ރައީސް ޔާމީން ހާޒިރުކުރީ އެމްއެމްޕީއާރުސީ ޚިޔާނާތާއި ގުޅުންއޮތް ރަށެއްގެ މައްސަލާގައި: ފުލުހުން

ރައީސް ޔާމީން ހާޒިރުކުރީ އެމްއެމްޕީއާރުސީ ޚިޔާނާތާއި ގުޅުންއޮތް ރަށެއްގެ މައްސަލާގައި: ފުލުހުން

Author
މުޙައްމަދު ޝަޒައިމް
02 ފެބްރުއަރީ 2021 06:38
0

ރައީސް ޔާމީން މިއަދު ޕޮލިހަށް ހާޒިރުކުރީ އެމްއެމްޕީއާރުސީ ޚިޔާނާތާއި ގުޅުންއޮތް ރަށެއްގެ މައްސަލާގައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިއަދު ފުލުހަށް ހާޒިރު ކުރައްވާފައިވަނީ އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅިގެން ބަލަމުންދާ އިތުރު ރަށެއްގެ މުއާމަލާތުތަކާއި ގުޅޭ މައްސަލަ އެއްގައި ގުޅޭގޮތުން ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އެފައިސާ ވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އޭސީސީއަށް ނޭގި ބަދަލުކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރައްވާފައިވަނީ ފައިސާގެ އަސްލު އޮޅުވާލަންކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުން ބުނީ ފުލުހުން ކުރަމުން ދަނީ ސިޔާސީ މަސައްކަތެއް ކަމަށާ އެކި މައްސަލަތައް އުފައްދައިގެން ތަހުގީގު ކުރުމުގެ ނަމުގައި ހިންގަނީ އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ހިންގާ ކަންތައްތަކެއް ކަމަށެވެ. ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ފުލުހުން ބަލަމުންދަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ރަށެއްގެ މައްސަލަ ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.