ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވެފައިވަނީ އައު ވޭރިއަންޓު އުޅޭތީކަމަށް ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ.ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިހާރު ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާިއ ގުޅިގެން އިތުރު ފިޔަވަޅުތައް އަލާފައިވާއިރު، އެ ކޭސްތައް އިތުރުވުމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޑރ.ޝީނާ މޫސާ ވިދާޅުވީ، މިހާރު ބަލި ޖެހޭ މީހުންގެ ތެރެއިން ތިން ބައިކުޅަ އެއްބައި މީހުންނަކީ އައު ވޭރިއަންޓް ޖެހިފައިވާ މީހުންކަމަށް ލަފާކުރެވޭކަމަށެވެ.
ޑރ.ޝީނާ ވިދާޅުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެނ %75 ކޭސްތައް މަދުކުރެވުނުކަމަށެވެ. %98މީހުން އޭރުގެ ގައިޑްލައިން ފިޔަވަޅުތަކަށް ޢަމަލުކުރިކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ. ޑޮކްޓަރ ވިދާޅުވީ ފިޔަވަޅުތައް އަޅަތާ 2 ނުވަތަ 3 ހަފްތާ ފަހުން ކޭސްތައް މަދުކުރެވޭނެކަމަށާއި، ނަމަވެސް މިދިޔަ އަހަރުގެ ޖުލަިއ މަހު އަދި އޮގަސްޓާއެކު ދެވަނަ ރާޅުގައި ކޭސްތައް އިތުވިކަމަށެވެ.
ޑރ.ޝީނާ ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތިން ބައިކުޅަ އެއްބައި މީހުންނަކީ މިހާރު ބައެއް ޤައުމުތަކުގައި ފެތުރެމުންދާ ކޯވިޑް-19ގެ އާބާވަތުގެ ވައިރަސްގެ ސަބަބުން ބަލި ޖެހިފައިވާ މީހުންކަމަށް ލަފާކުރެއްވޭ ކަމަށެވެ. ވައިރަހުގެ މި އާ ބާވަތް ފެތުރިގެންދާ އެހެން ޤައުމުތަކުގައިވެސް ކޯވިޑް-19ފެތުރުން ކުރިއަށްވުރެ އަވަސްވެގެން ދިޔަކަން ފާހަގަކުރައްވައި ޑރ.ޝީނާ ވިދާޅުވީ ރާއްޖެއިންވެސް މިވަގުތު ފެންނަމުންދަނީ ވައިރަހުގެ އާ ބާވަތާއެކު އެހެން ޤައުމުތަކުންވެސް ފެނިގެންދިޔަފަދަ ޙާލަތެއްކަމަށެވެ.
ވައިރަހުގެ އާ ބާވަތަކީ ކުރީގެ ބާވަތަށްވުރެ ފެތުރޭލެއް އަވަސް ބާވަތެއްކަމަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކުން ފެންނަން އޮތްކަން ފާހަގަކުރައްވައި ޑރ.ޝީނާ ވަނީ މިޙާލަތުގައި ބަލީގެ ޙާލަތު ގޯސްވެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވުމަކީ ކަންބޮޑުވުމެއްކަމަށެވެ.ކޯވިޑް-19ގެ ކޭސްތައް އިތުރުވެ ޙާލަތު ނުރައްކާތެރި ފައްތަރަކަށް ގޮސްފައިވާ މިދަނޑިވަޅުގައި އެޗްޕީއޭއިން އަންގަވާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރުމަށް ޑރ.ޝީނާ އިލްތިމާސްކުރެއްވިއެވެ.
އެޗްޕީއޭ އިން ރޭ އާއްމުކުރި 24 ގަޑިއިރުގެ ހިސާބުތަކުގައި ވާގޮތުން 215 މީހުން ކޯވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ. މިއީ ރާއްޖޭގެ ހާލަތު މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެންމެ ގޯސްވި އިރު ޕޮޒިޓިވި އަދަދާއި އެއްވަރުގެ އަދަދެކެވެ.
+
ކޮމެންޓު ފޮނުވާ