ހުރިހާ ރަށެއްގައިވެސް މީހުން މާސްކު އެޅުން މަޖުބޫރުކޮށްފި

ހުރިހާ ރަށެއްގައިވެސް މީހުން މާސްކު އެޅުން މަޖުބޫރުކޮށްފި

Author
މުޙައްމަދު ޖިމީ
02 ފެބްރުއަރީ 2021 05:22
0

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މީހުން މާސްކުއެޅުން މަޖުބޫރުކޮށްފިއެވެ. މާސްކު އެޅުން މަޖުބޫރުކޮށްފައިވަނީ މިމަހުގެ7 ވަނަ ދުވަހުން ފެށިގެންނެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އަނެއްކާވެސް އިތުރުވެފައިވާތީ، ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތައް އަނެއްކާވެސް މިވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭރަށް ނިކުންނަނަމަ ހުރިހާ އެންމެންވެސް މާސްކު އެޅުންވަނީ މަޖުބޫރުކޮށްފައެވެ. މިގޮތަށް ނިންމާފައި މިވަނީ އަތޮޅުތަކުގެ ރަށްތަކުންވެސް ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އެޗްޕީއޭއިން އެޅި އައު ފިޔަވަޅުތަކުގެ ތެރޭގައި ގެއިން ބޭރުގައި އުޅޭއިރު، އަނގަޔާއި ނޭފަތާއި ދަތްދޮޅި ނިވައިވާ ގޮތަށް މާސްކު އެޅުމަށް އަންގާފައިވާއިރު، އިސްތިސްނާ ފަރާތްތަކެއް ހިމެނެއެވެ. އެގޮތުން އުމުރުން 2 އަހަރުން ދަށުގެ ކުޑަކުދިންނާއި، ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތުގައާއި، އެހެން މީހެއްގެ އެހީއާނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުންނާއި، .ހޮޓާ،ކެފޭ، ރެސްޓޯރަންޓް، ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ ވަގުތު ހިމެނެއެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެ ކޭސްތައް އިތުރުވެފައިވަނީ ބަލީގެ އައު ވޭރިއަންޓް އުޅޭތީކަމަށް ޑރ.ޝީނާ މޫސާ ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރު ބަލިޖެހޭ މީހުންގެ ތެރެއިން ތިން ބައިކުޅަ އެއްބައި މީހުންނަކީ އައު ވޭރިއަންޓް ޖެހޭ މީހުންކަމަށް ޑރ.ޝީނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.