕާޓީގައި ތިބީ 6436 މެންބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.